މި އުމުރުގައި އަހަރެން ވަރުގެ ކުޅުންތެރިއަކު ނެތް: ރޮނާލްޑޯ
މި އުމުރުގައި އަހަރެން ވަރުގެ ކުޅުންތެރިއަކު ނެތް: ރޮނާލްޑޯ

ޓިއުރިން، އިޓަލީ (ޖުލައި 17) - އޭނާގެ އުމުރުގައި އެ ވަރުގެ ކުޅުންތެރިއަކު ނުހުންނާނެ ކަމަށް ދާދި ފަހުން ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ގުޅުނު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މި އުމުރުގައި އަހަރެން ވަރުގެ ކުޅުންތެރިއަކު ނެތް: ރޮނާލްޑޯ
މި އުމުރުގައި އަހަރެން ވަރުގެ ކުޅުންތެރިއަކު ނެތް: ރޮނާލްޑޯ

އުމުރުން 33 އަހަރުގެ ރޮނާލްޑޯ، ޔުވެންޓަސް އަށް ބަދަލުވީ 117 މިލިއަން ޑޮލަރު (100 މިލިއަން ޔޫރޯ) އަށެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ޔުވެންޓަސްއާ އެކު ރޮނާލްޑޯ ސޮއިކުރީ އަަހަރަކު 30 މިލިއަން ޔޫރޯގެ މުސާރަ އަކަށެވެ. މިއީ ޔޫރަޕްގެ ކްލަބަކުން އެ އުމުރުގެ ކުޅުންތެރިއަކަށް ކުރާ އެންމެ ބޮޑު ހޭދަ އެވެ.

ރޮނާލްޑޯ ވަނީ އޭނާ ކުރިން ކުޅުނު މަޝްހޫރު ދެ ކްލަބް ކަމަށްވާ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ރެއާލުގައި ގިނަ ރެކޯޑްތަކެއް މުގުރާލައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވީ އެ ކްލަބުގެ ރެކޯޑަކަށެވެ.

"އުމުރު އެހާ މުހިއްމެއް ނޫން. މިސާލަކަށް ބަލާނަމަ އަހަރެންގެ އުމުރުގެ ގިނަ ކުޅުންތެރިން ދަނީ ގަތަރު ނޫނީ ޗައިނާ އަށް. އެކަމަކު އަހަރެން މި އުމުރުގައި ވެސް މި ގުޅުނީ ނަން މަޝްހޫރު ބޮޑު ކްލަބަކާ. އެއީ އަހަންނާ މެދު އިތުބާރު އޮތުމުން. މިއީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ޔުވެންޓަސްއާ ގުޅުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

"އަހަރެން ބޭނުން އަހަންނަކީ މި އުމުރުގެ އެހެން ކުޅުންތެރިއެއް ނޫންކަން ދައްކަން. މިއީ އަހަންނަށް ވަރަށް ހާއްސަ ވަގުތެއް. އަހަންށްވީ 23 އަހަރެއް ނޫން އަހަންނަކީ 33 އަހަރުގެ މީހެއް. އެކަމަކު މި އުމުރުގައި ވެސް އަހަރެންގެ ހިތްވަރު ހުރީ އެންމެ އުހުގައި،"

މިދިޔަ މެއި މަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ރޮނާލްޑޯ ވަނީ ރެއާލުން އަންނަ އަހަރު ނުފެނިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެކަމަކު ފަހުން ރޮނާލްޑޯ ބުނީ އޭނާ ދެއްކި ވާހަކަތައް މީޑިއާގައި ދެކެވުނީ މާނަ އޮޅޭ ގޮތަށް ކަމަށެވެ. ރޮނާލްޑޯ އާއި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުފެދުނީ ރެއާލުގެ ކޯޗުކަމުން ޒިނެދިން ޒިދާން ވަކިވިފަހުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމީ ޒިދާން އެ ޓީމުން ދިޔަ ފަހުންނެވެ.

ރޮނާލްޑޯ ގެނައުމުގެ ފުރުސަތު އޭނާގެ ކުރީގެ ކްލަބް ޔުނައިޓެޑާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ލިބުނު ކަމަށް ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒާ ހަވާލާދީ މީޑިއާގައި ވަނީ ވާހަކަ ދެކެވިފަ އެވެ. އަދި އިޓަލީގެ ނަޕޯލީން ވެސް ވަނީ ރޮނާލްޑޯ ގަންނަން އެ ޓީމަށް ފުރުސަތު ލިބުނު ކަމަށް ބުނެފަ އެވެ. ރޮނާލްޑޯ ވަނީ އެކަން ދޮގުކޮށްފަ އެވެ.

"ޔުވެންޓަސް އަކީ އަހަރެންގެ ހަމައެކަނި ޗޮއިސް. އަހަރެން ބޭނުން މި ކްލަބުގެ ތާރީހުން ޖާގަހޯދަން،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު އަދި ފީފާ އިން ދާދި ފަހުން ތައާރަފްކުރި ފީފާ ބެސްޓް އެވޯޑް ދެ ފަހަރު ހޯދައިފަ އެވެ. ރޮނާލްޑޯ ބުނީ އިތުރު އެވޯޑްތަކެއް ޔުވެންޓަސްގައި ހުރެ ހޯދަަން ބޭނުންވާ ކަމަށާއި އެކަމަކު އެންމެ މުހިއްމީ ޔުވެންޓަސް އަށް ކާމިޔާބު ހޯދައިދިނުން ކަމަށެވެ.

"އަހަރެން އަބަދުވެސް ބޭނުންވަނީ މޮޅުވާން. ތެދެއް އިތުރު އެވޯޑްތަކެއް ހޯދަން ބޭނުން. އެކަމަކު ފުރަތަމަ ޓާގެޓަކީ ޓީމު. އަހަރެން ބޭނުން ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން،" ރޮނާލްޑޯ ބުންޏެވެ.

ޔުވެންޓަސް އިން ވަނީ އަންނަ ސީޒަނަށް ތައްޔާރުވާން ޕްރީ ސީޒަން ޓްރެއިނިން ފަށައިފަ އެވެ. ރޮނާލްޑޯ ޓީމާ ގުޅޭނީ މި މަހު 30 ވަނަ ދުވަހު އެވެ. ޔުވެންޓަސް ޕްރީ ސީޒަނުގައި ރޮނާލްޑޯގެ ކުރީގެ ޓީމު ކަމަށްވާ ރެއާލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ.