ފަތިސްހަނދުވަރު
ފަތިސްހަނދުވަރު

އާދިއްތަ ދުވަހާ ގުޅޭ

މުޅި ރަށަށް ލޮޅުންއަރައިގެންދިޔައެވެ. ވީ ކީއްތޯ ބަލާކަށް މަޒްލާނަކަށް ނުޖެހެއެވެ. އެ ފަދަ ގުޑުމެއް އަރަން މެދުވެރިވާނީ އެންމެ ސަބަބެކެވެ.

"ބައްޕަ؟" މަޒްލާނަށް ބުނެވުނެވެ.

އޮށޯވެގެން އޮތް މަޒްލާނަށް ފެނުނީ އުޑުގެ ތަރިތައް ގެއްލުނުތަނެވެ. ތަރިތަކާއި މަޒްލާންގެ ދެމެދަށް ބައްޕަ ހުރަސްވުމުން ތަރިތައް ފޮރުވުނީއެވެ. ބައްޕަގެ ބިޔަ ހަށިގަނޑުން އަލިފާންކަނިތައް ބުރަބުރާހުއްޓެވެ.

"ބައްޕަޔާ ޖެނީޔާ ޖައްސަންތަ ތި އުޅެނީ؟" އަތުގައި އޮތް މުގުރު ދިއްކޮށްލައިފައި، އަމުރުވެރި އަޑަކުން ބައްޕަ ބުންޏެވެ. "އެޔަށް ވުރެ މުޑުދާރުކަމެއް ކުރަން ދަރިފުޅަށް ނޭނގުނީ؟ މިހާރު ތި ދެވުނީ މާ މައްޗަށް. ތި ހީކުރަނީ ޖެނީއަށް ބިރުދައްކައިގެން އޭނަ ލައްވާ އާދޭސްކުރުވީމަ މަޒްލާން ދޫކޮށްލާނެކަމަށްތަ؟ ހާދަހާ ބޮޑު ކުށްހީއެކޭ ތި ކުރެވުނީ. ޖެނީޔާ ދިމާކޮށްގެން އެކަކަށް ވެސް ސަލާމަތެއް ނުވެވޭނެ. އެ ވަރިހަމަ އިންސާނަކަށް ވިޔަސް، މަގޭ އަމިއްލަ ދަރިޔަށް ވިޔަސް."

މަޒްލާން އޮތީ ގުޑައިލަން ވެސް ނުކެރިފައެވެ. ބައްޕަ އެހާ ރުޅިއައިސްފައި ހުއްޓައެއް މަޒްލާން ދުވަހަކުވެސް ނުދެކެއެވެ. މަޒްލާން ހިތަށްއެރިއެވެ. ރޭވި ގޮތަށް ކަންތައް ނުދިޔައީކަން ކަށަވަރެވެ.

"މި ދަނޑުން ބޭރަށް ނުދާން ކުރިން ބުނީ،" ބައްޕަ ބުންޏެވެ. "އެ މިނިވަންކަން ވެސް މި ހިސާބުން ދެން ގެއްލުނީ! ދަނޑުގެ އެއް ފަޅީގަ ދެން އުޅެންޖެހޭނީ. ދެން ބައްޕަ ރުޅިއަރުވައިފިއްޔާ މުޅި އުމުރަށް އެއް ފިޔަވަޅުމަތީގަ ހުންނަންޖެހޭނީ. ހަނދާންކުރާތި!"

ބައްޕަ ދައްކަން ބޭނުންވި ހުރިހައި ވާހަކައެއް ނިންމައިފައި، އުދުއްސައިގަންނަންދެން މަޒްލާން ކެތްކުރިއެވެ. އެ ދަނޑިވަޅު އައެވެ.

"އަހަރެން ދާން ބޭނުންވެއްޖެއްޔާ މިހާރު ވެސް ދެވޭނެ." މަޒްލާން ބުންޏެވެ.

އުދުއްސައިގެންފައި ބައްޕަ ހުއްޓުނުތަން މަޒްލާނަށް ފެނުނެވެ.

"ބައްޕަގެ އަމުރަށް ކިޔަމަންވާން ބޭނުންވާތީ ނުގޮސް މި ހުންނަނީ،" ބިރުވެރިކަން އެއްފަރާތްކޮށްލައިފައި މަޒްލާން ބުންޏެވެ. "އަސްލު އަހަރެން ނުޖެހޭނެ މި ތަނުގަ އޮންނާކަށް. އަހަންނަށް މި ތަނުން ސަލާމަތްވެވިދާނެ. އެހާ ހިތްވަރު އެބަހުރި. ބައްޕައަށް ރަނގަޅަށް އެނގޭނެ އެކަން."

މަޒްލާންގެ ބޭނުމަކީ އިންސާފުވެރި ނިޔާއެއް ބައްޕަ ކަނޑައެޅުމެވެ. އެކަމަކު ހީކުރި ގޮތެއް ނުވިއެވެ.

"ބައްޕައަށް އެނގޭ ތީ ކުޑަކުއްޖެއްކަން. މޮޔަ ވާހަކަ ދައްކާނެކަން. އެކަމަކު މި ތަނުން ފިލައިގެންދާން މަސައްކަތްކުރާހާ ދަރިފުޅު މޮޔައެއް ނުވާނެ،" ކެތްތެރިކަމާ އެކުގައި ހިނިތުންވެލައިފައި ބައްޕަ ބުންޏެވެ. "މި މުގުރު ހެކިކޮށްފަ މި ބުނަނީ. އޭގެ ފުއްތައް ޖިންނީންނަށް ވެސް ގުނަން ކުޅަދާނަ ނުވާހާ ކުދިކޮށް ދަރިފުޅު ހިރަފުހަށް ހަދައި ވަޔަށް ބުރުވައިލާނަން."

މަޒްލާން ބޭނުންވި ލޯބި ބައްޕަގެ ފަރާތުން ލިބުނު ނަމަ، ބަދަލުގައި މަޒްލާން ވެސް ދިނީހީ ލޯތްބެވެ. ބައްޕަ ގަދަބަސް ބުނާތީ ބަދަލުގައި މަޒްލާން ވެސް ކަންތައް ކުރީ އެގޮތަށެވެ.

"އެންމެ ކުނޑިކޮޅެއް ސަލާމަތްވިޔަސް ބައްޕަގެ ލޮލަށް ނަމަވެސް ވެއްޓޭތޯ އަހަރެން ބަލާނަން،" މަޒްލާންގެ ރާގުގައި ވަނީ ޔަގީންކަމެވެ. "އިންސާނަކަށްޓަކާ އަހަރެން ކުނޑިކުނޑިކޮށްލުމުގެ ކުރިން ބުނެލަން ބޭނުން، އިންސާނުންނަށް ތިވަރަށް އިތުބާރުނުކުރޭ ބައްޕާ! އެ މީހުން ބައްޕައަށް ކެހިދޭނެ. ބައްޕަ މަރާލާނެ."

މަޒްލާން ދެއްކި ވާހަކަތައް ބައްޕަ އަޑުއަހަން ހުއްޓެވެ. އެކަމަކު ޖަވާބެއް ނުދީ ދިޔައީއެވެ. މަޒްލާން އިރުކޮޅެއްވަންދެން ގަބުވެފައި ހުއްޓެވެ. އެއަށް ފަހު ހިތަށްއެރިއެވެ. ކުޑަގޮޅިއެއް ވަރުގެ ތަނެއްގައި އުމުރު ހޭދަކުރުމަށް ވުރެ އެއް ފަހަރުން މަރުވުން ވެސް މާ ހިތަށް ފަސޭހައެވެ. ބައްޕައަށް ފެންނަ ގޮތެއް ބައްޕަ ހަދާށެވެ. މަޒްލާން ލޯމަރައިލިއެވެ. ގައިގަ ހުރިހައި ހަކަތައެއް އެއްތަންކުރިއެވެ. މަޑުމަޑުން، ލަސްލަހުންނެވެ. ދަނޑުމަތީގައި ހުރި ވިނަތައް މަޑުމަޑުން ކޮޅަށްޖެހުނެވެ. މަޒްލާނާ ދިމާއަށް ލެނބެން ފެށިއެވެ. ހީވަނީ މަޒްލާންގެ ގައިގައި ދަމާ ބާރެއް ހުރިހެންނެވެ. ބައެއް ވިނަ މުލުން ލުހިގެން އައިސް މަޒްލާންގެ ގައިގައި ތަތްވާން ފެށިއެވެ. ވެލިގަނޑުގައި ރާޅުބާންޏެއް ހެދުނެވެ. ވެލިފުއްތައް ނަށަމުން މަޒްލާނާ ދިމާއަށް މިސްރާބުޖެހިއެވެ. ޒާތެއްގެ ތޫލި އަޑެއް ތަނަށް ވެރިވާން ފެށިއެވެ.

"މަޒްލާން!" ހަމްރާއުގެ އަޑުއިވުނެވެ. "ތީ މޮޔަކަމެއް."

