ޗެތުރީ ނުހިމަނައި ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ޒުވާން ސްކޮޑެއް ފޮނުވަނީ
ޗެތުރީ ނުހިމަނައި ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ޒުވާން ސްކޮޑެއް ފޮނުވަނީ

އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުން ކެޕްޓަން ސުނިލް ޗެތުރީ އާއި ބައެއް މަޝްހޫރު އެހެން ކުޅުންތެރިން ބާކީކުރިއިރު، ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާ އިން މި ފަހަރުގެ ސްކޮޑުގައި ނުހިމަނާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ޗެތުރީގެ އިތުރުން ފޯވާޑް ޖޭޖޭ ލާލްޕެކްލުއާ، ބަލްވަންތު ސިންގް އަދި ކީޕަރު ގުރްޕްރީތު ސިންގް ހިމެނެ އެވެ.

އިންޑިއާ އިން 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 23 އަހަރުން ދަށުގެ ޓީމަކާ އެކު އެވެ. ޗެތުރީ އަކީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އަށް ފަހު ސާފުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ. ލިސްޓުގެ ކުރީގައި އޮތް ދަގަނޑޭ މިހާތަނަށް ސާފްގައި 20 ލަނޑު ޖަހާފައިވާއިރު، ޗެތުރީ ވަނީ 13 ގޯލު ޖަހައިފަ އެވެ.

އިންޑިއާގެ އޮލިމްޕިކް ކޮމިޓީ އިން ކަނޑައެޅި ކްރައިޓީރިއާ އަށް ނުފެތޭތީ އަންނަ މަހު އިންޑޮނީޝިއާގައި ފަށާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި އިންޑިއާ ބައިވެރިނުވެ އެވެ. އިންޑިއާގެ އޮލިމްޕިކް ކޮމިޓީން ހުއްދަ ދީފައި ވަނީ ރޭންކިން އަށް ބަލާއިރު ގަދަ އަށެއްގައި ހިމެނޭ ކުޅިވަރުތަކަށެވެ. ފުޓްބޯޅައިގައި އިންޑިއާ އޮތީ އޭޝިއާ ސަރަހައްދަށް ބަލާއިރު 14 ވަނައިގަ އެވެ. އެހެންވެ އިންޑިއާ އިން ނިންމީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވީހާ ވެސް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭށެވެ. މި ފަހަރުގެ ސާފްގައި އިންޑިއާ އޮތީ ރާއްޖެ އާއި ސްރީ ލަންކާއާ އެކު ގްރޫޕް ބީގަ އެވެ.

އެ ގޮތުން އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕަށް ނެގި 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ވަނީ ދާދި ފަހުން އިންޑިއާގައި އޮތް 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ކުޅުނު ހަތަރު ކުޅުންތެރިއަކު ހިމަނައިފަ އެވެ. ދެން ހިމެނޭ ކުޅުންތެރިންގެ ތެރެއިން 23 އަހަރުން މަތީގެ ހަމައެކަނި ކުޅުންތެރިއަކީ އިންޑިއަން ޕްރިމިއާ ލީގުގައި ޖަމްޝީދުޕޫރަށް ކުޅުނު ސުމީތު ޕާސީ އެވެ. އޭނާ އަދި މިހާތަނަށް ގައުމީ ޓީމަށް ކުޅުނީ ތިން މެޗެވެ.

އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓީން ބުނީ ޒުވާން ކުޅުންތެރިން ގޮވައިގެން ސާފަށް ދިއުމުގެ ރިސްކު ނަގަން އޭނާ ނިންމީ މި ކުޅުންތެރިން ކެރިއަރުގައި ކުރިއަށްދާން ގައުމީ ޓީމުން ދޭން ޖެހޭ ފުރުސަތު ދޭން ބޭނުންވާތީ ކަމަށެވެ.

ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު އެންމެ ފަހުން ސާފުގައި ވިދާލި ޒުވާން ފޯވާޑް ލަލިއަންޒުއާލާ ޗާންޓޭ އާއި ބެންގަލޫރުގެ ނިޝޫ ކުމާރާއި ޑެނިއަލް ލަލިމްޕުއާ ހިމެނެ އެވެ.

އެންމެ ފަހުން އަމިއްލަ ގައުމުގައި 2015 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު ކޮންސްޓަންޓިން ވަނީ މި މުބާރާތުގައި ދެން އިންޑިއާ އިން ގިނައިން ފުރުސަތު ދޭނީ ޒުވާން ކުޅުންތެރިންނަށް ކަމަށް ބުނެފަ އެވެ. އަދި ދެން އިންޑިއާ އިން ވިސްނާނީ އޭޝިއަން ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް ކަމަށް އޭރު އޭނާ ބުނެފައިވެ އެވެ.

އަންނަ ޖެނުއަރީ މަހު ޔޫއޭއީގައި އޮންނަ އޭޝިއަން ކަޕުގައި އިންޑިއާ ވާދަކުރާއިރު، އެ ޓީމު ލައްވާލީ ޔޫއޭއީ އާއި ތައިލެންޑް އަދި ބަހްރޭނާ އެއް ގްރޫޕެއްގަ އެވެ. ކޮންސްޓަންޓީން ވަނީ މި ފަހަރުގެ ސާފުން ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިންނަށް އޭޝިއަން ކަޕަށްދާ ޓީމުން ޖާގަ ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.

އިންޑިއާ އިން ވަނީ އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ މަހު އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ މުބާރާތެއް ބާއްވައިފަ އެވެ. މި މުބާރާތުގައި ވާދަކުރީ ޗައިނީސް ޓައިޕޭ، ކެންޔާ އަދި ނިއު ޒީލެންޑް އެވެ. އިންޑިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފައިނަލުގައި ކެންޔާ ބަލިކުރުމަށް ފަހު އެވެ.