ޖޫހީ އަހަރެން ދެކެ ދުވަހަކު ވެސް ލޯތްބެއް ނުވޭ: ސަޗިން ޝްރޮފް
ޖޫހީ އަހަރެން ދެކެ ދުވަހަކު ވެސް ލޯތްބެއް ނުވޭ: ސަޗިން ޝްރޮފް

ކުރީގެ މަޝްހޫރު ޓީވީ ސިލްސިލާ "ކުމްކުމް" ގެ ބަތަލާ ޖޫހީ ޕަރްމަރްގެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައި ވަނިކޮށް އެ ކައިވެނި ރޫޅުމާ ބެހޭ ގޮތުން އޭނާގެ ކުރީގެ ފިރީމީހާ ސަޗިން ޝްރޮފް މީޑިއާތަކުގައި ވާހަކަ ދައްކައިފި އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ސަޗިން ބުނީ 2009 ގައި ކުރި ކައިވެނި މިދިޔަ އަހަރު ރޫޅުނު އިރު، ޖޫހީ އެއް އިރެއްގައި ވެސް އޭނާ ދެކެ ލޯބި ނުވާ ކަމަށެވެ. ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅު ސަމައިރާ އަށް މިހާރު ފަސް އަހަރެވެ.

ސަޗިން ބުނި ގޮތުގައި މި ހުރިހާ ދުވަހު އޭނާ އުޅުނީ "ލޯތްބެއް ނެތް" ކައިވެންޏެއްގެ ތެރޭގަ އެވެ. އަދި އެއީ ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް ބޮޑަށް ލޯބިވިން ޖޫހީ ދެކެ. އެކަމަކު އެއީ ހަމައެކަނި އެއް ފަރާތުގައި އޮތް ލޯތްބެއް. ޖޫހީ ދުވަހަކު ވެސް އަހަރެން ދެކެ ލޯތްބެއް ނުވޭ. އަހަރެމެންގެ ކައިވެންޏަކީ އުފާވެރި ގުޅުމަކަށް ހަދަން އަހަންނަށް ކުރެވުނު މަސައްކަތެއް އޮންނާނެކޮށްފައި،" ޓީވީ އެކްޓަރަކު ބުންޏެވެ.

ސަޗިން ބުނީ ކައިވެންޏަށް ފަހު ޖޫހީ ވަރަށް ބޮޑަށް ބަދަލުވި ކަމަށާއި ރައްޓެހިވެގެން އުޅުނު އިރު، އޭނާގެ ފަރާތުން ލިބުނު އަޅާލުމާއި އޯގާތެރިކަން ފަހުން ނުލިބޭ ކަމަށެވެ.

"އެކަމަކު ދަރިއަކު ލިބުނީމަ އެކަން ބަދަލުވާނެ ކަމަށް އުންމީދު ކުރި ނަމަވެސް ހަގީގަތުގައި ގުޅުން ދިޔައީ ގޯހުން ގޯހަށް. އަހަރެމެންގެ ދޭތެރޭގައި ނެތް ގާތް ކަމެއް،" އޭނާ ބުންޏެވެ. "ކައިވެނި ރޫޅާލީ ސީދާ ޖުހީ ބޭނުންވެގެން ދެ މީހުންގެ ދެމެދުގައި އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި. އެ ނިންމުމަކީ އެއްގޮތަކުން ބަލާ އިރު ރަނގަޅެއް ކަމަށް އަހަރެން ދެކެނީ. ހަމައެކަނި އަހަރެން ޖޫހީ ދެކެ ލޯބިވުމަކުންނެއް ގުޅުމެއް ނުދެމެހެއްޓޭނެ."

ސަޗިން ބުނީ އޭނާ މިހާރު ބޭނުންވަނީ ފުރަތަމަ ކައިވެނީގެ ހިތްދަތި ތަޖުރިބާ އިން އަރައި ގަނެ، އަލުން އުފާވެރި ހަޔާތެއް ފަށާށެވެ. އަދި އޭނާ ދެކެ ލޯބި ނުވާ މީހަކާ ދެން ދުވަހަކު ވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ބުންޏެވެ.

ޒީ ޓީވީން ގެނެސްދޭ "ޖަޒް-ބާތު" ޝޯގައި މެހުމާނެއްގެ ގޮތުން ބައިވެރިވެ، ޖޫހީ ދާދި ފަހުން ވަނީ އޭނާގެ ހަޔާތުގެ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ.

މަޝްހޫރު ޓީވީ އެކްޓަރު ރަޖީވް ކަންޑެލްވާލް (ސޫޖަލް) ހޯސްޓް ކުރާ ޝޯގައި ޖޫހީ ބުނީ ސަޗިންއާ ކައިވެނި ކުރީ އޭނާ ދަންނަތާ ދުވަސްތަކެއް ފަހުން ކަމަށެވެ. އެކަމަކު އެ ކައިވެންޏަކީ ހިތުގެ އަޑިން އެކަކު އެނަކަކު ދެކެ ލޯބިވެގެން ކުރި ކައިވެންޏެއް ގޮތުގައި ސިފަކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

"ކަންކަން ދިޔަ ގޮތުން، އަހަރެންގެ ކައިވެނި ސިފަކުރާ ހިތެއް ނުވޭ ލޯބިވެގެން ކުރި ކައިވެންޏެއްގެ ގޮތުގައެއް. ކައިވެނި ކުރިތާ ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި، މި ގުޅުން ދެމެހެއްޓިދާނެކަމާ ދޭތެރޭ ސުވާލު އުފެދެން ފެށި." ޖޫހީ ބުންޏެވެ. "އެހެންވެ ފަހުން އެކުގައި އުޅެވެން ނެތީމަ ވަކިވާން ނިންމީ."

ކައިވެނީގައި މައްސަލަތައް ޖެހި ޖޫހީ އާއި ސަޗިން ވަރިވާން އުޅޭ ކަމުގެ އަޑުތައް މީޑިއާތަކުގައި ފެތުރިގެން އައި ދުވަސްވަރު ޖޫހީ ވަނީ އަލުން އެނބުރި ޓީވީ މަސައްކަތަށް ވެސް ނުކުމެފަ އެވެ.

އެގޮތުން 2016 ގައި ކަލާޒުން ގެނެސް ދިން ޓީވީ ސިލްސިލާ "ޝާނީ" ގައި އޭނާ ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. ބެލުންތެރިންގެ މެދުގައި ޖޫހީ ވިދާލީ ސްޓާ ޕްލަސް އިން ގެނެްސް ދިން "ކުމްކުމް" ގެ ގޮތުގަ އެވެ.