17 ޖުލައި 2018 - 07:21

މިވަގުތު ބާޒާރުގައި ވިއްކަންހުރި ޓެބްލެޓްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ހިތް ކިޔާ އެއް ބާވަތަކީ މައިކްރޮސޮފްޓްގެ ޓެބްލެޓްތަކެވެ. މައިކްރޮސޮފްޓްގެ ސާފަސް ޓެބްލެޓްތަކަކީ ގެންގުޅެން ފަސޭހަވުމާއި ބެޓެރީ ބާރާއި އަޑުމަޑުކަމަށް ނަން ހިނގާ އެއްޗެކެވެ.
މީގެ ޓެބްލެޓްގައި އުޅެނީ އެންމެ މައްސަލައެކެވެ. އަގުބޮޑުވުމެވެ. ކިޔަވާކުދިންނާއި މާލީ ގޮތުން ވަކި ހައްދެއްގެ ތެރޭގައި ޚަރަދުކުރަން ބޭނުންވާ މީހުންނަށް މިއީ އަތްފޯރާ ފަށުގައި ލިބެން ހުރި ޓެބްލެޓެއް ނޫނެވެ. އެކަމަކު މައިކްރޮސޮފްޓުން މިހާރު ބާޒާރަށް ނެރެން ތައްޔާރުކުރާ "ސާފަސް ގޯ" ޓެބްލެޓް މުޅިން ތަފާތެވެ.
ސާފަސް ސީރީޒްގެ މިހާތަނަށް އުފެއްދި އެންމެ ކުޑަ އަދި ލުއި މި ޓެބްލެޓަކީ މީގެ ކުރިން އުފެއްދި މީގެ ޓެބްލެޓްތަކެކޭ އެއްގޮތަށް ތުނި، ރީތި، ޓެބްލެޓެކެވެ. ކުރީގެ ޓެބްލެޓްތަކަށްވުރެ އަގު ހެވަސް، މީގައި ބޭނުންކުރާނީ މައިކްރޮސޮފްޓް ވިންޑޯޒް 10 އެވެ. މައުސްއަކާއި ކީބޯޑެއް ގުޅާލުމުން ލެޕްޓޮޕަކަށް ވެސް ފުދޭނެއެވެ.
މައިކްރޮސޮފްޓް ސާފަސް ގޯ ފަރުމާކޮށްފައިވަނީ 10 އިންޗީގެ ޑިސްޕްލޭއަކާ އެކުގައެވެ. މީގެ ރިޒޮލިޔުޝަންގައި 1800/1200 ޕިކްސަލް ހުންނާނެކަމަށްވެއެވެ. ކޮންޓްރާސްޓް ރޭޝިޔޯގައި 1500:1 ހުންނާނެއެވެ. އަދި 10 ޕޮއިންޓް މަލްޓި ޓަޗްގެ ބާރު ވެސް މީގައި އެކުލެވެއެވެ. މާނައަކީ އަތުގެ 10 އިނގިލިން އެއްފަހަރާ ސްކްރީންމަތީގައި މަސައްކަތްކުރެވޭނެއެވެ. ކުރީގެ ސާފަސް ޓެބްލެޓްތަކެކޭ އެއްގޮތަށް މީގައިވެސް އެކުލެވޭ ޕިކްސެލްސެންސްގެ ސަބަބުން ކޮންމެ ދިމާއަކުންވެސް ސާފުކޮށް ސާފަސް ގޯގެ ޑިސްޕްލޭއިން މަންޒަރު ފެންނާނެއެވެ.
ބޭރުފުށުން އެހެން ސާފަސް ޓެބްލެޓްތަކާ އެއްގޮތް ސިފަތަކެއް ހުއްޓަސް ހާޑްވެއާގައި ކުދިކުދި ތަފާތު އެބަހުއްޓެވެ. ސާފަސް ގޯ މަސައްކަތްކުރަނީ އިންޓެލް ޕެންޓިއަމް ގޯލްޑް ސީޕީޔޫގެ ބާރުންނެވެ. ގްރެފިކްސްގައި ހުންނަނީ އިންޓެލް އެޗްޑީ 615 އެވެ. އަދި 4 ޖީބީގެ ރެމްއެއްގެ އިތުރުން 64 ޖީބީ އީއެމްއެމްސީ ޑްރައިވަކާއި 12 ޖީބީ އެސްއެސްޑީއެއް ހިމެނެއެވެ. ވީމާ، ފަހަރުގައި ސާފަސް ގޯއިން މާ ބޮޑެތި ޕްރޮޖެކްޓްތައް ނުހިންގިދާނެއެވެ.
ސާފަސް ގޯގައި ދެ ކެމެރާ ހިމެނެއެވެ. އެއީ މޫނުމަތީގައިވާ 5 މެގަޕިކްސަލް ކެމެރާއަކާއި ފަހަތުގައި ހުންނަ 8 މެގަޕިކްސަލް ކެމެރާއެކެވެ. މީގައި ހިމެނެނީ އެންމެ މައިކެކެވެ. އަޑު ނަގާނެ ސާފުނުސާފުކަމާ މެދު އެއްޗެއް ބުނާކަށް ނޭނގެއެވެ.
މައިކްރޯސޮފްޓް ސާފަސް ގޯގައި ބްލޫޓޫތާއި ވައިފައި ކަނެކްޝަން ހިމެނެއެވެ. ޔޫއެސްބީ ސީ ޕޯޓަކާއި ހެޑްފޯނެއް ޖަހާނެ ޖާގައެއް އެކުލެވެއެވެ. އަދި މައިކްރޯއެސްޑީއެކްސީ ރީޑަރެއްވެސް ހިމަނާފައިވެއެވެ.
މައިކްރޯސޮފްޓް އެހެންވެސް ޓެބްލެޓްތަކެކޭ އެއްގޮތަށް ސާފަސް ގޯ ވެސް އުފައްދާފައިވަނީ ލެޕްޓޮޕެއް ގޮތަށް ބޭނުންކުރަންވެއްޖެ ހާލަތެއްގައި ކީބޯޑް ކަވަރެއް ހޯދައިގެން އެ ކަވަރު އެޅުވޭ ގޮތަށެވެ. ކީބޯޑު އަޅުވާ ހުޅަކީ އެހެންވެސް ޓެބްލެޓްތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ އެކުލެވޭ ހުޅަކަށްވާތީ ބޭނުން މިންވަރަކަށް ސްކްރީން ހިއްލައި ތިރިކޮށް ހެދޭނެއެވެ.
ސާފަސް ގޯ ގައި ހިމެނޭ އިތުރު ސިފަތަކުގެ ތެރޭގައި ނުވަ ގަޑިއިރު ބެޓެރީ ބާރު ހުރުމާއި ދެ ސްޕީކަރު ހުރުން ހިމެނެއެވެ. މީގައި ނެތް މުހިއްމު އެއްޗަކީ ސާފަސް ޕެންއެވެ. ކުރެހުމުގެ އެޕްލިކޭޝަންތަކަށް ޕެން ބޭނުން ނަމަ ޖެހޭނީ ވަކިން ގަންނާށެވެ.
މައިކްރޯސޮފްޓް ސާފަސް ގޯ ބާޒާރަށް ނެރޭނީ އަންނަ އޯގަސްޓްމަހުގެ ފުރަތަމަ ހަފުތާ ތެރޭގައެވެ. މީގެ އަގަކީ 399 އެމެރިކާ ޑޮލަރެވެ.