01 އޯގަސްޓް 2016 - 10:31

ޖިއްދާ (އޮގަސްޓް 1) - ވަޒީފާ ގެއްލިފައިވާ އިންޑިއާގެ 10،000 އަށް ވުރެ ގިނަ މީހުން ސައުދީ އަރަބިއާގައި ބަނޑަށް ޖެހިފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވެއްޖެ އެވެ.

ސްވަރާޖް ވިދާޅުވީ ވަޒިފާ ގެއްލިފައި އިންޑިއާގެ ގިނަ މީހުންނަށް ކާއެތިކޮޅެއް ގަންނާނެ ވަރަށް އެ މީހުންގެ އަތުގައި ފައިސާ ވެސް ނެތް ކަމަށެވެ.
ސައުދީ އަރަބިއާގެ ޖިއްދީގައި ދިރިއުޅޭ އިންޑިއަން ކޮމިއުނިޓީން، ސަރުކާރުގެ އެހީއާ އެކު، މިދިޔަ ހަފުތާ ބަންދުގައި ވަނީ ހާލުގައި ޖެހިފައިވާ މީހުން ކާބޯތަކެތީގެ އެހީވެދީފަ އެވެ. ސްވަރާޖް ވަނީ ސައުދީގައި ދިރިއުޅޭ އިންޑިއާގެ ގާތްގަނޑަކަށް ތިން މިލިއަން މީހުންގެ އެހީ އަށް ޓްވިޓާ މެދުވެރިކޮށް އެދިވަޑައިގެންފަ އެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންގެ ހާލު ބެއްލެވުމަށް ސަރުކާރުގެ ވަޒީރަކު ފޮނުއްވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ. މީގެ އިތުރުން އަނބުރާ ގައުމަށް އަންނަން ޓިކެޓް ގަނެވޭ ވަރަށް ފައިސާ ނެތް މީހުންނަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ސްވަރާޖް ވިދާޅުވި އެވެ.
ޖިއްދާގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓުން ބުނީ ހޮނިހިރު ދުވަހު އެކަނިވެސް 15،000 ކިލޯގެ ކާތަކެތި ހާލުގައި ޖެހިފައިވާ އިންޑިއާ މީހުންނަށް ބަހާފައިވާ ކަމަށެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރިޔާޒުގައި ހުންނަ އިންޑިއާގެ އެމްބަސީން ވެސް ވަނީ އެދިފަ އެވެ.
ތެލުގެ އަގު ދަށަށްދާން ފެށުމުން ސައުދީ އަރަބިއާގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރު ކުރަން ފަށައިފަ އެވެ.
ކުވޭތުން ވެސް ވަޒީފާ ގެއްލިފައިވާ އިންޑިއާ މީހުންނަށް ވެސް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ސްވަރާޖް ވިދާޅުވި އެވެ. ނަމަވެސް ކުވޭތުގެ ހާލަތު ގޯސް ނޫން ކަމަށް ވެސް ވިދާޅުވ އެވެ.