ޖޭއެސްސީގެ ފައިސަލް ހައި ކޯޓަށް ކުރިމަތިލެއްވުމުން ފާޑުކިޔުން
ޖޭއެސްސީގެ ފައިސަލް ހައި ކޯޓަށް ކުރިމަތިލެއްވުމުން ފާޑުކިޔުން

ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކޮށް ފިޔަވަޅު އަޅާ އިދާރާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް މުހައްމަދު ފައިސަލް، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލެއްވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ފައިސަލް އަށް ފާޑުކިޔުން އަމާޒުވެފައި މި ވަނީ ޖޭއެސްސީގެ މެންބަރުކަމުން ވަކިވެވަޑައިނުގެން ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވުމުންނާއި މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާފައިވާތީ އެވެ.

އެ ކޮމިޝަނުގެ ތަރުޖަމާނު ހަސަން ޒަހީން މިއަދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލެއްވި ފަހުން ފައިސަލް ކޮމިޝަނުގެ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.

ނަމަވެސް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ ފަނޑިޔާރުން އައްޔަން ކުރާ ކޮމިޝަނުގައި ހުންނަވައިގެން ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވުމުން ނުފޫޒު ފޯރުވުމަށް ޖާގަ ލިބޭނެ ކަމަށް އާންމުންނަށް ތަސައްވަރު ކުރެވޭނެ ކަމަށެވެ.

"ގާނޫނީ ގޮތުން މަނާ ކަމެއް ނޫން ޖޭއެސްސީގައި ހުރެގެން ފަނޑިޔާރު ކަމަށް ކުރިމަތިލުމަކީ. އެކަމަކު އޭރުން ނުފޫޒު ފޯރުވުމަށް ޖާގަ ލިބޭނެ ކަމަށް މީހުންނަށް ފެންނާނެ،" ސުއޫދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ އެކު ކުރިން ޕީޕަލްސް އެލަޔަންސް (ޕީއޭ) ގައި ފައިސަލް އިސްކޮށް އުޅުއްވާފައިވާތީ ވެސް ސުއޫދު އެކަމަށް ފާޑު ކިޔުއްވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަންޖެހޭނީ ދަށު ކޯޓުގެ ވަރަށް ތަޖުރިބާ ހުރި ނުވަތަ އިލްމީ ގޮތުން ފާހަގަ ކުރެވޭ ނުވަތަ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށް އާދަޔާ ހިލާފަށް ކުޅަދާނަކަން ހާމަކޮށްދީފައިވާ ބޭފުޅުން،" އޭނާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ނުދެއްވައި ފަނޑިޔާރު ކަމަށް ކުރިމަތި ނުލެއްވޭނެ ކަމަށެވެ.

"ހާމަކަން ބޮޑު ގޮތެއްގައި މިއީ މަސްލަހަތު ފުށޫ އަރާ ކަމެއް. ޖުޑީޝަލް އެތިކްސްއާ ވަރަށް ބޮޑު ހިލާފެއް މިއީ. އަދި މިއީ ސުލޫކީ ގޮތުން ވެސް ވަރަށް ދަށު ދަރަޖައިގެ އަމަލެއް،" އޭނާ ވިދާޅުވި އެވެ.

އަދި މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ ފައިސަލްއަކީ އޭނާއާ މެދު ސިޔާސީ ގޮތުން ތުހުމަތުތަކެއް ކުރެވޭ މީހެއް ކަމަށެވެ. އަދި ޖުޑީޝަރީ ތެރޭގައި ހިންގާ ކޮރަޕްޝަންތަކުގައި ވެސް ފައިސަލް އަށް މީހުން އިނގިލި ދިއްކުރާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ހައި ކޯޓުގައި 11 ފަނޑިޔާރުން ތިބެންޖެހޭ އިރު މި ވަގުތު ތިބީ އެންމެ ހަތް ފަނޑިޔާރުންނެވެ. ފައިސަލްގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވެސް ކުރިމަތިލެއްވި އެވެ. އަދި ސިވިލް ކޯޓުގެ ފަނޑިޔާރަކާއި ކްރިމިނަލް ފަނޑިޔާރަކު ވެސް ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފަ އެވެ.