15 ޖުލައި 2018 - 12:52

ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒް ރަޝީދާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް މުހައްމަދު ފައިސަލް ކުރިމަތިލައްވައިފި އެވެ.
ހައި ކޯޓުގައި 11 ފަނޑިޔާރުން ތިބެން ޖެހޭއިރު މިވަގުތު ދެ ގޮނޑި ހުރީ ހުސްކޮށެވެ.
ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވިކަން މުއައްވިޒް ވަނީ "މިހާރު" އަށް ޔަގީންކޮށްދެއްވައިފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު ފައިސަލް ވެސް ވަނީ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވިކަން ޔަގީންކޮށްދެއްވައިފަ އެވެ.
ގާނޫނީ ވަކީލުކަމުގެ ފާސް އޮންނަ ފައިސަލް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވިއިރު ޖޭއެސްސީއަކީ ކޯޓުތަކަށް ފަނޑިޔާރުން ހޮވުމުގެ ޒިންމާ އުފުލާ އަދި ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން އަންނަ މުއައްސަސާ އެވެ.
އެނގިފައިވާ ގޮތުގައި ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ފަހުން ފައިސަލް އެ ކޮމިޝަންގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މުއައްވިޒަކީ 2009 އިން ފެށިގެން އޭސީސީގެ މެންބަރެކެވެ. ކޮމިޝަންގެ ނައިބު ރައީސް ކަމަށް ވަޑައިގެންނެވީ އެންމެ ފަހުން އެތަން އެކުލަވާލިއިރު 2014 ވަނަ އަހަރެވެ.
ގދ. ތިނަދުއަށް ނިސްބަތްވެވަޑައިގަންނަވާ މުއައްވިޒަކީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝަރީއާ އެންޑް ލޯގެ ދާއިރާއިން ވެސް މަތީ ތައުލީމް ފުރިހަމަ ކުރައްވައިފަ އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީ އާއި އަބްދުލްގަނީ މުހައްމަދު ވަނީ ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ. އަދި މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.