16 ޖުލައި 2018 - 11:31

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 452 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން ރޭ ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ރަށްރަށުގައި 430 ވޯޓު ފޮއްޓެއް ބަހައްޓާނެ އެވެ. އެކަމަކު، 2013 ގެ ރިޔާސީ އިންތިޚާބާ ޚިލާފަށް، މި ފަހަރުގެ އިންތިޚާބުގައި ރިސޯޓުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަނީ އެންމެ ހަތް ތަނުގަ އެވެ. ސިނާއީ މަސައްކަތް ކުރާ ހަ ރަށެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، ރާއްޖެ އިން ބޭރުގެ ހަތަރު ގައުމެއްގައި ފަސް ވޯޓްފޮށި ބަހައްޓާނެ އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ބެހެއްޓީ 459 ވޯޓު ފޮއްޓެވެ. ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ފޮށީގެ އަދަދު މަދުވީ ރިސޯޓްތަކުގައި ބަހައްޓާ ފޮށީގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައި ވާތީ އެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި 56 ރިސޯޓެއްގައި ވޯޓް ފޮށި ބެހެއްޓި އެވެ
ވޯޓު ފޮށި ބަހައްޓަނީ ކުރަމަތި އައިލެންޑް ރިސޯޓާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާގެ އިތުރުން ބަނޑޮސް މޯލްޑިވްސް އާއި ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ އާއި ކުރެއްދޫ އައިލެންޑް ރިސޯޓު އަދި ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް ގަ އެވެ.
ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ މިދިޔަ އިންތިޚާބުގައި ވެސް ވޯޓު ފޮށި ބެހެއްޓި އިންޑިއާގެ ޓްރިވެންޑްރަމާއި ނިއު ދިއްލީ އާއި ސްރީ ލަންކާގެ ކޮލޮމްބޯ އާއި މެލޭޝިއާގެ ކުއާލަލަމްޕޫރާއި ސިންގަޕޫރު އަދި އިނގިރޭސި ވިލާތުގެ ލަންޑަންގަ އެވެ. އޭގެ ތެރެއިން، ލަންކާގެ ކޮލޮމްބޯގައި ދެ ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ. އިންޑިއާގެ ބެންގަލޫރުގައި މި ފަހަރު ވޯޓްފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވީ ނަމަވެސް އެކަން ނުކުރުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އާއްމު ކުރި ލިސްޓުގައިވާ ގޮތުން، ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި 1،700 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ. އިލެކްޝަންސްް ކޮމިޝަނުން ބުނި ގޮތުގައި ޝަކުވާތައް އިސްލާހު ކުރުމުން، 859 މީހެއްގެ ނަން ލިސްޓުން އުނިވި އެވެ.