އުނދުނުގެ ޓެކްނޮލޮޖީއަށް އިންގިލާބެއް
އުނދުނުގެ ޓެކްނޮލޮޖީއަށް އިންގިލާބެއް

ބަދިގޭގެ ހުރިހާ ކަމެއް ބިނާވެފައިވަނީ އުނދުނުން ކެކިގެން ނުކުންނަ ކާތަކެތީގެ މައްޗަށެވެ. މިއަދު އުނދުނަކީ ވެސް މޭޒުމަތީ ބަހައްޓާލާ އާދައިގެ މެޝިނަކަށް ބަދަލުވެދާނެ ކަމުގެ ކުލަވަރު އަންނަނީ ފެންނަމުންނެވެ. ބްރާވާ ކިޔާ ކުންފުންޏަކުން މިހާރު ތައްޔާރުވަނީ ބޮކި އަލީގެ ޓެކްނޮލޮޖީން ކެއްކޭ އުނދުނެއް ބާޒާރަށް ނެރުމަށެވެ.

ބްރާވާގެ ނަމުން ނަންދީފައިވާ މިއުނދުން ބޮޑަށް ވައްތަރީ މައިކްރޯވޭވް އަވަނަކާއެވެ. ނަމަވެސް، މި އުނދުނުގައި ބޭނުންކުރާ ޓެކްނޮލޮޖީއަކީ ކާތަކެތި ހޫނުކުރުމެއް ނޫނެވެ. ނަމަވެސް މި އުނދުނުގެ އެތެރޭގައި ވަކި ތަރުތީބަކުން ހަރުކޮށްފައިވާ ބޮކިތަކުގެ އަލިން ރަގަޅަށް ކެއްކުމެވެ. ކައްކާއިރު ކާތަކެތީގެ ބޭރު ފަށަލައާ އެއްވަރަށް އެތެރެއަށް ވެސް ހޫނުވަދެ، ރަގަޅަށް ކެކޭނެކަމަށްވެއެވެ. ކައްކާއިރު 260 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އަރާނެއެވެ.

ކައްކަމުންދާއިރު ބަލައިލަން ބޭނުންނަމަ އުނދުނުގެ ދޮރުފަތް ހުޅުވާކަށް ނުޖެހެއެވެ. ނަމަވެސް އުނދުނުގެ ތެރޭގައި ހަރުކޮށްފައިވާ 5އެމްޕީގެ ކެމެރާއިން ނަގާ މަންޒަރުތައް، އުނދުނުގެ ބޭރުގައި ހުންނަ 5 އިންޗީގެ ކުޑަ ސްކްރީނުން ފެންނާނެއެވެ. ނޫން ނަމަ ބްރާވާ އެޕްގެ އެހީގައި ފޯނުން ވެސް ބަލައިލެވޭނެއެވެ.

ބްރާވާ އުނދުނުގައި ކާތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ސެޓިންތައް އަމިއްލައަށް ހެދެން ހުރެއެވެ. އަދި ބްރާވާ އުނދުނަށް ބައެއް ކަހަލަ ރެސިޕީތައް އަޅާފައި ވެސް ހުރެއެވެ. އެފަދަ ތަކެތި އުނދުނުގެ މެނޫއިން އިޚްތިޔާރުކުރެވެއެވެ. އަދި ބޭނުންވާ ކާނާ އިޚްތިޔާރުކުރުމަށްފަހު ފިތަކަށް ފިތާލުމުން އެ ނިމުނީއެވެ. ބްރާވާ އުނދުނަށް ދުރާލާ ދަސްކޮށްދީފައިވާ ގޮތަށް އެބާވަތެއް ކައްކާނެއެވެ. މިސާލަކަށް، ކުކުޅެއް ފިހަން ލުމަށްފަހު، ރެސިޕީ މެނޫއިން ކުކުޅު ފިހުން އިޚްތިޔާރުކޮށްފި ނަމަ ހަމަޖެހިފައިވާ އުސޫލާއި ބްރާވާ އުނދުނަށް ދަސްކޮށްދީފައިވާ ގޮތަށް އެ ކުކުޅު ފިހެލާނެއެވެ.

ބްރާވާ ކުންފުނިން މި އުނދުން ވިއްކާ އަގަކީ 995 އެމެރިކާ ޑޮލަރެވެ. ބެލެވޭ ގޮތުގައި މީގެ އުނދުން އާންމުކޮށް ބާޒާރުގައި ވިއްކަން ފަށާނީ މިއަހަރުގެ ފަހުކޮޅެވެ.