ޓީވީ ބަތަލާ ރީޓާ ބަދްރީ މަރުވެއްޖެ
ޓީވީ ބަތަލާ ރީޓާ ބަދްރީ މަރުވެއްޖެ

ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލުވި ޓީވީ ސިލްސިލާއެއް ކަމަށްވާ "ކުމްކުމް" ގައި މުހިއްމު ރޯލެއް ކުޅުނު ބަތަލާ ރޯޓާ ބަދްރީ މަރުވެއްޖެ އެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 62 އަހަރުގެ ބަތަލާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އޭނާ މަރާ ބެހޭ މާ ބޮޑު ތަފުސީލެއް ހާމަ ނުކުރި ނަމަވެސް ކިޑްނީގެ ބައްޔަކަށް ރީޓާ ޑައިލިސިިސް ހަދަމުން އަންނަތާ ދުވަސްތަކެއްވެފައިވާ ކަމަށް ނޫސްތަކުން ބުންޏެވެ.

ގިނަ ފިލްމްތަކެއްގައި މަސައްކަތްކޮށްފައިވާ ރީޓާ އާންމުކޮށް ކުޅެފައި ވަނީ މަންމަ އާއި މާމަ ފަދަ ރޯލްތަކެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ ސްޓާ ބާރަތުން ދައްކަމުން އަންނަ "ނިމްކީ މުކިޔާ" އިންނެވެ.

އެ ސިލްސިލާގައި ވެސް ރީޓާ ކުޅެފައި ވަނީ މާމައެއްގެ ރޯލެވެ.

އޭނާ ކުޅެފައިވާ އިތުރު ސިލްސިލާތަކުގެ ތެރޭގައި "ކިޗްޅީ"، "ޗޯޓީ ބަހޫ" އަދި "އޭކް މެހެލް ހޯ ސަޕްނޯން ކާ" ފާހަގަކޮށްލެވެ އެވެ.

ރީޓާ ފެނިފައިވާ ބައެެއް ފިލްމްތަކުގެ ތެރޭގައި ގޯވިންދާގެ "ހީރޯ ނަމްބަރު 1"، އަނިކް ކަޕޫރްގެ "ވިރާސަތު" އަދި ޝާހްރުކް ހާންގެ "ކަބީ ހާ ކަބީ ނާ" ހިމެނެ އެވެ.

ރީޓާ މަރުވި އިރު ދެ ފިރިހެން ދަރިން އެބަ ތިއްބެވެ. އެއީ ތާގަތު ވަރްމާ އާއި ޝިލާދިތިޔާ ވަރްމާ އެވެ.