15 ޖުލައި 2018 - 15:04

މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު އެ މަގާމުން ވަކިކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ހަސަން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން ވަކިކުރީ މިދިޔަ ހަފުތާގައި ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުންޏެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކީ ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސް ވެރިޔާ އެވެ.
ހަސަންގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އާއި ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ދައުލަތުން ކުރެ އެވެ. ހަސަން ދިރިއުޅުއްވި އެޕާޓްމެންޓް މިދިޔަ ފެބްރުއަރީ މަހު ފުލުހުން ފާސްކުރިއިރު އޭނާގެ ކޮޓަރީގެ އެނދުގެ ގޮދަނޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން ހަސަން ވަކިކުރިއިރު އޭނާއާ އެކު ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ވެސް މިދިޔަ މަހު ވަނީ ގެއްލިފަ އެވެ. އެ ބޭފުޅުންގެ މަގާމު ގެއްލުނީ އެ ބޭފުޅުންގެ މައްޗަށް އިއްވި ޖަލު ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިިންމުމާ ގުޅިގެންނެވެ.