ލަންކާގެ އުއްމީދުތައް އީގަލްސް ކީޕަރު ސުޖަންއާ ގުޅިފައި
ލަންކާގެ އުއްމީދުތައް އީގަލްސް ކީޕަރު ސުޖަންއާ ގުޅިފައި

ސްރީލަންކާ ފުޓްބޯޅަ ޓީމު ލިތުއޭނިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުގައި އެ ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ހަމައެކަނި ފުރުސަތު ލިބުނީ ކްލަބް އީގަލްސްގެ ކެޕްޓަން ގޯލްކީޕަރު ސުޖަން ޕެރޭރާ އަށެވެ. އަހަރަކަށް ވުރެން ގިނަ ދުވަސް ފަހުން ލަންކާ ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ މެޗުގައި ސުޖަން ވަނީ ލިތުއޭނިއާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއާ އެކު ލަންކާގެ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ވަނީ ސުޖަން އަށް ތައުރީފްކޮށްފަ އެވެ.

ލަންކާގެ އުއްމީދުތައް އީގަލްސް ކީޕަރު ސުޖަންއާ ގުޅިފައި
ލަންކާގެ އުއްމީދުތައް އީގަލްސް ކީޕަރު ސުޖަންއާ ގުޅިފައި

ދުނިޔޭގެ ރޭންކިންގެ 126 ވަނައިގައި އޮތް ލިތުއޭނިއާ އޮތީ މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕް އެފްގަ އެވެ. އެ ގްރޫޕުން ވޯލްޑް ކަޕް ޖާގަ ހޯދީ މުބާރާތުގެ ހަތަރު ވަނަ އަށް ދިޔަ އިންގްލެންޑް އެވެ. ލަންކާ މި ވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ 200 ވަނައިގަ އެވެ.

ލަންކާގެ އުއްމީދުތައް އީގަލްސް ކީޕަރު ސުޖަންއާ ގުޅިފައި
ލަންކާގެ އުއްމީދުތައް އީގަލްސް ކީޕަރު ސުޖަންއާ ގުޅިފައި

ލަންކާ އިން މި މަހު އަށް ވަނަ ދުވަހު ކޮލަމްބޯގައި ކުޅުނު މެޗުން އެ ގައުމަށް ވުރެން 74 ދަރަޖަ މަތީގައި އޮތް ލިތުއޭނިއާ 0-0 އިން އެއްވަރުކުރިއިރު، އެ މެޗުގައި އުމުރުން 25 އަހަރުގެ ސުޖަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ މެޗަށް ފަހު ލަންކާގެ މީޑިއާގައި ސުޖަންއާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވުނުއިރު، ލަންކާގެ ކޯޗު ޑަޑްލީ ލިންކަން ސްޓެއިންވޯލް ވަނީ ސުޖަން އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

އީގަލްސްއާ 2015 ވަނަ އަހަރު ގުޅުނު ސުޖަން ވަނީ މިދިޔަ 2016 ވަނަ އަހަރު ދިވެހި ލީގުގެ މޮޅު ކީޕަރުގެ މަގާމް ހޯދައިފަ އެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރިއިރު ވެސް އޭނާ ތަފާތު ދެއްކި އެވެ. އީގަލްސްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ލަންކާގެ ސީނިއާ ޓީމުގެ ކެޕްޓަންކަން ވެސް ސުޖަން އަށް ލިބިފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ލަންކާގެ 23 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަންކޮށްފަ އެވެ.

އީގަލްސްގައި ސުޖަން ޓްރެއިން ކުރަމުން އަންނަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް ގޯލްކީޕަރު ޓްރެއިނަރު އަދި ކުރީގެ މަޝްހޫރު ކީޕަރު އަސްލަމް އަބްދުލްރަހީމް އެވެ. ލަންކާ ކޯޗު ޑަޑްލީ ބުނެފައިވާ ގޮތުގައި ރާއްޖޭގައި ކުޅެން ފެށި ފަހުން ސުޖަންގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށެވެ. ސުޖަން އޭނާގެ ކުރިއެރުމުގެ އެންމެ ބޮޑް ކްރެޑިޓެއް ދެނީ އަސްލަމާއި އީގަލްސް އަށެވެ.

ސުޖަން އަށް ލަންކާގެ ޖޫނިއާ ޓީމުތަކުގައި ތަމްރީންދިން އެއް ކޯޗަކީ ނިއު ރޭޑިއަންޓުގެ ކުރީގެ ކުޅުންތެރިއާ އަދި ކޯޗު ސުމިތު ވަލަޕޮލާ އެވެ. އަހުމަދިއްޔާ ސްކޫލް ޓީމާއި ނިއުގެ ކޯޗުގެ ގޮތުގައި ގިނަ ކުޅުންތެރިންތަކެއް އުފެއްދި ވަލަޕޮލާ ވަނީ 2002 ވަނަ އަހަރު ސުޖަން އަށް ލަންކާގެ 13 އަހަރުން ދަށުގެ ޓީމުގައި ކޯޗުކޮށްދީފަ އެވެ. އޭގެ ފަހުން 16 އަހަރުން ދަށުގެ ޓީމުގައި ވެސް ވަލަޕޮލާގެ އިރުޝާދު އޭނާ އަށް ލިބުނެވެ.

ލަންކާ ކީޕަރުން ވަރަށް ގިނައިން ރާއްޖޭގައި ކުޅެފައިވެ އެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ކުޅެން ފެށި ބިދޭސީ ކުޅުންތެރިންގެ ތެރޭގައި 1980 ގެ އަހަރުތަކުގައި ނިއުގެ ގޯލް ބެލެހެއްޓި ސުޖިތު ހެމަންތަ ހިމެނެ އެވެ. ރާއްޖޭގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ވެސް ލަންކާ ކީޕަރެއް ހިމެނެ އެވެ. އެއީ ނިއު އިން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދިއިރު ތަފާތު ދައްކައި އޭޝިއާގެ ވަރުގަދަ ޓީމުތަކުގެ ސަމާލުކަން ވެސް ހޯދި ސަންދުން ދެވިންދާ އެވެ. ލަންކާ ގައުމީ ޓީމުގެ ކީޕަރެއް ކަމަށްވާ ސަމްޕޫ ރޯހަން ވެސް ނިއު އަށް ކުޅެފައިވެ އެވެ.

ލަންކާ ޓީމުގައި ސުޖަން ވަނީ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. އެ ފަހަރު ލަންކާ ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ލަަންކާ ވަނީ 1-0 އިން ނޭޕާލް ބަލިކޮށްފަ އެވެ. އެ މެޗުގައި ލަންކާ މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގަ އެވެ. މުޅި މެޗުގައި ނޭޕާލުން ފޮނުވާލި ހަަމަލާތައް ހުއްޓުވުމުގައި ސުޖަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ދެ ވަނަ މެޗުގައި އިންޑިއާ އަތުން ލަންކާ 2-0 އިން ބަލިވި ނަމަވެސް އެ މެޗުގައި ވެސް އިންޑިއާ އިން ފޮނުވާލި ގިނަ ބޯޅަތަކެއް ސުޖަން ހުއްޓުވި އެވެ. ލަންކާ ކެޓީ ސެމީ ފައިނަލުގައި އަފްގާނިސްތާން އަތުން 5-0 އިން ބަލިވުމުންނެވެ.

އަންނަ ސެޕްޓެމްބަރު މަހު ފަށާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސުޖަންގެ ލަންކާ ހިމެނެނީ އިންޑިއާ އާއި ރާއްޖެއާ އެއް ގްރޫޕެއްގަ އެވެ. ލަންކާ ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮންނާނީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ.