16 ޖުލައި 2018 - 15:29

ދާދި ފަހުން ޖަލުން މިނިވަންވެ ކްލަބް ގްރީންސްޓްރީޓްސްއާ ގުޅުނު ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް، އެ ޓީމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނައިފި އެވެ.
އެހެންވެ މިއަދުގެ މެޗު ވެގެންދާނީ ބޮޑު އުއްމީދުތަކެއް ކުރެވުނު ލަބާން ތިން އަހަރަށް ފަހު ގަލޮޅު ދަނޑުގައި ކުޅޭ ފުރަތަމަ މެޗަށެވެ.
މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރުގެ މޭ 1 ވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއެއްގެ ތެރެއިން ފުލަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ކްލަބް އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓަ އެވެ. އެ މައްސަލައިގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލި އިރު އޭނާ މިނިވަންވީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާ ގްރީންސްޓްރީޓްސްއާ ގުޅުނީ ޖޫން 25 ގަ އެވެ. އޭގެ ފަހުން އޭނާ އައީ އެ ޓީމާ އެކު ގަވާއިދުން ޕްރެކްޓިސްކުރަމުންނެވެ.
ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން އޭނާ އަށް ފުރަތަމަ އެގާރައިން ޖާގަ މިދިނީ އެއް ވަނަ ކީޕަރު އަދި އުޒްބެކިސްތާނުގެ ޔޫތު ގައުމީ ޓީމުތަކަށް ކުޅެފައިވާ ސާގެ ސްމޮރޮޑިން ބެންޗަށް ލުމަށް ފަހު އެވެ. އެ ޓީމުގައި ޒުވާން އެހެން ކީޕަރެއް ކަމަށްވާ މުހައްމަދު ޖަޒްލާން (ބަބޭ) ވެސް އެބަހުއްޓެވެ.
އީގަލްސްގެ އެއް ވަނަ ކީޕަރުގެ ގޮތުގައި ހުއްޓާ ކުޅުމާ ދުރަށްދާން ޖެހުނު ލަބާންގެ ކުރިމަތީގައި ކާމިޔާބު ކެރިއަރެއް އެބައޮތް ކަމަށް ބުނެ އޭނާ ޖަލުން މިނިވަންކުރަން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ގޮވާލާފައިވެ އެވެ.
ދިވެހި ފުޓްބޯޅަ ހުނަރުވެރި ކީޕަރުންނަށް ޖެހިފައިވަނިކޮށް، އިންޓަ ސްކޫލް މުބާރާތުން ވިދާލި ލަބާނަށް 2012 ވަނަ އަހަރު އޭނާގެ އުމުރުން 16 އަހަރުގައި ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުން ޖާގަ ލިބުނެވެ.
އެ އަހަރުގެ އިންޓަ ސްކޫލް މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ދަރުމަވަންތަ ސްކޫލަށް ހޯދިއިރު އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ބ. އަތޮޅު ތައުލީމީ މަރުކަޒު އަތުން ޕެނަލްޓީ ޖަހައިގެން 6- 5 އިން ދަރުމަވަންތަ މޮޅުވި މެޗުގައި، ހަތަރު ޕެނަލްޓީ ދިފާއުކޮށް ދަރުމަވަންތަ އަށް ޕެނަލްޓީ ވެސް އޭނާ ކާމިޔާބު ކޮށްދިނެވެ. އަދި 2011 ވަނަ އަހަރުގެ އިންޓަ ސްކޫލް 16 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އަހުމަދިއްޔާ އަތުން ދަރުމަވަންތަ މޮޅުވީ ވެސް ޕެނަލްޓީ ޝޫޓްއައުޓްގައި ލަބާން ކުރި ސޭވްތަކާ އެކު އެވެ.
އޭނާ ވަނީ ނޭޕާލުގައި 2011 ވަނަ އަހަރު އޮތް 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ގޯލް ބަލަހައްޓައިފަ އެވެ.