ފްރާންސުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި
ފްރާންސުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

މޮސްކޯ، ރަޝިއާ (ޖުލައި 15) – މުބާރާތުގެ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކުރި ކްރޮއޭޝިއާގެ މައްޗަށް 4-2 އިން ކުރި ހޯދައި ފްރާންސުން އެ ގައުމުގެ ތާރީހުގައި ދެ ވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފްރާންސުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި
ފްރާންސުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

މި ކާމިޔާބީއާ އެކު ފްރާންސުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ހޯދި ތިން ވަނަ މީހާގެ ގޮތުގައި ތާރީހުން ޖާގަ ހޯދައިފަ އެވެ. އޭނާ އަކީ 1998 ވަނަ އަހަރު ފްރާންސުން ތަށި ހޯދިއިރު ކެޕްޓަނެވެ. މި ޝަރަފް ދެން ހޯދާފައިވަނީ ބްރެޒިލްގެ މާރިއޯ ޒަގަލޯ އާއި ޖަރުމަނުގެ ފްރެންޒް ބެކެންބާ އެވެ.

ފްރާންސުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި
ފްރާންސުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

މީގެ ދެ އަހަރު ކުރިން އަމިއްލަ ގައުމުގައި ކުޅުނު ޔޫރޯގެ ފައިނަލުން ޕޯޗުގަލް އަތުން ބަލިވި ބަލިވުމުގެ ހިތްދަތިކަން ފްރާންސުން ފިލުވާލުމާ އެކު އެ ޓީމު ވެފައިވަނީ ވޯލްޑް ކަޕުގެ ތަށި އެއް ފަހަރު ވުރެ ގިނައިން އުފުލާލި ހަ ވަނަ ގައުމަށެވެ. އަދި އެ ޓީމަށް ވަނީ ވޯލްޑް ކަޕުގައި ޔޫރަޕުން ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ވެސް ލިބިފަ އެވެ. ޖަރުމަނާއި އިޓަލީން ހަތަރު ފަހަރު ތަށި ހޯދައި އެއް ވަނަ ހިއްސާކުރަމުން އަންނައިރު ސްޕެއިނާއި އިންގްލެންޑަށް ލިބިފައިވަނީ އެއް ތަށްޓެވެ.

މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި މޮޅަށް ކުޅެ ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ކްރޮއޭޝިއާ އިންނެވެ. އެކަމަކު ފްރާންސުން ވަނީ އެ ޓީމަށް ލިބުނު މަދު ފުރުސަތުގެ ބޭނުން ހިފައި ނަތީޖާ ނެރެފަ އެވެ. ފްރާންސުން ލީޑު ނަގާފައި އޮއްވާ ކްރޮއޭޝިއާ އިން އެއްވަރުކުރި ނަމަވެސް ހާފު ނިމުމުގެ ކުރިން ފްރާންސުން ޕެނަލްޓީއަކުން އަލުން ލީޑު ނެގި އެވެ. އަދި ދެ ވަނަ ހާފުގައި ތަފާތު ބޮޑުކުރީ އެވެ.

ދެ ޓީމުން ވެސް އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމަނާ ކުޅުންތެރިންނާ އެކު މެޗާ ކުރިމަތިލި އިރު މެޗު ފަށައިގެން ހީކުރި ގޮތާ ހިލާފަށް ކޮންޓްރޯލް ނެގީ ކްރޮއޭޝިއާ އިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ކްރޮއޭޝިއާގެ އިވާން ރަކިޓިޗް އޭރިއާ ތެރެއިން އިވާން ޕެރިސިޗަށް ރަނގަޅު ބޯޅައެއް ދިން ނަމަވެސް އޭނާ އަށް ކޮންޓްރޯލްނުވީ އެވެ.

މެޗު އެނބުރިގެން ދިޔައީ 17 ވަނަ މިނެޓުގައި ފްރާންސްގެ އެންޓޮއިން ގްރިޒްމަން އަށް ކްރޮއޭޝިއާގެ މާސެލޯ ބްރޮޒޮވިޗް ފައުލްކުރި ކަމަށް ބަލައި އާޖެންޓީނާ ރެފްރީ ހިލޭ ޖެހުމެއް ދިނުމުންނެވެ. ރީޕްލޭ އިން ފެންނަ ގޮތުގައި ބްރޮޒޮވިޗް ޓެކްލްކުރުމުގެ ކުރިން ގްރިޒްމަން ވެއްޓިގަނެ އެވެ. އެ ހިލޭ ޖެހުމުން ގްރިޒްމަން ހުރަސްކުރި ބޯޅަ ކްރޮއޭޝިއާގެ މާރިއޯ މަންޒުކިޗް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަދެ ފްރާންސަށް ލީޑު ލިބުނެވެ.

ފްރާންސަށް ލީޑުގައި މާގިނަ ވަގުތު އޮވެވޭ ގޮތެއް ނުވި އެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޕެރިސިޗް ވަނީ ކްރޮއޭޝިއާ އަށް އެއްވަރުކޮށްދީފަ އެވެ. އެ ޓީމުގެ ޑޮމަގޯ ވީޑާ ދިން ބޯޅަ އޭރިއާ ތެރެއިން ޕެރިސިޗް ކޮންޓްރޯލްކޮށް ފްރާންސް ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ޖެހުމުން ވަނީ ފްރާންސްގެ ރަފައެލް ވަރާންގެ ފައިގައި ވެސް ޖެހިފަ އެވެ.

