މިސްރު ސިފައިންގެ އޮފިސަރުންނަށް ދައުވާ ނުކުރެވޭ ގޮތް ހަދައިފި
މިސްރު ސިފައިންގެ އޮފިސަރުންނަށް ދައުވާ ނުކުރެވޭ ގޮތް ހަދައިފި

ގާހިރާ (ޖުލައި 17) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ސަރުކާރު ވައްޓާލުމުގައި ބައިވެރިވެ އެތައް ޖަރީމާއެއް ހިންގާފައިވާ ސިފައިންގެ އޮފިސަރުންގެ މައްޗަށް ދައުވާ ނުކުރެވޭ ގާނޫނެއް އެ ގައުމުގެ ޕާލަމެންޓުން އިއްޔެ ފާސްކޮށްފި އެވެ.

މި ގާނޫނުން ރައީސް އަބްދުލް ފައްތާހު ސީސީ އަށް ވަނީ ޖުލައި 3، 2013 އިން ޖޫން 8، 2014 އާ ދެމެދު ހިންގާފައިވާ ކަންކަމަށް ސިފައިންގެ އޮފިސަރުންގެ މައްޗަށް ދައުވާ ނުކުރުމުގެ ބާރު ދީފަ އެވެ. އަދި ސީސީ އިޚްތިޔާރު ކުރާ ސިފައިންގެ އޮފިސަރުންނަށް ދައުލަތުން އިނާޔަތްތައް ދިނުމުގެ ބާރު ވެސް ބިލުން ވަނީ ދީފަ އެވެ. ބިލްގައި ކަނޑައަޅާފައިވާ މުއްދަތަކީ މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ވެރިކަން ވައްޓާލި ދުވަހުން ފެށިގެން މިސްރުގެ ވެރިކަމާ ސީސީ ހަވާލުވެވަޑައިގެންނެވި ދުވަހާ ހަމައަށެވެ.

މުރްސީގެ ވެރިކަން ވައްޓާލުމަށް ސިފައިން ގެނައި ބަޣާވަތުގައި އެންމެ އިސްކޮށް ހުންނެވީ މިސްރު ސިފައިންގެ އޭރުގެ ވެރިޔާ ސީސީ އެވެ.

ގާހިރާގެ ރާބިއާ މައިދާނަށް އޮގަސްޓް 2013 ގައި އެއްވި މުރްސީގެ މުސްލިމް ބްރަދަހުޑުގެ ސަޕޯޓަރުންނާ ދެކޮޅަށް މިސްރު ސިފައިން ހިންގި އުދުވާނުގައި އެ ޕާޓީގެ 800 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.