15 ޖުލައި 2018 - 17:01

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށާއި އިދިކޮޅު ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ގޮވާލައި، އިދިކޮޅު އެމްޑީޕީން މާލޭގައި މިއަދު ހަވީރު ބާއްވަން އުޅުނު މުޒާހަރާގައި ހުންނަވަނިކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ދެންމެ ހައްޔަރުކޮށްފި އެވެ.
އަމީތު ހައްޔަރު ކުރީ، އެމްޑީޕީގެ އޮފީސް ކުރިމަތީގައި ހުންނަވަނިކޮށެވެ. އޭނާއާ އެކު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުންގެ ބަޔަކު ވެސް ތިއްބެވެ.
އެކަމަކު، އަމީތު ހައްޔަރު ކޮށްގެން ގެންދިޔަ ސަބަބެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން މިހާރު ދަނީ އެމްޑީޕީ އޮފީސް ކައިރިއަށް އެއްވި މީހުން ފޮނުވައިލުމަށް މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ނުކުމެ އެބަތިއްބެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން މިފަދަ ހަރަކާތެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށް ފަހު، ސަރުކާރަށް ޕްރެޝަރުކޮށް، ހިނގާލުމެއް މި ބާއްވަނީ ރާއްޖޭގެ ބައެއް އިސް ވެރިންނާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކައުންސިލްގެ މާދަމާގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި ވަނިކޮށެވެ.
ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް އެޖެންޑާ ކޮށްފައިވާއިރު، އީޔޫ އިން ވަނީ މައިގަނޑު ހަތަރު ކަމެއް ކުރުމަށް ރާއްޖެ އަށް ގޮވާލައިފަ އެވެ.