"ބާރަތު" އިން އަހަންނެއް ނުފެންނާނެ: ކެޓްރީނާ ކެއިފް
"ބާރަތު" އިން އަހަންނެއް ނުފެންނާނެ: ކެޓްރީނާ ކެއިފް

ސަލްމާން ހާނާ ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލް ކުޅޭ ފިލްމް "ބާރަތު" ގައި ބައިވެރިނުވާ ކަމަށް ބަތަލާ ކެޓްރީނާ ކެއިފް ކަށަވަރުކޮށް ދީފި އެވެ.

މީޑިއާތަކުން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމްގެ މުހިއްމު ރޯލަކުން ކެޓްރީނާ ފެންނާނެ އެވެ. އަދި އެއީ ވަރަށް ކުރު ރޯލަކަށް ވިޔަސް، ކެޓްރީނާގެ ކެރެކްޓާއަކީ ފިލްމްގެ ވާހަކައިގެ ވަރަށް މުހިއްމު ބައެއް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މި ވަގުތު އާއިލާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަ ބަތަލާ ހިންދުސްތާން ޓައިމްސް އަށް ބުނީ "ބާރަތު" އޭނާގެ އެއްވެސް ފެނިލުމެއް ނުހިމެނޭނެ ކަމަށެވެ.

"އެ ފިލްމަކުން އަހަންނެއް ނުފެންނާނެ،" އަލީ ޑައިރެކްޓްކޮށް މިދިޔަ އަހަރު ސަލްމާނާ އެކު "ޓައިގާ ޒިންދާ ހޭ" ކުޅުނު ކެޓްރީނާ ބުންޏެވެ.

ހޯމަ ދުވަހު 35 ވަނަ އުފަން ދުވަސް ފާހަގަކުރި ބަތަލާ ބުނި ގޮތުގައި މި ވަގުތު ސޮއިކޮށް މަސައްކަތް ފަށަން އޮތް ހަމައެކަނި ފިލްމަކީ ރެމޯ ޑި ސޫޒާ ޑައިރެކްޓްކޮށް، ވަރުން ދަވަންއާ އެކު ކުޅޭ ޑާންސް ފިލްމެކެވެ.

"އަހަރުގެ ފަހުކޮޅު އެ ފިލްމްގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވެސް މިހާރު އަންނަނީ ވަމުން،" ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ކެޓްރީނާ ބުންޏެވެ.

މި އަހަރު އޭނާގެ ދެ ފިލްމެއް ރިލީޒް ވާން އެބަ އޮތެވެ. އެއީ ނޮވެމްބަރު 7 ގައި ރިލީޒް ކުރާ "ތަގްސް އޮފް ހިންދުސްތާން" އާއި ޑިސެމްބަރު 21 ގައި ރިލީޒް ކުރާ "ޒީރޯ" އެވެ.

"ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ (ވިކްޓާ) އަޗަރިއާ ޑައިރެކްޓް ކުރާ "ތަގްސް އޮފް ހިންދުސްތާން" ގައި ކެޓްރީނާ ފެނިގެން ދާނީ އާމިރް ހާނާއި އަމީތާބް ބައްޗަން އާއި ފާތިމާ ސަނާ ޝެއިހާ އެކުގަ އެވެ. އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ "ޒީރޯ" ގައި ކެޓްރީނާ ކޯ-ސްޓަރުންނަކީ ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާ އެވެ.

"ޒީރޯގައި އަދި އެބަހުރި ކޮށްލަން ޖެހޭ ކުދިކުދި މަސައްކަތްތައް. އެކަމަކު ވަރަށް އަވަހަށް ފިލްމްގެ މަސައްކަތް އެއްކޮށް ނިމޭނެ،" ކެޓްރީނާ ބުންޏެވެ.

މިހާރު ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ "ބާރަތު" ގައި ސަލްމާނާއި ޕްރިޔަންކާގެ އިތުރުން ޑިޝާ ޕަޓްނީ އާއި ތައްބޫ އަދި ސުނިލް ގްރޯވާ ވެސް ހިމެނެ އެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.