މަޒްލާންގެ މަސައްކަތަށް ބަދަލެއްނައެވެ. ލޮލެއް ނުހުޅުވިއެވެ. އިސްކޮޅުން ދިގުވެ، ހިމަވާން ފެށިއެވެ. ހީވަނީ ކޮންމެވެސް ބާރަކުން މަޒްލާން މައްޗަށް ދަމާހެންނެވެ.

"މަޒްލާން!" ހަމްރާއު ކުރިޔަށް ވުރެ ބާރަށް ގޮވައިލިއެވެ. "ތިހެން އުޅެނިކޮށް ބައްޕަ އަތުން މަރުވެއްޖެއްޔާ ދެން ބައްޕައަށް ކަމެއްވާ ދުވަހު ބައްޕަ ސަލާމަތްކުރަން ހުންނާނީ ކާކު؟"

ކުއްލިއަކަށް ބާރުކެނޑުނެވެ. ވިނަގަނޑާއި ވެލިގަނޑު ހަމަހިމޭންވިއެވެ. ތޫލިއަޑު ކަނޑައިގެން ގޮސް ތަނަށް ފަޅުކަން ވެރިވިއެވެ. މަޒްލާންގެ ގައިގައި ތަތްލައިފައި ހުރި ވިނަތައް ނެއްޓެން ފެށިއެވެ. މަޒްލާން ވިސްނައިލިއެވެ. ހަމްރާއު ބުނީ ތެދެކެވެ. މަޒްލާންގެ ބަސް ގަބޫލުނުކޮށް ބައްޕަ ދިޔަޔަސް، މަޒްލާންގެ ބޭނުންޖެހޭ ދުވަހެއް އަންނާނެއެވެ. އެއީ މަޒްލާނަށް ކަށަވަރުކަމެވެ. މަޒްލާން ޖެހޭނީ ކެތްކުރާށެވެ.

"ތި ބާރުގެ ބޭނުންޖެހޭ ދުވަސް އަދި އަންނާނެ." އޯގާތެރިކަމާ އެކުގައި ހަމްރާއު ބުންޏެވެ.

އަޒްރާ ހުރީ ރުޅިއައިސްގެން ހަލާކުވާވަރު ވެފައެވެ. ހަރަކާތްތަކުން އެކަނި ވެސް އެ ކަން އެނގޭވަރު ވެއެވެ. ހެދުންތައް ފަތްޖެހުމުގެ ބަދަލުގައި ގުޅަކޮށްފައި ފޮށްޓަށް ޖަހަމުންގެންދިޔައެވެ. ޝާޒްލީ ދުރުގައި ބަލަހައްޓައިގެން ހުއްޓެވެ. ފެންކަޅިވެފައެވެ. ޖިނާ އިނީ ބޮޑުކޮޓަރީގައި ހުރި ސޯފާގައި އިށީނދެގެންނެވެ. ޓީވީ ބަލާކަމަށް ހެދިގެންނެވެ. އެކަމަކު، ޝާޒްލީގެ މޫނަށް އަންނަ ބަދަލަށް ނުބަލައެއް ޖިނާއަކަށް ނީނދެވެއެވެ. ފަޒޭލް ޓީވީ ކައިރީގައި ކޮޅަށް ހުއްޓެވެ. ހަދާނެގޮތް ހުސްވެފައެވެ. ޝާޒްލީ ހުއްޓުވާނެ ގޮތެއް ނުވަތަ މަންމައަށް ވިސްނައިދޭނެ ގޮތެއް ވެސް ފަޒޭލަކަށް ނޭނގެއެވެ. ސުހޭލު ހުރީ ރުޅިއައިސްފައެވެ. މަންމަގެ ގޮތްދޫނުކުރުމާއި، މޮޔަކަމުގެ ސަބަބުން ޢާއިލާއެއް ރޫޅެނީއެވެ. އެވަރުން ވެސް މަންމަ ވިސްނާކަށް ބޭނުމެއް ނޫނެވެ. އަޒީޒާ ކޮޓަރިން ނުކުންނާކަށް ބޭނުމެއް ނޫނެވެ. މާމަދަރިންނަށް ޓަކައި ހިތުގައި އުފެދޭ ހަމްދަރުދީއެއްގެ ސަބަބުން އަޒްރާއާ ދިމާއަށް އެއްޗެއް ބުނެވިދާނެތީއެވެ. އިރުކޮޅަކުން އަޒްރާ ބޮޑުކޮޓަރިއަށް ނުކުތެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން، އެއް އަތުން ކޮތަޅެއް ހިފައިގެން އަނެއް އަތުން ފޮށި ދަމަމުންނެވެ. ޖިނާއަކަށް ކެތެއް ނުވިއެވެ.

