01 އޯގަސްޓް 2016 - 10:20

އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބިލުގެ ސަބަބުން ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލެވޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް މިއަދު ރައްޔިތުންގެ މަޖިލިހުގެ ބަހުސްގައި ވިދާޅުވެއްޖެ އެވެ.
އެކަމަކު ސަރުކާރަށް ތާއީދުކުރައްވާ ގިނަ މެމްބަރުންގެ ވާހަކަތައް ހުރީ ބިލަށް ތާއީދުކުރައްވަ އެވެ.
ގާނޫނުއަސާސީން ލިބިދޭ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ވަރަށް ބޮޑު އުނިކަމެއް އަންނަ ގޮތަށް އޮތް ބިލަށް ބަހުސް ކުރައްވަމުން ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ވިދާޅުވީ ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބަޔަކަށް ފާޑުކިޔޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބިލުގެ ސަބަބުން ގާނޫނުއަސާސީގެ 27،28 އަދި 29 ވަނަ މާއްދާގެ ހުރުމަތް ކަނޑާލެވޭނެ އެވެ. ގާނޫނުއަސާސީގެ މި މާއްދާތަކުގައި ފާހަގަކޮށްފައި އޮތީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން ހިޔާލުފާޅުކުރުމުގެ މިނިވަން ކަން ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ނަމަ އެކަން ކުރަން ޖެހޭނީ ގާނޫނަކުން ނުވަތަ ގާނޫނަކަށް އިސްލާހު ހުށަހަޅައިގެން ނޫން ކަމަށެވެ. ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރާ ނަމަ، ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީ ގެނެސްފައި އޮތީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން. ގާނޫނުއަސާސީ ކަމުނުދާ ކަމަށްވާ ނަމަ، ކަމުނުދާ މާއްދާތައް ބަދަލުކުރަންވީ،" ފައިސަލް ވިދާޅުވި އެވެ.
"އޮބި އަޅައިގެން ކަންތައްތައް ރަނގަޅެއް ނުކުރެވޭނެ، މި ޒަމާނުގައި ނުކުރެވޭނެ."
ފައިސަލް ވިދާޅުވި ގޮތުގައި މިއީ މަޖިލީހަށް ހުށަހެޅި ބިލުތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުން ކަންބޮޑުވި ބިލެވެ. އަބުރު ރައްކާތެރި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވިޔަސް މިއީ އެހެން މަގްސަދެއްގައި ހުށަހަޅައިގެން އުޅޭ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބިލުގައި ހުރި ކަންކަން ކޮމެޓީ މަރުހަލާގައި އިސްލާހުކުރުމުގެ ބަދަލުގައި، އިސްލާހުކޮށްގެން މަޖިލީހަށް ހުށަހެޅި ނަމަ، މާ ފުރިހަމަވީސް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އެހެންވެ، މިއީ މިވަގުތާ ގުޅުން ހުރި ބިލެއް ނޫން ކަމަށާއި މި ބިލު އަނބުރާ ގެންދަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.