16 ޖުލައި 2018 - 07:23

ފުޅި އަޅައިގެން ފީނުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ ވަރަށް ރައްކާތެރިވެގެން ކުރަންޖެހޭ ކަމެކެވެ.
ސުޕާ ހޫކާއަކީ ފުޅިއާ ނުލައި އެކަމަކު ކަނޑުއަޑީގެ މަންޒަރުތައް ބަލައިލަން އެހީވެދޭ ފޮއްޓެކެވެ. ފައިގައި އަޅުވާލެވޭ ދިގު އިސްފިރޭނުގަނޑަކާއެކު ފެންމަތީގައި އޮންނަ ގޮތަށް ފަރުމާކޮށްފައިވާ މި ފޮށްޓަކީ ފީނާ ހިތްވާ މީހުން، އެކަމަށް ކުރިމަތިލުމަށް ފުރަތަމަ ފިޔަވަޅުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. ފެންމައްޗަށް މި ފޮށި އޮންނާނީ ދޫކޮށްލައިފައެވެ. އިސްފިރޭނުވާކޮޅު ފައިގައި ހަރުކޮށްފައިވާތީ، ފީނާ މީހާ އަޑިއަށްދާއިރު އިސްފިރޭނު ވާކޮޅުގެ އެހީގައި އޮންނާނީ ފޮއްޓާއެކު ބަނދެވިފައެވެ. މި ފޮށި އެއްފަހަރު ޗާޖުކޮށްގެން ގަޑިއެއްހާއިރު ބޭނުންކުރެވޭނެއެވެ. އަދި 30 ފޫޓު އަޑިއަށް ފީނޭނެއެވެ. ސުޕާ ހޫކާ ބޭނުންކޮށްގެން ފީނާއިރު މި ފޮއްޓާ ގުޅިފައިވާ ރެގިޔުލޭޓަރުގެ ހޮޅިން ސާފުވައި ލިބެމުންދާނެއެވެ. ވީމާ ހާސްކަމެއް ނެތި ކަނޑުއަޑީގެ މަންޒަރުތައް ބަލައިލަން ފީނާލެވޭނެއެވެ.
ސުޕާ ހޫކާ ފޮއްޓާއެކު ހިމެނޭ ސްނޯކްލް ހޮޅި އާއި އިސްފިރޭނު ވާކޮޅާއި ފީނާއިރު ލާ ސަލާމަތީ ވެސްޓް، ފީނާ ނިމުމުން މި ފޮށީގައި ރީތިކޮށް ރައްކާކުރެވޭނެއެވެ. މީގެ އިތުރުން މި ފޮށި ފަރުމާކޮށްފައިވަނީ ފީނަން އަތިރިމައްޗަށް ދާއިރު ގެންދާނެ ހުރިހާ ސާމާނެއް އެޅޭ ގޮތަށެވެ. އިތުރު ފޮއްޓެއް ނުވަތަ ދަބަހެއް ބޭނުމެއް ނުވާނެއެވެ.
އާންމުކޮށް ފީނުމަކީ ދިގު ދަތުރަކަށްފަހު ކުރެވޭ ކަމަކަށްވާތީ މި ފޮށި އުފައްދާފައިވަނީ މަތިންދާބޯޓަށް އެރުވޭ ލަގެޖްގެ ފެންވަރަށް، ފުރޮޅާއި ދަމާލެވޭ ދިގު އަތްގަނޑު ހިމަނައިގެންނެވެ.