"ކޯލް އޮފް ދަ ވައިލްޑް" ހެރިސަން ފޯޑަށް ހުށަހަޅައިފި
"ކޯލް އޮފް ދަ ވައިލްޑް" ހެރިސަން ފޯޑަށް ހުށަހަޅައިފި

ފޮކްސް ސްޓޫޑިއޯ އިން ހަދާ ފިލްމް "ދަ ކޯލް އޮފް ދަ ވައިލްޑް" މަޝްހޫރު އެކްޓަރު ހެރިސަން ފޯޑަށް ހުށަހަޅައިފި އެވެ.

އެކަމަކު މިދިޔަ އަހަރު ރިލީޒް ކުރި "ދަ ބްލޭޑްރަނާ 2049" ގެ އެކްޓަރު އަދި ރަސްމީކޮށް އެ ފިލްމަށް ސޮއެއް ނުކުރެ އެވެ. "ދަ ކޯލް އޮފް ދަ ވައިލްޑް" އަކީ 1903 ބައި ޖެކް ލަންޑަން ހަމަ އެ ނަމުގައި ލިޔުނު ވާހަކަ އަށް ހަދާ ފިލްމެކެވެ. މީގައި ކިޔައިދެނީ ވަގަށް ނަގާ ސްލެޑް ކުއްތާއެއްގެ ވާހަކަ އެވެ.

މި ފިލްމަށް ހެރިސަން އެއްބަސްވެއްޖެ ނަމަ އޭނާ ފެނިގެން ދާނީ ޖޯން ތޯންޓަން ކިޔާ ކެރެކްޓާއަކުންނެވެ. މި ފިލްމްގެ ސްކްރީންޕްލޭ "ލޯގަން" ގެ ސްކްރީން ރައިޓަރު މައިކަލް ގްރީންއާ ހަވާލުކޮށްފައިވާ އިރު، ފިލްމް ޑައިރެކްޓް ކުރާނީ "ދަ ކްރުޑްސް" ފަދަ ފިލްމްތައް ގެނެސް ދިން ކްރިސް ސޭންޑާޒް އެވެ.

ވެރައިންޓީން ބުނި ގޮތުގައި ވަރަށް ގިނަ އަދަދަކަށް ސްޕެޝަލް އިފެކްސްޓް ހިމެނޭ "ދަ ކޯލް އޮފް ދަ ވައިލްޑް" ގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ އެވެ. މީގެ ސްޕެޝަލް އިފެކްޓްސް ހަދާނީ އެވެޓާ (2009) ގެ އިފެކްޓްސް ހެދި ޓެކްނޯޕްރޮޕްސް ސްޓޫޑިއޯންނެވެ.

"ދަ ކޯލް އޮފް ދަ ވައިލްޑް" އަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ފިލްމްތައް ހަދާފައިވެ އެވެ. އެއީ 1935 އާއި 1972 ގަ އެވެ.

ހެރިސަން ވަނީ ސްޓީވެން ސްޕީލްބާގް ޑައިރެކްޓް ކުރާ "އިންޑިއާނާ ޖޯންސް" ގެ ފަސް ވަނަ ބަޔަށް ވެސް ސޮއިކޮށްފަ އެވެ. އެ ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖުލައި، 9، 20121 ގަ އެވެ.

"ދަ ކޯލް އޮފް ދަ ވައިލްޑް" ގެ އިތުރު ކާސްޓުންނާއި ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.