ކޮރަޕްޓް ސިޔާސީ މީހުންގެ ފަހަތަކަށް ނާރާނަން: އިމްރާން ޚާން
ކޮރަޕްޓް ސިޔާސީ މީހުންގެ ފަހަތަކަށް ނާރާނަން: އިމްރާން ޚާން

ލާހޯރު (ޖުލައި 16) - ކޮރަޕްޓް ސިޔާސީ ލީޑަރުން ހިމެނޭ ޕާޓީތަކާ އެކު ކޯލިޝަން ނަހަދާނެ ކަމަށް ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ލީޑަރު އަދި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގައި މި މަހު 25 ގައި ބާއްވާ އާއްމު އިންތިޚާބަށް ކެމްޕޭން ކުރަމުންދާ އިމްރާން ވިދާޅުވީ ޕާޓީގެ މެނިފެސްޓޯ ތަމްފީޒް ނުކުރެވޭނެ ނަމަ ވެރިކަމަށް އައުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ގައުމުގެ ޚަޒާނާ އިން ބިލިއަނުން ނަގާފައިވާ މީހުންނާ އެކު އަތްގުޅާލައިގެން ގައުމުން ކޮރަޕްޝަން ނައްތާލާނީ ކިހިނެއް؟" ގުއެޓާގައި އިއްޔެ ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ސުވާލު ކުރެއްވި އެވެ.

ޕީޓީއައިގެ ލީޑަރު ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިޚާބު އޮޅުވާލައި މަކަރު ހެދި މީހުން އަނެއްކާ ވެސް ދަނީ ކުރިއަށް އޮތް އިންތިޚާބުގައި މަކަރު ހަދަން ރާވަމުން ކަމަށެވެ. ޕަންޖާބުގެ ކުރީގެ ޗީފް މިނިސްޓަރު ޝަހްބާޒް ޝަރީފް އަށް ފާޑު ވިދާޅުވަމުން އިމްރާން ޚާން ވިދާޅުވީ އެއީ އިންތިޚާބުގައި މަކަރު ހެދުމަށް ކުޅަދާނަ މީހެއް ކަމަށެވެ.

ފައިސަލްއާބާދުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އޭނާގެ މުޅި ސިޔާސީ ހަޔާތުގައި އިންތިޒާރު ކުރަމުންދާ ދުވަހަކީ ޖުލައި 25 ވަނަ ދުވަސް ކަމަށެވެ.

"ވޭތުވެދިޔަ 30 އަހަރު ގައުމުގެ ޚަޒާނާ އިން ވައްކަން ކުރަމުން ދިޔަ މީހުންގެ ކިބައިން މި ފަހަރު ސަލާމަތް ވާން ޖެހޭނެ. އަހަރެމެންގެ ވޯޓުން އެ މީހުން ބަލިކުރަން ޖެހޭނެ،" އިމްރާން ޚާން ވިދާޅުވި އެވެ.