މައިކްރޮސޮފްޓް އެންޑްރޮއިޑް މާކެޓަށް
މައިކްރޮސޮފްޓް އެންޑްރޮއިޑް މާކެޓަށް

މައިކްރޮސޮފްޓް މަރުކާގެ އެންޑްރޮއިޑް ފޯނެއް ދާދި އަވަހަށް ފެނިދާނެ އެވެ. މި ވާހަކަތައް މިހާރު ވަނީ އިންޓަނެޓަށް ތިލަވެފަ އެވެ. މި ބުނީ ހަމަ ރަނގަޅަށެވެ. މައިކްރޮސޮފްޓް މަރުކާގެ ވިންޑޯޒް ފޯނެއް ނޫނެވެ. އެންޑްރޮއިޑް ފޯނެކެވެ.

ސްމާޓްފޯން މާކެޓްގައި މި ވަގުތު މައިކްރޮސޮފްޓަށް އެއްވެސް ހައިސިއްޔަތެއް ނެތެވެ. މާކެޓުން ޖާގައެއް ހޯދަން "ސާފަސް ފޯން"ގެ ނަމުގައި މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ޕްރޮޖެކްޓް މިހާރު ވަނީ އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފަ އެވެ.

ސާފަސް ފޯނު ޕްރޮޖެކްޓް މަޑުޖައްސާލި ނަމަވެސް، ސްމާޓްފޯން މާކެޓަށް ވަންނަން ހުރި ދޮރުތައް ބަންދެއް ނުވެ އެވެ. މައިކްރޮސޮފްޓަށް އޮތީ ކުރަން ކެރުމެވެ. އެންޑްރޮއިޑް ފޯނެއް ގޮވައިގެން މާކެޓަށް ވަންނަން އޮތް ފުރުސަތު އެއްވެސް އިރެއްގައި ނުގެއްލެ އެވެ.

މައިކްރޮސޮފްޓް ނަމުގައި އެންޑްރޮއިޑް ފޯނެއް އުފައްދަފާނެ ކަމަށް ބެލެވޭ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރެވޭ ގޮތަށް މައިކްރޮސޮފްޓުން ދަނީ އެޕްލިކޭޝަން ވެސް އުފައްދަމުންނެވެ. ބޭނުންކުރާ މީހުންނަށް ފަސޭހަ އަދި މައިކްރޮސޮފްޓަށް މާލީ ތަނަވަސްކަން ހޯދައިދޭ ޒާތުގެ އެޕްލިކޭޝަންތައް ވެސް ވަނީ އުފައްދާފަ އެވެ.

އެންޑްރޮއިޑް ފޯނުތަކުން މައިކްރޮސޮފްޓަށް ލިބޭ އާމްދަނީ، ވިންޑޯޒް ފޯނުތަކަށް ވުރެ އިތުރުވާނެ ކަމަށް ވެސް ބެލެވެ އެވެ. އެއީ ވިންޑޯޒް ފޯނުތަކަށް ލިބެން ނެތް އެޕްލިކޭޝަންތައް އެންޑްރޮއިޑް ފޯނުތަކަށް ހުރުމުންނެވެ. މައިކްރޮސޮފްޓަށް ސްމާޓްފޯން ވިޔަފާރީ ކޮޅެއްގައި ނުޖެއްސިގެން ވެސް އުޅެނީ ވިންޑޯޒް އެޕްލިކޭޝަން ސްޓޯރު ފަގީރުކަމުންނެވެ.

ޓެކްނޮލޮޖީ މަސްރަހުގައި ވާހަކަތައް މިހެން ހުރި ނަމަވެސް، މައިކްރޮސޮފްޓުން އުފައްދަން އުޅޭ ކަމަށް ބުނާ އެންޑްރޮއިޑް ފޯނާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. މިކަމާ ގުޅޭ ގޮތުން މައިކްރޮސޮފްޓުން ވެސް ރަސްމީ ބަހެއް ނުބުނެ އެވެ. އެހެން ނަމަވެސް، ސާފަސް ފޯނުތައް ފައްކާކުރެވެންދެން، އެންޑްރޮއިޑް އަށް ބަރޯސާކުރާ ސްމާޓްފޯން މަރުކާއެއް، މައިކްރޮސޮފްޓުން ތަޖުރިބާކޮށްފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.