"އަޒޫ!" އޯގާތެރިކަމާ އެކުގައި ޖިނާ ގޮވައިލިއެވެ.

އަޒްރާ ހުއްޓުނެވެ. އެހެންނަމަވެސް އިސްޖަހައިލައިގެން ހުރީއެވެ. ޖިނާ ތެދުވެގެން އައިސް އަޒްރާ ގާތަށް ހުއްޓުނެވެ.

"އަދިވެސް އެއްފަހަރު ވިސްނާލާ!" ޖިނާ މަޑުމަޑުން ބުންޏެވެ. "ތި ކުރެވެނީ ރަނގަޅުކަމެއް ނޫން."

"އަހަރެން ނުޖެހޭ ވިސްނާކަށް،" އަޑު މަޑު ނަމަވެސް އަޒްރާގެ ރާގު ހަރުކަށްޓެވެ. "މިހާރު އަހަންނަކީ މިނިވަނެއް. މަގުމަތީގަ ސަލާންޖަހަން އުޅެންޖެހުނަސް މި ގެއަކަށް ދެނެއް ނުވަންނާނަން."

އަޒްރާ ނުކުންނަން ހިނގައިގަތެވެ. ޝާޒްލީ ދުވެފައި އައިސް އަޒްރާގެ އަތުގައިހިފިއެވެ. ރޯން ފެށިއެވެ.

"އަހަރުމެން ދޫކޮށްލާފަ ނުދޭ މަންމާ!" ޝާޒްލީ އެދުނެވެ.

ޝާޒްލީގެ އަތް އަޒްރާ ފޮޅުވައިލިއެވެ.

"އަހަރެންގެ ދަރިއެއް ނުހުންނާނެ." އަޒްރާ ބުންޏެވެ.

"މަންމާ!" އާދޭހުގެ ރާގެއްގައި ޝާޒްލީ ބުންޏެވެ.

ތަމްސީލު ބަލަން ހުންނާކަށް ސުހޭލަކަށް ކެތެއްނުވިއެވެ.

"ޝާޒްލީ!" ހަރުކަށި ރާގެއްގައި ސުހޭލު ބުންޏެވެ. "އާދޭސްކުރެވިއްޖެއްނު! ދެން ހުއްޓާލާ! މަންމަ އެހެރީ މޮޔަވެފަ."

އަޒްރާ ނުކުމެގެން ދިޔައެވެ. ފަސްއެނބުރި ނުވެސް ބަލައެވެ. އަޒީޒާ ކޮޓަރިން ނުކުތެވެ. ޝާޒްލީ ގޮސް މާމަ ގައިގައި ބައްދައިގަތެވެ. ނިކަން ބާރަށް ރޯންފެށިއެވެ.

"ރޯނެކަމެއް ނެތް ދަރިފުޅާ!" ބެދެން ކައިރިވެފައިވާ އަޑަކުން އަޒީޒާ ބުންޏެވެ. "ހުއްޓާލާ! މާމަ މިހިރީނު!"

ގަޑިން ރޭގަނޑު އަށްގަޑި ބައިވަނީއެވެ. މޮޑެފައިވާ ބަތްތަށީގެ ތެރެއަށް ސަމުސާ ލައިގެން، އިސްޖަހައިލައިގެން ޒޫނާ ޚިޔާލަކަށް ގެއްލިފައި އިނެވެ. މަންޒަރު ބަލަން މޭޒުގެ ދެފަރާތުގައި ސަކީނާއާއި ގާދިރު ތިއްބެވެ. އިރުކޮޅަކުން ގާދިރު ލޮލުގެ އިޝާރާތުން ސަކީނާއަށް އަންގައިލިއެވެ. ސަކީނާ ވާހަކަ ފެށިއެވެ.

"ދަރިފުޅާ!" ސަކީނާ ބުންޏެވެ.

ޒޫނާއަށް އަޑުއިވުނުހެނެއް ހިއެއްނުވެއެވެ. އިންގޮތަށް އިނީއެވެ.

"ދަރިފުޅާ!" ތަންކޮޅެއް ބާރަށް ސަކީނާ ގޮވައިލިއެވެ.

"އޭނ؟" ސިހިފައި ޒޫނާ ބަލައިލިއެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ސަކީނާ އެހިއެވެ. "ކާހިތްނެތީތަ؟"

"އުހުނ!" ފުން ނޭވާއެއް ބޭރުކޮށްލައިފައި ޒޫނާ ބުންޏެވެ. "އަހަރެން މި ހިތަށްއަރަނީ އަހަރެން ވެސް ދިރިއުޅުމެއް ފެށީމޭ. ފިރިޔަކާ ދަރިޔަކު ވެސް ހުއްޓޭ. އެކަމަކު މިހާރު މިހިރީ އަނެއްކާ ވެސް ހަމަ ފެށި ހިސާބުގައޭ."

