އެމެރިކާއާ ދެކޮޅަށް އީރާނުން އަނެއްކާވެސް ކޯޓަށް
އެމެރިކާއާ ދެކޮޅަށް އީރާނުން އަނެއްކާވެސް ކޯޓަށް

ތެހެރާން (ޖުލައި 17) - އެއްވެސް އިންސާފެއް ނެތި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާތީ އެމެރިކާއާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ތެހެރާނުން މައްސަލަ ވައްދައިފި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވީ އެމެރިކާ އިން ބައިނަލްއަގުވާމީ ޑިޕްލޮމެސީއާ ޚިލާފަށް ކުރަމުން ގެންދާ ކަންކަން ހުއްޓުވާނެ ކަމަށެވެ. އީރާނުގެ އޮފިޝަލުން ބުނަމުން ދަނީ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތުމަށް ފަހު އީރާނާ ދެކޮޅަށް ގަވާއިދާޚިލާފަށް އެތައް ކަމެއް ކުރަމުންދާ ކަމަށެވެ. މި ގޮތުން 2015 ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް އިއުލާން ކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އޮފިޝަލުން ވަނީ ފާހަގަކޮށްފަ އެވެ.

އަންނަ މަހު 6 ވަނަ ދުވަހުން ފެށިގެން އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާނެ އެވެ. އެމެރިކާ އިން އަމާޒުކޮށްފައި ވަނީ އީރާނުގެ އެނާޖީ، ޕެޓްރޯކެމިކަލް އަދި ފައިނޭންސް ސެކްޓަރަށެވެ.

އެމެރިކާ އިން މިދިޔަ މަހު ބުނެފައި ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް ސުމަކަށް ތިރިކުރަން ކަމަށެވެ.

އެމެރިކާގެ އިންޒާރުތަކަށް ފަހު، ބައެއް ގައުމުތަކުން މިހާރު ވަނީ އީރާނާ އެކު ކުރަމުންދާ ވިޔަފާރި ދަށްކުރަށް ފަށައިފަ އެވެ. އީރާނުން ދެ ވަނަ އަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ އިންޑިއާ އިން މިހާރު ވަނީ ތެލުގެ ވިޔަފާރި 16 ޕަސެންޓް ދަށްކޮށްފަ އެވެ. އިންޑިއާ އިން ކުރިން ދުވާލަކު 705،000 ފީފާ ތެޔޮ އީރާނުން އެތެރެ ކުރި ނަމަވެސް މިހާރު ވަނީ އެ އަދަދު 593،000 ފީފާ އަށް ދަށްކޮށްފަ އެވެ. އީރާނުގައި ވިޔަފާރި ކުރާ ފްރާންސްގެ ތެޔޮ ކުންފުނި ޓޯޓަލް އާއި ކާރު އުފައްދާ ކުންފުނި ޕީއެސްއޭ އިން މިހާރު ވަނީ އީރާނުގެ އޮޕަރޭޝަންތައް ހުއްޓާލަން ޖެހޭނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

ފްރީޒްކޮށްފައިވާ އީރާނުގެ ދެ ބިލިއަން ޑޮލަރުގެ އެސެޓްތައް ތެހެރާނުން ޒިންމާވާން ޖެހޭ ޓެރަރިސްޓް ހަމަލާތަކުގައި އަނިޔާވި އެމެރިކާ މީހުންނަށް ދިނުމަށް އެމެރިކާގެ ސްޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަ ވެސް އީރާނުން މިދިޔަ އަހަރުގެ ޖޫން މަހު އީރާނުން ވަނީ އދ.ގެ އެންމެ މަތީ ކޯޓު، އައިސީޖޭ އަށް ހުށަހަޅައިފަ އެވެ.