15 ޖުލައި 2018 - 23:29

މޮސްކޯ، ރަޝިއާ (ޖުލައި 15) – ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ފައިނަލުން ފްރާންސް އަތުން 4-2 އިން ބަލިވި ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗަށް އަދި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއާގެ މަގާމް އިންގްލެންޑުގެ ހެރީ ކޭން އަށް ލިބިއްޖެ އެވެ.

މޮޑްރިޗް ވަނީ މުޅި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ މުބާރާތުގެ ތިން މެޗެއްގައި މޮޅު ކުޅުންތެރިއާގެ މަގާމް ހޯދައިފަ އެވެ. އޭނާ މި މަގާމް ހޯދުމާ އެކު، ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް 1998 ވަނަ އަހަރުން ފެށިގެން ޗެމްޕިއަން ޓީމުގެ ކުޅުންތެރިއަކަށް ނުލިބޭ ސިލްސިލާ އަށް ބޮޅެއް އިތުރުވީ އެވެ.
ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިއާ އަށްދޭ ރިހި ބޯޅަ، މުބާރާތުގެ ތިން ވަނަ މަގާމް ހޯދި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް ލިބުނުއިރު ބްރޮންޒް ބޯޅަ ލިބުނީ ފްރާންސްގެ އެންޓޮއިން ގްރިޒްމަން އަށެވެ. ފައިނަލް މެޗުގައި ލަނޑު ޖަހައި އަދި ދެ ލަނޑު ޖަހަން މަގުފަހިކޮށްދިން ގްރިޒްމަން އަކީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާ ވެސް މެ އެވެ.
މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑް ހާސިލްކުރީ ފްރާންސްގެ އުމުރުން 19 އަހަރުގެ ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. މިރޭ ލަނޑު ޖަހައި ފައިނަލެއްގައި ލަނޑު ޖެހި 19 އަހަރުން ދަށުގެ ދެ ވަނަ ކުޅުންތެރިއާގެ ޝަރަފް ހޯދި އެމްބާޕޭ މުބާރާތުގައި ޖުމްލަ ހަތަރު ގޯލް ޖެހި އެވެ. މި އެވޯޑް 2006 ގައި ތައާރަފްކުރި އިރު މިހާތަނަށް ހޯދާފައިވަނީ ފްރާންސް ދެ ކުޅުންތެރިންނާއި ޖަރުމަން ދެ ކުޅުންތެރިންނެވެ. އެންމެ ފުރަތަމަ 2006 ގައި ޖަރުމަނުގެ ލޫކަސް ޕޮޑޮލްސްކީ މަގާމް ހާސިލްކުރި އިރު 2010 ގައި ހޯދީ އެ ގައުމުގެ ތޯމަސް މުލާ އެވެ. އަދި 2014 ގެ ވޯލްޑް ކަޕުގައި މި އެވޯޑް ހޯދީ ފްރާންސްގެ ޕައުލް ޕޮގްބާ އެވެ.
މުބާރާތުގެ ރަންބޫޓް އިނގިރޭސި ފޯވާޑް ހެރީ ކޭން ހޯދީ ފަސް ގޯލް ޖަހައިގެންނެވެ. މީގެ ތެރެއިން ތިން ގޯލަކީ ޕެނަލްޓީން އޭނާ ކާމިޔާބުކުރި ލަނޑުތަކެވެ. ޓިއުނީޝިއާ އަތުން 2-1 އިން އިންގްލެންޑް މޮޅުވި މެޗުގައި ދެ ގޯލް ޖެހިއިރު ޕެނަމާ އަތުން 6-1 އިން މޮޅުވި މެޗުގައި ވެސް ދެ ގޯލް ޖެހި އެވެ. ފަހު ގޯލަކީ ދެ ވަނަ ބުރުގައި ކޮލަމްބިއާ އަތުން 1-0 އިން މޮޅުވި މެޗުގައި ޖެހި ގޯލެވެ.
ދެން އެންމެ ގިނައިން ގޯލް ޖަހާފައިވަނީ ފަސް ކުޅުންތެރިއެކެވެ. އެއީ ހަތަރު ގޯލް ޖެހި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އާއި ފްރާންސްގެ ގްރިޒްމަން އާއި އެމްބާޕޭ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ރަޝިއާގެ ޑެނިސް ޗެރީޝޭފެވެ. އެހެންވެ ރިހި ބޫޓާއި ބްރޮންޒް ބޫޓް ހޮވުމުގައި ކުޅުންތެރިން ފަރަގުކުރަން ބެލީ ގޯލް ޖަހަން މަގުފަހިކޮށްދިން އަދަދަށެވެ. އެގޮތުން ހަތަރު ގޯލާއި ދެ އެސިސްޓާ އެކު ރިހި ބޫޓް ގްރިޒްމަން ކާމިޔާބުކުރިއިރު ހަތަރު ގޯލާއި އެއް އެސިސްޓާ އެކު ބްރޮންޒް ބޫޓް ހޯދީ ލުކާކޫ އެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ ބެލްޖިއަމްގެ ތިބައޫ ކޯޓުއާ އެވެ. އަދި ފެއާޕްލޭ އެވޯޑް ހޯދީ ދެ ވަނަ ބުރުން ރަޝިއާ އަތުން ކެޓި ސްޕެއިނެވެ.