އަންނަ އަހަރު ފިންލަންޑް އިންޓަނޭޝަނަލް ސްކޫލެއް ހުޅުވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ
އަންނަ އަހަރު ފިންލަންޑް އިންޓަނޭޝަނަލް ސްކޫލެއް ހުޅުވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

ދުނިޔޭގެ އެންމެ ރަނގަޅު ތަޢުލީމީ ނިޒާމު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ އަދި ތަފާތު ރޭންކިންތަކުން ވެސް އެ ކަމަށް ހެކިދޭ، ފިންލަންޑްގެ ތައުލީމީ ނިޒާމު ރާއްޖެއަށް ތައާރަފްކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަރަށް ހަލުވިމިނެއްގައި ކުރިއަށްދާ ކަމަށް އެކަމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ކުންފުނި، އެޑިޔު ކަނެކްޓް ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

އެޑިޔު ކަނެކްޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވި ގޮތުގައި، ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕްރީ ރެޖިސްޓްރޭޝަންގެ މަރުހަލާ ނިމުނީ ހީވެސް ނުކުރާހާ ކާމިޔާބުކަމާއެކުގަ އެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ޕްރީ ރެޖިސްޓްރޭޝަނަށް ހުޅުވާލީ މިހާރު ވެސް އަޅުގަނޑުމެންގެ ސްކޫލްތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް. އެގޮތުން އެ މަރުޙަލާގައި ލިބުނު ކާމިޔާބީއާއިއެކު އަޅުގަނޑުމެން މިހާރު މިދަނީ ކަރިކިއުލަމް ރަޖިސްޓްރީކުރުމާއި ސްކޫލް ރަޖިސްޓްރީކުރުމުގެ މަސައްކަތް. މިހާރުވެސް ސްކޫލްގެ ގިނަ ގްރޭޑްތަކެއް ހުރީ ފުރިގެން ވެއިޓް ލިސްޓް ކުރަން ޖެހިފައި. އަދި ބާކީ ހުރި މަދު ޖާގަތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މި އަހަރު ފަހުކޮޅު އާންމުންނަށް ހުޅުވާލެވޭނެ،" އަދްލީ ވިދާޅުވި އެވެ.

މީގެ އިތުރުން އަދްލީ ވިދާޅުވި ދެއްވިގޮތުގައި މި ސްކޫލްގައި ކިޔަވާދޭ މުގައްރަރު މިހާރު ވަނީ ފިންލަންޑްގެ ގައުމީ މަންޙަޖުގެ ދަށުން، ރާއްޖޭގެ ސަގާފަތާއި އާދަކާދައާ ގުޅޭގޮތަށް ބައްޓަންކޮށް އެކުލަވާނިމި، ފިންލަންޑް ސަރުކާރުން އެކްރެޑިޓް ވެސް ކޮށްފަ އެވެ. އަދި ފިންލަންޑްގެ މުދައްރިސުން ހޯދުމުގެ މަސައްކަތް ވެސް ވަނީ އަމަލީ ގޮތުން ފެށިފަ އެވެ.

"އަޅުގަނޑުމެން ބެލެނިވެރިންނަށް ވެސް މައުލޫމާތު ދީފައިވާނެ ފަދައިން މި ސްކޫލްގެ ކޮންމެ ކްލާހެއްގައި ވެސް ދިވެހިންގެ އިތުރުން ސީދާ ފިންލަންޑަށް ނިސްބަތްވާ، ތަޖުރިބާހުރި މުދައްރިސުން ކްލާސް މުދައްރިސުންގެ ގޮތުގައި ކިޔަވައިދޭނެ. އެގޮތުން މިކަމުގައި މަސައްކަތްކުރާ އަޅުގަނޑުމެންގެ ޕާޓްނަ ކުންފުނި އެޑިޔު ކްލަސްޓަ ފިންލަންޑާއި އަޅުގަނޑުމެންނާ މިކަމުގައި އެއްބަސްވުމަކަށް އާދެވި، މުދައްރިސުން ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ތައްޔާރީތައްވަނީ ވެ ނިމިފައި،" އޭނާ ވިދާޅުވި އެވެ.

އަދުލީ ވިދާޅުވީ މުދައްރިސުން އައްޔަންކުރުމުގެ މަސައްކަތް އޯގަސްޓްގެ ނިޔަލަށް ނިމޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

އެގޮތުން ސްކޫލް ހުޅުވުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވުމަށް އެޑިޔު ކްލަސްޓަ ފިންލަންޑްގެ ޓީމެއް އަންނަ ހަފްތާގައި ރާއްޖެއަށް އަންނާނެ ކަމަށް އެޑިޔު ކަނެކްޓުން ބުންޏެވެ. މި ޓީމް ސްކޫލް ހުޅުވެންދެން ރާއްޖޭގައި މަސައްކަތްކުރާނެ ކަމަށާއި، ސްކޫލްގައި އަންނަ އަހަރު މަސައްކަތްކުރާނެ ޕްރިންސިޕަލް ވެސް މިއަހަރު ފަހުކޮޅުގައި މި ޓީމާއި ގުޅޭނެ އެވެ.

"ހުރިހާ ކަމެއް ވެސް މިދަނީ ހަމަ އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް. އެންމެ ކުރިއްސުރެ ވެސް އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ތަފާތު އަދި ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ކުރިއަރާފައިވާ އީޖާދުތައް ގެނައުން. އިރާދަކުރެއްވިއްޔާ، 2019 ވަނަ އަހަރުގެ، ދިރާސީ އާ އަހަރު ފެށިގެންދާނީ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލާއެކު. އަދި ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް އިންގިލާބެއް ގެންނާނެ ފަދަ ސްކޫލަކަށް މި ސްކޫލް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އެޑިޔު ކަނެކްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނޭޝަނަލް ސްކޫލްތައް ހިންގާ އައިލެންޑާސް އެޑިޔުކޭޝަންގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ކުންފުންޏެކެވެ. އިންޓަނޭޝަނަލް ސްކޫލްތައް ރާއްޖޭގައި ހިންގުމުގައި އައިލެންޑަރސްގެ ތަޖުރިބާއާއި ހޯދާފައިވާ ކާމިޔާބީއަށް ބަލާއިރު، ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްވެސް ކާމިޔާބު ސްކޫލަކަށް ވާނެ ކަމާމެދު ޝައްކެއްނެތެވެ.

މި ސްކޫލާއި ބެހޭ ގޮތުން މައުލޫމާތު ހޯދަން ބޭނުންވާ ނަމަ އެޑިޔު ކަނެކްޓްގެ ރަސްމީ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް އެޑިޔު ކަނެޓުން ބުންޏެވެ.