17 ޖުލައި 2018 - 07:24

އަންނަ މަހުގެ 31 އަށް ތާވަލުކޮށްފައި އޮތް ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރްގެ ފިލްމް "ބައްޓީ ގުލް މީޓަރު ޗާލޫ" ރިލީޒް ކުރާ ތާރީހު ފަސްކޮށްފި އެވެ.
މިހާރު ތާރީހަށް ގެނައި ބަދަލާ އެކު އެ ފިލްމް ބޮކްސް އޮފީހުގައި ކުރިމަތިލާނީ ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" އާ އެވެ. އެ ފިލްމަކީ ޕްރަދީޕް ސަރްކާރް ޑައިރެކްޓްކޮށް، ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށްފައިވާ އާއިލީ ޑްރާމާއެކެވެ.
ސެޕްޓެމްބަރު 14 އަށް "ބައްޓީ މީޓަރު ގުލް ޗާލޫ" ފަސް ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު އޮގަސްޓް 31 އަށް ވަނީ ޝްރަދާ، ބަތަލާގެ ރޯލުން ފެނިގެންދާ ހޮރޯ/ކޮމެޑީ "ސްޓްރީ" ވެސް ތާވަލުކޮށްފަ އެވެ. އެހެންވެ ބޮޑަށް ބެލެވެނީ މިއީ ޝްރަދާގެ ދެ ފިލްމެއް އެއް ތާރީހަކަށް ފައްތަރު ނުކުރަންވެގެން ގެނައި ބަދަލެއް ކަމަށެވެ.
ކުރިން އޮތް ގޮތުން ނަމަ "ބައްޓީ މީޓަރު ގުލް ޗާލޫ" ބޮކްސް އޮފީހުގައި ހަނގުރާމަ ކުރަން ޖެހޭނީ ކުރީގެ މަޝްހޫރު އެކްޓަރު ދަރްމެންދްރާ އާއި އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްގެ ކޮމެޑީ ފްރެންޗައިޒް "ޔަމްލާ ޕަގްލާ ދީވާނާ" ގެ ތިން ވަނަ ބަޔާ އެވެ.
ނަވަނިއަތު ޑައިރެކްޓްކޮށްފައިވާ "ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" ކުރިން ރިލީޒް ކުރާ ގޮތަށް އޮތީ މިދިޔަ އެޕްރީލް މަހުގެ 2 ގަ އެވެ. އެކަމަކު ފިލްމް އޮގަސްޓް 31 އަށް ފަހުން ވަނީ ފަސްކޮށްފަ އެވެ.
މިދިޔަ އަހަރު "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" ގެނެސް ދިން ޝްރީ ނާރަޔަން ސިންގް ޑައިރެކްޓްކޮށްފައިވާ "ބައްޓީ ގުލް މީޓަރު ޗާލޫ" އަކީ އިންޑިއާގައި ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް ބިނާކޮށް ހަދާފައިވާ އިޖުތިމާއީ ފިލްމެކެވެ.
ޝާހިިދާއި ޝްރަދާގެ އިތުރުން ފިލްމްގެ މުހިއްމު ރޯލަކުން ޔަމީ ގޯތަމް ވެސް ފެނިގެން ދާނެ އެވެ. "ބައްޓީ ގުލް މީޓރު ޗާލޫ" އަކީ މި އަހަރު ރިލީޒް ކުރި "ޕަދްމާވަތު" އަށް ފަހު، ޝާހިދު ފެނިގެން ދާނެ ފުރަތަމަ ފިލްމް ވެސް މެ އެވެ.