16 ޖުލައި 2018 - 20:03

ދާދި ފަހުން ޖަލުން މިނިވަންވެ ކްލަބް ގްރީންސްޓްރީޓްސްއާ ގުޅުނު ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް، ތިން އަހަރެއްހާ ދުވަސް ފަހުން ކުޅުމަށް އެނބުރި އައީ ދިރާގު ދިވެހި ލީގުގައި ނިލަންދޫއާ ދެކޮޅަށް މިއަދު ގްރީން ސްޓްރީޓްސް ކުޅުނު މެޗުގަ އެވެ. މި މެޗުން ގްރީން ސްޓްރީޓްސް 6-0 އިން މޮޅުވިއިރު، ލަބާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރުގެ މޭ 1 ވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ކްލަބް އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓަ އެވެ. އޭރު އޭނާ އައީ ކްލަބް އީގަލްސްގައި ތަފާތު މޮޅަށް ކުޅެމުންނެވެ. އީގަލްސްގެ މިހާރުގެ ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ ގެނައީ ލަބާނުގެ މައްޗަށް އެ މައްސަލައިގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމުންނެވެ.
ލަބާން ޖަލުން މިނިވަންވީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާ ގްރީންސްޓްރީޓްސްއާ ގުޅުނީ ޖޫން 25 ގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ޓީމާ އެކު ގަވާއިދުން ޕްރެކްޓިސް ކުރަމުންނެވެ.
މިއަދުގެ މެޗުގެ ދެ ވަނަ ހާފުގައި ނިލަންދޫ އިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ލަބާން ވަނީ ހުއްޓުވައިފަ އެވެ. ޖުމްލަކޮށް މުޅި މެޗަށް ބަލާއިރު ލަބާންގެ ފަރާތުން ފެނުނީ އުއްމީދީ ކުޅުމެކެވެ. އެހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ލަބާން ދެއްކި ކުޅުމާ މެދު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ހުރީ ހިތްހަމަ ޖެހިފަ އެވެ. އޭނާ ބުނީ ލަބާނަކީ އަބަދުވެސް އުއްމީދީ ކީޕަރެއް ކަމަށާއި އޭނާ މޮޅަށް ކުޅެގެން ހައިރާންނުވާ ކަަމަށެވެ.
"ބަންދުގައި އޮވެފައި އައިސް އޭނާ ސާބިތުކޮށްދީފި ކަންނޭނގެ އޭނައާ ދޭތެރޭ ދިވެހިން ކުރި އުއްމީދުތައް އެ ހަމަ ގޯސް އުއްމީދުތަކެއް ނޫންކަން. ހަމަ ލަބާން ވަރަށް ރަނގަޅު. އޭނަ ގެނައީ މި ބޭނުމުގައި. މި ކަން ކުރަން އެ ގޮތުން ބަލާއިރު އޯކޭ ހަމަ،" ސުޒޭން ބުންޏެވެ.
މިއަދުގެ މެޗުގެ ކުރިން ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްގެ ގޯލު ބެލެހެއްޓީ އުޒްބެކިސްތާނުގެ ކީޕަރު ސާގޭ ސްމޮރޮޑިން އެވެ. އޭނާ އާއިލީ ކަމެއްގައި މިވަގުތު ޓީމާ ދުރުގައި ހުރިއިރު، ގްރީން ސްޓްރީޓްސްގެ އަނެއް ކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގަ އެވެ.
އެ ހާލަތުގައި ލަބާނަށް ލިބުނު މި ފުރުސަތުގެ ބޭނުން އޭނާ ވަނީ ވަރަށް ރަނގަޅަށް ހިފައިފަ އެވެ. މެޗަށް ފަހު ލަބާން ބުނި ހުރިހާ ކަމެއް ވެސް ދިޔައީ އުއްމީދުކުރި ގޮތަށް ރަނގަޅަށް ކަމަށެވެ.
"ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ވެސް މިދިޔައީ. އަލްހަމްދުލިއްލާހި ހަމަ. ހުރިހާ ކަމެއް ވެސް ހީނުކުރާހާ ރަނގަޅަށް ދިޔައީ އަސްލު. ހިއެއް ނުކުރަން މިހާ އަވަހަށް މެޗެއް ވެސް ލިބޭނެ ކަމަށް ހަމަ ނަސީބަކުން މި ލިބުނީ. އިރާދަކުރެއްވިއްޔާ ފުލް ޕާފޯމަންސް ދޭނަން،" ލަބާން ބުންޏެވެ.
އަލުން ކުޅުމަށް އެނބުރި އައިސް ކުރިއަށްދާން ފުރުސަތު ދިނީތީވެ ލަބާން ވަނީ ގްރީން ސްޓްރީޓްސް އަށް ޝުކުރު އަދާކޮށްފަ އެވެ.
"މިއީ ފަށަން ލިބުނު މަގަކީ. ވަރަށް ބޮޑު ފުރުސަތެއް މިއީ އެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާނަން،" ލަބާން ބުންޏެވެ.
އީގަލްސްގެ އެއް ވަނަ ކީޕަރުގެ ގޮތުގައި ހުއްޓާ ކުޅުމާ ދުރަށްދާން ޖެހުނު ލަބާންގެ ކުރިމަތީގައި ކާމިޔާބު ކެރިއަރެއް އެބައޮތް ކަމަށް ބުނެ އޭނާ ޖަލުން މިނިވަންކުރަން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ގޮވާލާފައިވެ އެވެ.
ދިވެހި ފުޓްބޯޅަ ހުނަރުވެރި ކީޕަރުންނަށް ޖެހިފައިވަނިކޮށް، އިންޓަ ސްކޫލް މުބާރާތުން ވިދާލި ލަބާނަށް 2012 ވަނަ އަހަރު އޭނާގެ އުމުރުން 16 އަހަރުގައި ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުން ޖާގަ ލިބުނެވެ.
އެ އަހަރުގެ އިންޓަ ސްކޫލް މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ދަރުމަވަންތަ ސްކޫލަށް ހޯދިއިރު އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ބ. އަތޮޅު ތައުލީމީ މަރުކަޒު އަތުން ޕެނަލްޓީ ޖަހައިގެން 6- 5 އިން ދަރުމަވަންތަ މޮޅުވި މެޗުގައި، ހަތަރު ޕެނަލްޓީ ދިފާއުކޮށް ދަރުމަވަންތަ އަށް ޕެނަލްޓީ ވެސް އޭނާ ކާމިޔާބު ކޮށްދިނެވެ. އަދި 2011 ވަނަ އަހަރުގެ އިންޓަ ސްކޫލް 16 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އަހުމަދިއްޔާ އަތުން ދަރުމަވަންތަ މޮޅުވީ ވެސް ޕެނަލްޓީ ޝޫޓްއައުޓްގައި ލަބާން ކުރި ސޭވްތަކާ އެކު އެވެ.
އޭނާ ވަނީ ނޭޕާލުގައި 2011 ވަނަ އަހަރު އޮތް 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ގޯލް ބަލަހައްޓައިފަ އެވެ.