01 އޯގަސްޓް 2016 - 15:39

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދޭ "މޯލްޑިވްސް ޓްރެވަލް އެވޯޑް" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މަޓާޓޯ އިން ބުނީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 15 ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
"ކުރިމަތިލުމަށް އިތުރުކޮށްދިން މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ބޮޑަށް މަސައްކަތްކުރާނީ ލޯކަލް ޓްރެވަލް މާކެޓަށް އަމާޒުކޮށްގެން އަލަށް އެވޯޑް ދޭން ކަނޑައަޅާފައިވާ ކެޓަގަރީތައް ޕްރޮމޯޓްކުރުން،" މަޓާޓޯ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މަޓާޓޯ އިން ބުނީ ޓޫރިޒަމް ދާއިރާގައި ރާއްޖޭގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް ދޭން ފެށިތާ ފަސް އަހަރު ފުރުމާ ދިމާކޮށް އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކެއް ވެސް ހިމެނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މި އެވޯޑް ދިނުމުގެ ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވައި ހިދުމަތުގެ ފެންވަރު މަތިކުރުމަށް ހިތްވަރު ދިނުން،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މަޓާޓޯގެ ޓްރެވަލް އެވޯޑު ބޭއްވުމުގެ ހުރިހާ ކަމެއް އިންތިޒާމްކުރުމުގެ ހައްގުގެ ކުރިޔަށް އޮތް ތިން އަހަރަށް ވަނީ ތިންކް އެޑްވަޓައިޒިން އަށް ދީފަ އެވެ.