ރަންބީރް ކަޕޫރްގެ އަގު ވެސް މައްޗަށް
ރަންބީރް ކަޕޫރްގެ އަގު ވެސް މައްޗަށް

ފިލްމްތަކަށް ބޮކްސް އޮފީހުގައި ލިބޭ ބޮޑު ތަރުހީބާ އެކު، ދެން އާންމުކޮށް އަންނަ ތަފާތަކީ ތަރިން ފިލްމް ކުޅެދޭ އަގު ބޮޑު ކުރުމެވެ. މި ލިސްޓްގައި ހިމެނޭ މަޝްހޫރު ތަރިންގެ ތެރޭގައި ދީޕިކާ ޕަދްކޯން، ވަރުން ދަވަން އަދި އާލިއާ ބަޓް ފަދަ ކާމިޔާބު ތަރިން ހިމެނެ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން ރަންބީރު ކަޕޫރް، 35، ވެސް ފިލްމް ކުޅެދޭ އަގު ބޮޑުކޮށްފި އެވެ. އޭނާ ކުރިން އާންމުކޮށް ފިލްމެއް ކުޅެދެނީ 25 ކްރޯޑް ރުޕީސްއަށް ކަމަށްވެ އެވެ.

ސިނަމާތަކުގައި އަދިވެސް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އޭނާގެ އެންމެ ފަހުގެ ފިލްމް "ސަންޖޫ" އަށް ލިބެމުން އަންނަ އާދަޔާހިލާފު ތަރުހީބާ އެކު، ރަންބީރު ފިލްމް ކުޅެދޭ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އެކަމާ ބެހޭ ގޮތުން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބޮލީވުޑްގެ އޭ ލިސްޓް ތަރިންނަކީ އާންމުކޮށް ފިލްމް ކުޅޭ އަގު ހާމަކުރާ ބައެއް ވެސް ނޫނެވެ.

މި ވަގުތު އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" ގެ ޝޫޓިން އަށް ބަލްގޭރިއާގައި ހުރި ރަންބީރު މި ފަހުން ކުޅުނު ވަރަށް ގިނަ ފިލްމްތައް ފްލޮޕްވި ނަމަވެސް، "ސަންޖޫ" އާ އެކު އޭނާގެ ތަރިން އަލުން ވަނީ މެދުއުޑަށް އަރައިފަ އެވެ. އެހެންވެ އެ ފިލްމްގައި ދައްކުވައި ދިން މޮޅު އެކްޓިންއާ އެކު، ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ދެން ރަންބީރަށް ބޮޑު އަގެއް ދޭކަށް ޖެހިލުމެއް ނުވާނެ ކަމަށްވެ އެވެ.

ފިލްމްކަށް އޭނާ ޗާޖް ކުރާ ރަސްމީ ފީގެ އިތުރުން ކުރިއަށް ހުރި ފިލްމްތައް ރަންބީރް ދެން ކުޅޭނީ ފައިދާ ހިއްސާވާ ގޮތަށް ކަމަށްވެ އެވެ. މާނައަކީ ފިލްމަކަށް ބޮކްސް އޮފީހުގައި ލިބޭ އާމްދަނީން ޕްރޮޑިއަސަރާ އެއްގޮތަށް ރަންބީރަށް ވެސް ވަކި ޕަސަންޓެއް ބައި އަޅަން ޖެހޭނެ އެވެ.

އެގޮތުން ފައިދާ ހިއްސާވާ ގޮތަށް ރަންބީރު އެއްބަސްވި ފިލްމަކީ ލަވް ރަންޖަން ދާދި ފަހުން އިއުލާން ކުރި ފިލްމެވެ. އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމްގެ ކާސްޓުންގެ ތެރޭގައި އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑިސެމްބަރު، 25، 2020 ގައި ރިލީޒް ކުރާ އެ ފިލްމްގެ ފައިދާ އިން ރަންބީރަށް ގާތްގަނޑަކަށް 70 ޕަސަންޓްގެ ހިއްސާއެއް ލިބޭނެ އެވެ. މިކަން ލަވް ކަށަވަރުކޮށް ނުދި ނަމަވެސް، މި މައްސަލާގައި އަޖޭ ހިތްހަމަނުޖެހިފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.

ރަންބީރްގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" ފާހަގަކޮށްލެވެ އެވެ.

އަންނަ އަހަރުގެ އޮގަސްޓް 15 ގައި ރިލީޒް ކުރާ "ބުރައްމަސްތުރާ" އަކީ ބޮޑު ބަޖެޓަކުން ހަދާ ފިލްމެކެވެ.