ދިޔަވަމުން ދިޔަ ދޯންޏެއް ސަލާމަތް ކޮށް މާލެ ގެންނަނީ
ދިޔަވަމުން ދިޔަ ދޯންޏެއް ސަލާމަތް ކޮށް މާލެ ގެންނަނީ

މާލެ އަތޮޅު ވާދޫ ކައިރިން ދިޔަވަމުންދިޔަ ދޯންޏެއް ސަލާމަތްކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑުގެ އުޅަނދެއްގައި ކަފުޖަހައިގެން މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ވެލި ބަރުކޮށްގެން ދަތުރު ކުރި "ވޭކަން" ކިޔާ އެ ދޯނި ދިޔަވުން ކޮންޓްރޯލް ކުރީ ދޯނީގެ ފަޅުވެރިންގެ މަސައްކަތުން، ދޯނީގައި ހުރި ޕަމްޕު ބޭނުން ކޮށްގެން ކަމަށެވެ،

ހަ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދިގުމިނުގައި 31 މީޓަރު ހުންނަ މި ދޯނި ދިޔަވުމުގެ ސަބަބުން އަޑި އަށް ދާން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:34 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ދުވަސްކޮޅަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސް ވަރަކަށް ވާތީ، ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރެ އެވެ.