ހަންޏާމީދޫ ދެ ކައުންސިލަރަކު ޕީޕީއެމަށް
ހަންޏާމީދޫ ދެ ކައުންސިލަރަކު ޕީޕީއެމަށް

އދ. ހަންޏާމީދޫ ދެ ކައުންސިލަރަކު، ވެރިކަން ކުރާ ޕީޕީއެމާ މިއަދު ގުޅިވަޑައިގެންފި އެވެ.

ހަންޏާމީދޫ ދެ ކައުންސިލަރަކު ޕީޕީއެމަށް
ހަންޏާމީދޫ ދެ ކައުންސިލަރަކު ޕީޕީއެމަށް

ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމާ ގުޅިވަޑައިގަތީ ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމާއި ކައުންސިލްގެ ނައިބު ރައީސް ހަސަން އަޝްރަފެވެ. މި ދެ ކައުންސިލަރުން ހަންޏާމީދޫ ކައުންސިލަށް އިންތިހާބުވެވަޑައިގަތީ އަމިއްލަ ގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވައިގެންނެވެ.

ހަންޏާމީދޫ ދެ ކައުންސިލަރަކު ޕީޕީއެމަށް
ހަންޏާމީދޫ ދެ ކައުންސިލަރަކު ޕީޕީއެމަށް

ދެ ބޭފުޅުން ޕީޕީއެމަށް ސޮއިކުރެއްވި ފޯމް ހަވާލު ކުރެއްވީ އެ ޕާޓީގެ ދެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށެވެ.

މި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ދެ ކައުންސިލަރުން ޕީޕީއެމާ ގުޅިވަޑައިގަތުމަކީ ރައްޔިތުން ތަރައްގީ އަށް އާނ ބަސް ބުނަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ދެ ކައުންސިލަރުން ގުޅިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުންމީދު ކުރަނީ ކުރި އަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ތިޔަ ބޭފުޅުންގެ (ކައުންސިލަރުން) ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިންތިހާބުގައި އޮތް ހަމައެކަނި ފުރުސަތަކީ ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމެވެ. އެއީ ދިވެހި ރައްޔިތުންނާއި ގައުމު ސަލާމަތް ކުރުމަށް އޮތް ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ޒަމީރު ވިދާޅުވީ ދެ ކައުންސިލަރުން ޕީޕީއެމާ ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ އިންތިހާބުގައި ރައީސް ޔާމީނަށް ހަންޏާމީދޫން 50 ޕަސަންޓު ވޯޓު ހޯދުމަށް ކައުންސިލަރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ހަންޏާމީދޫއަކީ ކުރީގެ ސަރުކާރުތަކުން އަޅައިނުލާ ރަށެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ވިއްސަކަށް އަހަރު ކުރިން ވެސް ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގާފައެއް ނުވޭ. އެކަމަކު މި ސަރުކާރުން ވަނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށާފައި. ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ،" ތޯރިގް ވިދާޅުވި އެވެ.

ޕީޕީއެމާ ގުޅިވަޑައިގެންނެވި ދެ ކައުންސިލަރުން ވިދާޅުވީ ޕީޕީއެމާ ގުޅިވަޑައިގަތީ ހަންޏާމީދު އަށް ސަރުކާރުން ގެންނަ ތަރައްގީ ބަލައިގަންނާތީ ކަމަށެވެ. އަދި ކައުންސިލަރުން ތިއްބެވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް ކަމަށް ކައުންސިލަރުން ވިދާޅުވި އެވެ. ދެ ކައުންސިލަރުންނާއެކު، އެރަށުގެ ބައެއް ޒުވާނުން ވެސް ޕީޕީއެމާ މިއަދު ގުޅުނެވެ.