25 މެއި 2016 - 12:50

"ރާއްޖޭގެ ކުޅިވަރަށް އެވަރުގެ ހިދުމަތެއް ކުރެއްވި ބޭފުޅަކު ދެން ނާންނާނެ. އެ ގެންއުޅުއްވި ޑިސިޕްލިން އެއީ ނަމޫނާއެއް. މިއީ ރާއްޖޭގެ ކުޅިވަރަށް ވަރަށް ކަޅު ދުވަހެއް. ބާސްކެޓްބޯޅަ އާއި ވޮލީބޯޅަ އާލާކޮށް ދެމެހެއްޓުމުގައި ޕާސަނަލީ ކޮށްދެއްވި ކަންތައްތައް ފާހަގަކުރަން ޖެހޭ. އަބަދުވެސް ވިދާޅުވާނެ ބާސްކެޓްބޯޅަ އަކީ ތިމަންނަގެ ފަސްޓް ލަވްއޭ. އެކަމަކު ޖުމްލަކޮށް މުޅި ކުޅިވަރަށް ހިދުމަތް ކުރެއްވި ބޭފުޅެއް އެއީ،"

"މިއީ އެންމެ ދެރަވި އެއް ދުވަސް. ރޯދަމަސް މިއޮތީ ކުރީގައި. އެންމެ ބޮޑު ހަނދާނަކީ ރޯދަމަހު އަބަދުވެސް ބާއްވަވާ އެންއެސްއޭ މުބާރާތް. މިދިޔަ އަހަރު އެކަނި ބައިވެރިވަޑައިނުގެންނެވުނީ. އެއީ ވެސް ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތީ. ވޮލީބޯޅަ އަކީ އަބަދުވެސް ޒާހިރު ނަސީރު އެންމެ އިސްކަން ދެއްވި ކުޅިވަރު. އެންމެ ބޮޑު ޝައުގެއް ވެސް ބެހެއްޓެވީ ވޮލީބޯޅައަށް. މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ވެސް ހަރަކާތްތެރިކޮށް ބައިވެރިވަޑައިގެންނެވި ހަމައެކަނި ކުޅިވަރަކީ ވޮލީބޯޅަ. ލިބޭ ކާމިޔާބުތަކާއި ނާކާމިޔާބުތައް ފާހަގަކުރައްވައި ގުޅުއްވާނެ. އަޅުގަނޑުމެން އެސޯސިއޭޝަނުން ވަނީ އެމަނިކާފުނަށް ވޮލީބޯޅައިގެ އެންމެ މަތީ ޝަރަފް ދީފައި. އެސޯސިއޭޝަން ގާއިމްވުމުގެ ކުރިން ވެސް ވޮލީބޯޅަ ރެފްރީންނާއި ކޯޗުން ތަމްރީންކުރަން ބޭރަށް ފޮނުވި.
ޒާހިރު ނަސީރަކީ އަހަރެންގެ އަމިއްލަ ދިރިއުޅުމާއި ކުޅިވަރުގެ ހަޔާތުގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް ދިން މީހާ. ޒާހިރު ނެތްތަން މަ މަށަކަށް ނުވީސް. ޒާހިރު ދެއްވި ދެ ނަސޭހަތެއްގައި ހިފުމުން އަޅުގަނޑު މިއަދު މިހިސާބަށް އައީ. އެއީ ގަޑިއަށް ފަރުވާތެރިވުމާއި ކަމެއް ހާސިލްކުރަން، ކުރަން ޖެހުނު ކޮންމެ ކަމެއް ގާނޫނާ ގަވާއިދުތަކާ ހިލާފު ނުވަންޏާ ކުރުން. ޒާހިރަކީ ދިވެހި ކުޅިވަރުގެ ބާނީ އަދި ކުޅިވަރު ތަރައްގީ ކުރެއްވުމުގެ ވިޝަން ގެންއުޅުއްވި ބޭފުޅެއް.
އަޅުގަނޑަށް ޕީއެޗްޑީ ހަދައިގެން އޭގެ ދެ އަހަރު ފަހުން ކިރިޔާ އެކަޑަމީއެއް ހެދުމުގެ ވިސްނުން އައީ. އެކަމަކު ޒާހިރު މީގެ 35 އަހަރު ކުރިން އެންއެސްއޭ އެކަޑަމީއެއް ގޮތަށް ހިންގަވައި ކުޅުންތެރިން އުފައްދަން ފެށްޓެވި. އެތައް ގައުމެއްގައި އޮލިމްޕިކް ކޮމިޓީ ނުއުފެދެނީސް، 1983 ވަނަ އަހަރު ރާއްޖޭގައި އޮލިމްޕިކް ކޮމިޓީ ގާއިމްކުރެއްވި. ހަގީގަތުގައި އަޅުގަނޑުގެ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީއަކީ ޒާހިރު ނަސީރު ފޮނުއްވި ސިޓީއެއްގައި ލިޔުއްވާފައިވާ އިބާރާތްކޮޅެއް. އެއީ "ކުޅިވަރުގައި ކުޑަމޫސަ އާއި ކުޑަހުސެއިންވަރެއް ނެތޭ". ޕީއެޗްޑީ ނެގުމަށް ވުރެ އަޅުގަނޑު އެ ދުވަހު އުފާވި.
އެއީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ބާނީ. އަޅުގަނޑަށް ނުކުރޭނެ ބުނާކަށް ކުޅިވަރު މަރުވިއްޔޭ. އެކަމަކު ކުޅިވަރުގެ ބާނީ އެ އަވަހާރަވީ. އަޅުގަނޑު މިއަދު ހޮސްޕިޓަލަށް ދިޔައިރު މާފަންނަ މުއިވެޔޮދޮށް ފެނުމުން ހިތަށް ވަނީ އޭރު މާފަންނު ދަނޑުގައި އެމަނިކާފު ކުޅިވަރުގެ ކަންކަމުގައި އުޅުއްވި މަންޒަރު. ޒާހިރު ނަސީރަކީ 1948 ވަނަ އަހަރު، ފުރަތަމަ ގައުމީ ފުޓްބޯޅަ މުބާރާތުން ފެށިގެން ކުޅިވަރުގެ ތެރޭގައި އުޅުއްވި ބޭފުޅެއް. ކުޅިވަރު ކުރިއަރުވަން އެމަނިކުފާނު ނުކުރައްވާ އެއްވެސް ކަމެއް ނޯންނާނެ. ބާސްކެޓްބޯޅަ އާއި ވޮލީބޯޅައިން ފެށިގެން ހުރިހާ ކުޅިވަރެއް. އަދި 1978 ވަނަ އަހަރާ ހަމަޔަށް އައިއިރު ކްރިކެޓް ވަޅުޖެހިފައި އޮއްވާ އަލުން ދިރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި.
އަޅުގަނޑަކީ ޒާހިރު ނަސީރުގެ ކުޅިވަރުގެ ހިދުމަތުގެ ވާހަކަ ދެއްކޭ ވަރަށް ވުރެ ދަށް މީހެއް ކަމަށް ދެކެނީ. އެހާވެސް ޒާހިރު ނަސީރުގެ ހިދުމަތުގެ އަގުބޮޑު. އެހާވެސް ހިދުމަތްތެރި. އަޅުގަނޑަށް ޒާހިރު ނަސީރުގެ ފަރާތުން ދަސްވި އެންމެ މުހިއްމު ކަމަކީ ގަޑިއަށް ފަރުވާ ބެހެއްޓުން. އެކަމަށް އެވަރުގެ ބޭފުޅަކު ނުދެކެން.
މިއަދަކީ ކުޅިވަރަށް ކަޅު ދުވަހެއް. އަޅުގަނޑު މިއަދު ވެސް އަދި ކޮންމެ އަހަރެއްގެ މި ދުވަހު ކަޅުކުލައިން ހެދުން އަޅާނީ. އެއީ އަޅުގަނޑު އަމިއްލަ އަށް ޑިކްލެއާ ކުރި ކަމެއް. ހަގީގަތިގައި ރާއްޖެ އަށް ވަރަށް ބޮޑު އެސެޓެއް ގެއްލިގެން ދިޔައީ. އެކަމަކު އެމަނިކުފާނު ކުރެއްވި ހުރިހާ ކަމެއް ކުރިއަށް ހުރި ޖީލްތަކެއް ފެންނަން ހުންނާނެ. ދިވެހިރާއްޖޭގެ ކުޅިވަރު ގްލޯބަލައިޒް ކޮށްދިނީ ޒާހިރު. ރިކްރިއޭޝަނަލް ލެވެލްގައި ކުޅެނިކޮށް ބޭރުގެ ޕްލެޓްފޯމަކަށް ކުޅިވަރު ގެންދިޔައީ ޒާހިރު. ޒާހިރު ކޮށައިދެއްވި މަގުން ގޮސް މެޑަލް ހޯދަނީ މިއަދު. ރާއްޖޭގެ ކުޅިވަރު ސިސްޓަމެޓިކްކޮށް ކުރިއަށް ނުދާ ޒަމާނެއްގައި 1979 ވަނަ އަހަރު ނާސިރު ސްޕޯޓްސް އެކަޑަމީ އުފައްދައި ފުޓްބޯޅަ އާއި ވޮލީބޯޅައިގެ ތަމްރީންތައް ބޭއްވެވި. އަޅުގަނޑަކީ ވެސް އޭގެ ބައިވެރިއެއް އޭރު. މީގެ އިތުރުން ކުޅިވަރުގެ ތެރޭގައި ޑިސިޕްލިން ހިފެހެއްޓެވި. ޒާހިރާ އެކު މަސައްކަތްކުރީމާ މޯޓިވޭޓްވެ ގަޑިއަށް ފަރުވާ ބެހެއްޓުން ފަދަ ކަންކަމުގައި.