އެކަމަކު 34 ވަނަ މިނެޓުގައި ވީއޭއާރް ބޭނުންކޮށްގެން ރެފްރީ ދިން ޕެނަލްޓީ ގްރިޒްމަން ކާމިޔާބުކޮށް ފްރާންސަށް އަލުން ލީޑު ނަގައިދިނެވެ. ފްރާންސްގެ ބްލައިސް މަޓުއިޑީ ފުންނާބުން ޖެހި ބޯޅަ ކްރޮއޭޝިއާގެ ޕެރިސިޗް އަތުގައި ޖެހުމުން ފްރާންސުން މައްސަލަ ޖެއްސި ނަމަވެސް ރެފްރީ ފުރަތަމަ އަޅާނުލަ އެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު އޭނާ ނިންމީ އެއީ ޕެނަލްޓީއެއް ކަމަށެވެ. މިއީ ވޯލްޑް ކަޕުގެ ތާރީހުގައި ފައިނަލެއްގައި ވީއޭއާރް ބޭނުންކުރި ފުރަތަމަ ފަހަރެވެ.

ދެ ވަނަ ހާފު ފަށައިގެން ކްރޮއޭޝިއާ އަނެއްކާ ވެސް ފެނުނީ ވަރަށް ނުރައްކާތެރިކޮށެވެ. ފުލުފުލުގައި ނުރައްކާތެރި ބޯޅަތަކެއް ކުރިއަށް ލަމުން ދިޔަ އެވެ. އެގޮތުން ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އެ ޓީމުގެ އަންޓޭ ރެބިޗް އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅައެއް ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރި އެވެ.

ފްރާންސުން ދިޔައީ ކައުންޓާގައި ނުރައްކާކުރަމުންނެވެ. އެގޮތުން 51 ވަނަ މިނެޓުގައި އެ ޓީމުގެ ކީލިއަން އެމްބާޕޭގެ ދުލެވި ބާރު އެޓޭކެއް ކްރޮއޭޝިއާގެ ވީޑާ އާއި ގޯލްކީޕަރު ޑެނިޔެލް ސުބޮސިޗް ހުއްޓުވި އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ފްރާންސުން އުފެއްދި ހަމަލާ ކްރޮއޭޝިއާ އަށް ހުއްޓުވޭ ގޮތެއް ނުވި އެވެ. އެމްބާޕޭ ދެ ޑިފެންޑަރުން ކައިރިން ދެމި ގަނެ ހުރަސްކުރި ބޯޅަ ގްރިޒްމަން ކޮންޓްރޯލް ކުރުމަށް ފަހު ދިނީ ޕޮގްބާ އަށެވެ. އޭނާ އެ ބޯޅަ ފުރަތަމަ ޖެހުމުން ބްލޮކްވީ އެވެ. އަލުން ލިބުމުން އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.

ކްރޮއޭޝިއާ އަށް މެޗުގެ ތެރެއަށް އެނބުރި އަންނަން ކުރި މަސައްކަތް ފެނަށް ވެގެންދިޔައީ 64 ވަނަ މިނެޓުގައި އެމްބާޕޭ ޖެހި ގޯލާ އެކު ފްރާންސުން ތިން ލަނޑުގެ ލީޑެއް ނެގުމުންނެވެ. މި ގޯލާ އެކު އެމްބާޕޭ ވެގެންދިޔައީ ބްރެޒިލްގެ ޕެލޭ އަށް ފަހު ވޯލްޑް ކަޕުގެ ފައިނަލެއްގައި ލަނޑު ޖެހި 19 އަހަރުން ދަށުގެ ފުރަތަމަ ކުޅުންތެރިއާ އަށެވެ.

ކްރޮއޭޝިއާ އަށް އުއްމީދެއް ލިބިގެންދިޔައީ ފްރާންސްގެ ކީޕަރު ލޮރިސް އަށް ހެދުނު ގޯހަކުން އެ ޓީމުގެ މަންޒުކިޗް ޖެހި ގޯލުންނެވެ. ފްރާންސްގެ ޑިފެންޑަރު ފަހަތަށް ޖައްސާލި ބޯޅަ ލޮރިސް ކޮންޓްރޯލްކޮށްލުމަށް ފަހު ކުރިއަށް ފޮނުވާލި ވަގުތު ލިބުނީ ކުރިމަތީ ހުރި މަންޒުކިޗަށެވެ. އޭނާ އެ ބޯޅަ އެއް ފަހަރުން ގޯލަށް ވައްދާލި އެވެ. މެޗުގެ ފަހު ބައިގައި ވެސް ކްރޮއޭޝިއާ އިން ނުރައްކާކުރި ނަމަވެސް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

މިރޭގެ މެޗަކީ 1966 ވަނަ އަހަރުގެ ފައިނަލުގައި ހުޅަނގު ޖަރުމަން އަތުން 4-2 އިން އިންގްލެންޑް މޮޅުވި ފަހުން އެންމެ ގިނަ ލަނޑު ފެނިގެން ދިޔަ ވޯލްޑް ކަޕް ފައިނަލެވެ. އަދި ފްރާންސަކީ 1970 ވަނަ އަހަރުގެ ފައިނަލުގައި އިޓަލީ އަތުން 4-1 އިން ބްރެޒިލް މޮޅުވި ފަހުން ފައިނަލެއްގައި އެންމެ ގިނަ ގޯލް ޖެހި ޓީމެވެ.