17 ޖުލައި 2018 - 12:13

މޮސްކޯ (ޖުލައި 17) – ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވުމުން މުޅި އިޓަލީގެ ފުޓްބޯޅައަށް ތާޒާ ބަދަލުތަކެއް އަންނާނެ ކަމަށް އެ ލީގުގައި ކުރިން މޮޅު ކުޅުމެއް ދެއްކި ކަކާ ބުނެފި އެވެ.
އިޓާލިއަން ލީގަކީ ދެ ހާހުގެ އަހަރުތަކާ ހަމައަށް ދުނިޔޭގެ އެންމެ ވަރުގަަދަ ލީގެވެ. އެންމެ މަޝްހޫރު ކުޅުންތެރިން ކުޅެ އަދި އެންމެ މުއްސަނދި ލީގެއްގެ ގޮތުގައި އޮތްއިރު އެ ލީގުގެ ކްލަބްތަކުން ޔޫރަޕުގައި ރަސްކަންކުރި އެވެ. އެކަމަކު ފަހަކަށް އައިސް ވިދުން ވަނީ ފަނޑުވެފަ އެވެ.
"ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމަކީ މުޅި އިޓާލިއަން ލީގަށް ވީ ރަނގަޅެއް. މިދިޔަ ދުވަސްތަކުގައި އިޓަލީ ފުޓްބޯޅަ އަށް ދަތި ވަގުތުތަކެއް އައި. އެކަމަކު ޔުވެންޓަސް އިން އެ ހާލަތުން ސަލާމަތްވެ އަލުން އިޓަލީ އާއި ޔޫރަޕުގެ ގަދަބާރަކަށްވި، އުނދަގޫ ދުވަސްތަކަކަށް ފަހު،" ކަކާ ބުންޏެވެ.
ކަކާ އަކީ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ނޫން ކުޅުންތެރިއަކަށް އެންމެ ފަހުން ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ކުޅުންތެރިއާ އެވެ. އޭނާ އެ ކާމިޔާބީ ހޯދީ އިޓަލީގެ އޭސީ މިލާނުގަ އެވެ. ފަހުން މެޑްރިޑަށް ބަދަލުވި ނަަމަވެސް ވިދުން ފަނޑުވި އެވެ.
ޔުވެންޓަސް އިން ރޮނާލްޑޯ ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޗެމްޕިއަންސް ލީގު ހޯދުން ކަމަށް ލަފާކުރެވެ އެވެ. އެ ޓީމުން 1996 ވަނަ އަހަރު ހޯދި ފަހުން ތަށީގައި އަތެއް ނުލެވެ އެވެ. އޭގެ ފަހުން ކުޅުނު ތިން ފައިނަލުން ވެސް ބަލިވީ އެވެ. ކަކާ ދެކޭ ގޮތުގައި ރޮނާލްޑޯ ގެނައުމުން އެގޮތުން ފައިދާ ވާނީ ހަމައެކަނި ޔުވެންޓަސްއަކަށް ނޫނެވެ.
"އެހެން ހުރިހާ ޓީމުތަކަށް އެޑްވާންޓޭޖް ލިބޭނެ. އިޓާލިއަން ލީގާއި ދަށް ޑިވިޝަންތަކަށް ވެސް. އިޓަލީ ފުޓްބޯޅަ ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން އަދި އޭސީ މިލާނުގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން، އަހަރެން ދެކޭ ގޮތުގައި މިކަން ވެގެންދާނީ އިޓަލީ ފުޓްބޯޅައަށް ލިބިގެންދާ އުފާވެރި ކަމަކަށް،" ކަކާ ބުންޏެވެ.
ރޮނާލްޑޯ އަދި ޔުވެންޓަސް އަށް މެޗެއް ކުޅެފައިނުވީ ނަމަވެސް މިހާރު ވެސް އެ ޓީމަށް އެތައް ފައިދާތަކެއްޖެ އެވެ. އޭގެ ތެރޭގައި ޖާޒީ ވިއްކައިގެން ލިބުނު މާލީ ފައިދާ އާއި ސޯޝަލް މީޑިއާގައި ލިބުނު ކުރިއެރުން އަދި ހިއްސާގެ ބާޒާރުގައި އެ ކްލަބުގެ އަގުއުފުލުން ހިމެނެ އެވެ.
އުމުރުން 33 އަހަރުގެ ރޮނާލްޑޯ، ޔުވެންޓަސް އަށް ބަދަލުވީ 117 މިލިއަން ޑޮލަރެވެ. ރިޕޯޓްތައް ބުނާގޮތުން ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ޔުވެންޓަސްއާ އެކު ރޮނާލްޑޯ ސޮއިކުރީ އަަހަރަކު 30 މިލިއަން ޔޫރޯގެ މުސާރަ އަކަށެވެ.