ގާދިރަށް ލިބުނީ ރަނގަޅު ދަނޑިވަޅެކެވެ. އުންމީދުކުރި ކަހަލަ ފުރުޞަތެކެވެ.

"ތިހެން ބުނީމަ މި ހަނދާންވީ!" ގާދިރު ބުންޏެވެ. "ބޭބެ ދަތުރުކުރަން ގޮސް އުޅުނުއިރު ތި ކަހަލަ ކަމެއް ދިމާވި. އޭރު ބޭބެގެ ބޯޓު ދަތުރުކުރަމުންދިޔައީ ގަނޑުފެން ވަރަށް ގިނަ ހިސާބެއްގަ. އެކަމަކު ގަނޑުފެންތައް ކުދިކަމުން، ބޯޓުގެ ކަންކަށީގަ ޖެހިފަ، ވަރަށް ފަސޭހައިން ގަނޑުފެންތައް އެއްފަރާތް ވޭ. މީ ބުނަން މި އުޅޭ ވާހަކައަކީ. އަހަރުމެންގެ ހަޔާތުގަ މި ދިމާވަނީނު ކުދިކުދި މައްސަލަތައް. އެއީ ވެސް ހަމަ އެ ކަހަލަ އެއްޗެއް. އެހެން ދަނިކޮށް ދެން ދިމާވީ ބިޔަ ގަނޑުފެންގަނޑަކާ. ކެޕްޓަނަށް އެނގޭ އޭގަ ބޯޓު ޖެހިއްޖެއްޔާ ބޯޓު ހަލާކުވާނެކަން. އެހެންވެ އޭނަ ހެދިގޮތަކީ ބޯޓު އަނބުރާލީ. އެއޮތީ މައްސަލަ ހައްލުވެފަ. ކަނބުލޮއަށް ދިމާވީ ވެސް ބޮޑު މައްސަލައެއް. އެކަމަކު މި ހިސާބުން ދަތުރު ހުއްޓާލާކަށް ނުޖެހޭ. ހަޔާތަކީ އާރާސްތުކުރެވޭނެ އެއްޗެއް."

ޒޫނާ ވިސްނައިލިއެވެ. ބޭބެ ބުނީ ރަނގަޅު ވާހަކައެކެވެ. އެކަމަކު ބައެއް ކަންކަމަކީ ބުނަން ފަސޭހަ ކުރަން އުނދަގޫ ކަންކަމެވެ.

"ގާދިރުބެއަށް ހީވޭތަ އަހަންނާ އިންނާނެ މީހަކު ވާނެހެން؟" ޒޫނާ ސުވާލުކުރިއެވެ.

"ކަށަވަރުތާ!" ގާދިރު ޖަވާބުގައި ބުންޏެވެ. "ކަނބުލޮއަށް ހީވަނީ ކިހިނެއް؟"

"އަހަންނަކަށް ނޭނގެ އެއްޗެއް ބުނާކަށް." ޒޫނާ ބުންޏެވެ.

"އައްދެ! އެއީ ކީއްވެ ބުނާނެ އެއްޗެއް ނޭނގެނީ؟ ދަރިފުޅަށް ކަމުދާ މީހަކު ނެތީ؟" ސަކީނާ އެހިއެވެ.

ޒޫނާ ވިސްނައިލިއެވެ. ބުނާ އެއްޗަކުން މަންމަ ރުޅިއަތުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މަންމަގެ ރުހުމާ ދެކޮޅަށް ތެދުވާހާ ހިތްވަރެއް ޒޫނާ ގަޔަކު ނެތެވެ.

"އެބަހުރި މީހެއް،" ދެ ފިކުރެއްގައި އިނދެފައި ޒޫނާ ބުންޏެވެ. "އެކަމަކު އެބައޮތް މައްސަލައެއް. ފުރަތަމަ މައްސަލައަކީ، އޭނަ ނޭނގެ އިންނާނެކަމެއް. ދެވަނަ މައްސަލައަކީ، އޭނަ އެއްބަސްވިޔަސް މަންމަ ހިތްހަމަނުޖެހިދާނެ."

"އެޔޯ؟" ސަކީނާއަށް ވުރެ ކުރިން ގާދިރު އެހިއެވެ.

ނުނިމޭ