"މަދޫބާާލާ" ގެ ވާހަކައަށް ފިލްމެއް ހަދަނީ
"މަދޫބާާލާ" ގެ ވާހަކައަށް ފިލްމެއް ހަދަނީ

އިންޑިއަން ސިނަމާގެ އެންމެ ކުޅަދާނަ އަދި އެންމެ ރީތި ބަތަލާއިންގެ ތެރޭގައި ހިމެނެނު ކުރީގެ މަޝްހޫރު ބަތަލާ މަދޫބާލާގެ ވާހަކަ ވެސް ބޮޑު ސްކްރީނަށް ގެނެސްދޭން ނިންމައިފި އެވެ.

"މަދޫބާާލާ" ގެ ވާހަކައަށް ފިލްމެއް ހަދަނީ
"މަދޫބާާލާ" ގެ ވާހަކައަށް ފިލްމެއް ހަދަނީ

ޒުވާން އުމުރުގައި މަރުވި ބަތަލާގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ބޭނުންވެގެން އެކަމުގެ ހުއްދަ ހޯދަން މަދޫބާލާގެ އާއިލާ އަށް ބޮލީވުޑްގެ ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން މީގެ ކުރިން ހުށަހަޅާފައިވެ އެވެ.

އެކަމަކު އާއިލާ އިން ވަނީ އެކަމާ އިންކާރުކޮށްފަ އެވެ. ނަމަވެސް އެ ހިޔާލު މިހާރު ބަދަލުވެ އާއިލާ އިން ވަނީ މަދޫބާލާގެ ވާހަކަ ބެލުންތެރިންނަށް ގެނެސް ދޭން ނިންމައިފަ އެވެ.

މިކަމާ ބެހޭ ގޮތުން މަދޫބާލާގެ ކޮއްކޮ މަދޫރް ބްރިޖް ބުޝަން މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު އޭގެ މާ ބޮޑު ތަފުސީލެއް ހާމަ ނުކޮށް އޭނާ ބުނީ ފިލްމް ޕްރޮޑިއުސް ކުރާނީ "ވަރަށް ގާތް ބައެއް" ކަމަށެވެ.

"ވަރަށް އަވަހަށް މި ފިލްމް ރަސްމީކޮށް އިއުލާންކޮށް، މީގެ މަސައްކަތް ފަށާނެ،" މަދޫރް ބުންޏެވެ. "އެހެންވެ މި ދަނޑިވަޅުގައި ބުނެލަން ބޭނުންވޭ މަދޫބާލާގެ ވާހަކަ އަށް އެއްވެސް ފަރާތަކުން ފިލްމެއް ހަދަން މަސައްކަތް ނުކުރުމަށް. އެ ހުއްދައެއް އާއިލާއަކުން ނުދޭނެ. އަހަރެން މިހާރު ނިންމައިގެން މި ހުރީ އަހަރެންގެ ބެލުމުގެ ދަށުން މަދޫބާލާގެ ފޭނުންނާއި ހެޔޮއެދޭ މީހުންނަށް އޭނާގެ ފިލްމް ގެނެސްދޭން."

މުގްލޭ އާޒަމް (1960)، ޗަލްތީ ކާ ނާމް ގާޅީ (1958)، މެހެލް (1949) އަދި "މިސްޓް އެންޑް މިސިޒް 55 (1955) ފަދަ ކާމިޔާބު އެތައް ފިލްމަކުން މޮޅު އެކްޓިންއެއް ދައްކުވައި ދީފައިވާ މަދޫބާލާއަކީ "ދަ ވީނަސް އޮފް އިންޑިއަން ސިނެމާ" ގެ ނަމުން މަޝްހޫރުވި ބަތަލާއެކެވެ.

އެކަމަކު ޒާތީ ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު ހިތްދަތި ކަންތައްތަކާ އެކު، ފަހުން މީޑިިއާތަކުން މަދޫބާލާ ސިފަކޮށްފައި ވަނީ "ޓްރެޖިޑް ކްއީން" ގެ ގޮތުގަ އެވެ. ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ކިޝޯރް ކުމާރާ ކުރި ކައިވެނި ވެސް ރޫޅި، ރަލަށް ދެވި ހިފައި އުމުރުން އެންމެ 36 އަހަރުގައި މަދޫބާލާ މަރުވީ 1969 ގަ އެވެ.

އޭނާގެ އެންމެ ފަހު ފިލްމަކީ މަރުވި ފަހުން 1971 ގައި ރިލީޒް ކުރި "ޖުވާލާ" އެވެ.

މަދޫބާލާގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދޭ އިރު، މިހާރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަނީ އޭނާގެ ރޯލް ކުޅޭނީ ކޮން ބަތަލާއަކުތޯ ބެލުމަށެވެ. އެ ރޯލް ކުޅެން ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ބަތަލާއިންގެ ތެރޭގައި ވިދިޔާ ބަލަން އާއި ކަންގަނާ ރަނާވަތު ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މަދޫބާލާގެ ބައޮޕިކުން ފެންނާނީ ބޮލީވުޑްގެ އޭ ލިސްޓް ބަތަލާއެކެވެ.