ލަންކާގައި މަރުގެ އަދަބު ތަންފީޒް ނުކުރަން އީޔޫ އިން އިންޒާރުދީފި
ލަންކާގައި މަރުގެ އަދަބު ތަންފީޒް ނުކުރަން އީޔޫ އިން އިންޒާރުދީފި

ބްރެސަލްސް (ޖުލައި 17) - ސްރީ ލަންކާގައި 42 އަހަރަށް ފަހު މަރުގެ އަދަބު ތަންފީޒް ކުރަން އުޅޭތީ އެކަމާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިންޒާރު ދީފި އެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާ މިދިޔަ ހަފުތާގައި ވަނީ، ތަކުރާރުކޮށް ޑްރަގު ބޭނުންކުރާ ކުށްވެރިން ދަންޖައްސައިގެން މަރުގެ އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އީޔޫ އިން ބުނެފައި ވަނީ ލަންކާ އިން މަރުގެ އަދަބު ތަންފީޒް ކުރާ ނަމަ އެ ގައުމަށް ވިޔަފާރިން ދޭ އިނާޔަތްތައް ކަނޑާލާނެ ކަމަށެވެ.

"ޑިޕްލޮމެޓިކް މިޝަންތަކުން ވަނީ މަރުގެ އަދަބު ތަންފީޒް ކުރަން މަޑުޖައްސާލުމަށް ރައީސް ސިރިސޭނާ އަށް ދަންނަވާފައި،" އީޔޫގެ ސަފީރުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

އީޔޫގެ ބަޔާނަށް ވަނީ ކެނެޑާ އާއި ނޯވޭ އިން ވެސް ތާއީދުކޮށްފަ އެވެ.

ލަންކާ ފުލުހުން ބުނީ ޑްރަގު ވިޔަފާރީގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި އެ ގައުމު ބޭނުން ކުރަމުންދާ ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި ލަންކާ އިން ހިފެހެއްޓި އެއް ޓަނުގެ ކޮކެއިން މިދިޔަ ޖެނުއަރީ މަހު ވަނީ އަންދަލައިފަ އެވެ.

ލަންކާގެ އެންމެ ބޮޑު ޖަލު ވެލިކަޑަ އިން މިހާރު ދަނީ 42 އަހަރަށް ފަހު ދެ މީހަކަށް މަރުގެ އަދަބު ދިނުމަށް ތައްޔާރުވަމުންނެވެ. އެކަމަކު ޑިޕްލޮމެޓުން ބުނަނީ ސިރިސޭނާގެ ނިންމުން ބަދަލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ޕްރިޒަން އޮފިޝަލުން ބުނީ މަރަން ހުކުމްކޮށްފައިވާ 373 މީހުން ލަންކާގެ ޖަލުތަކުގައި އެބަތިބި ކަމަށެވެ. މީގެ ތެރޭގައި ޑްރަގުގެ 18 ކުށްވެރިން ހިމެނެ އެވެ.

"ލަންކާ އިން މަރުގެ އަދަބު ތަންފީޒް ކުރާ ނަމަ އެ ގައުމަށް ދީފައިވާ ޖީއެސްޕީ-ޕްލަސް ސްޓޭޓަސް ގެއްލިގެން ދާނެ،" އީޔޫގެ ޑިޕްލޮމެޓަކު ބުންޏެވެ.

އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާތީ އީޔޫ އިން 2010 ވަނަ އަހަރު ވަނީ ލަންކާ އަށް ދީފައިވާ ޖީއެސްޕީ-ޕްލަސް ސްޓޭޓަސް ކަނޑާލައިފަ އެވެ. ނަމަވެސް ސިރިސޭނާ ވެރިކަމަށް ވަޑައިގަތުމަށް ފަހު ހުށަހެޅުމުން އެ ސްޓޭޓަސް އަލުން ވަނީ ދީފަ އެވެ. ޖީއެސްޕީ-ޕްލަސް ސިސްޓަމުގެ ދަށުން ލަންކާ އަށް އަހަރަކު 300 މިލިއަން ޔޫރޯ (350 މިލިއަން ޑޮލަރު) ގެ ލުއި ލިބޭނެ ކަމަށް ޑިޕްލޮމެޓުން ލަފާކުރެ އެވެ.

ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ 1976 ވަނަ އަހަރު އެވެ.