ނަސީބު ގަދަ ކޯޗު ތާރީހުން ޖާގަ ހޯދުމާ ދިމާލަށް
ނަސީބު ގަދަ ކޯޗު ތާރީހުން ޖާގަ ހޯދުމާ ދިމާލަށް

މޮސްކޯ (ޖުލައި 15) – ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ ކްރޮއޭޝިއާ އަތުން ފްރާންސް މޮޅުވެއްޖެ ނަމަ އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް ފުޓްބޯޅަ ތާރީހުން ޖާގަ ލިބޭނެ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި މުބާރާތް ހާސިލްކުރާ ތިން ވަނަ މީހާގެ ހައިސިއްޔަތުންނެވެ. މީގެ ކުރިން އެ ރެކޯޑް ހަދާފައިވަނީ ބްރެޒިލްގެ މާރިއޯ ޒަގަލޯ އާއި ޖަރުމަނުގެ ފްރެންޒް ބެކެންބާ އެވެ.

އެކަމަކު ފްރާންސްގެ މީޑިއާ އިން ގަބޫލުކުރާ ގޮތުގައި ޑެޝޯމްޕްސް އަކީ ނަސީބު ގަދަ މީހަކީ އެވެ. ކޯޗިންގައި މާބޮޑު އުސްމިންތަކެއް ހާސިލްކުރެވިފައި ނެތަސް ފްރާންސް ޓީމުގެ ކޯޗުކަން ލިބުމާއި އަދި ލިބުނުއިރު ފްރާންސްގައި ވަރުގަދަ ސްކޮޑެއް އޮތުމުންނެވެ. ޑެޝޯމްޕްސް ވެސް އެކަން ގަބޫލުކުރެ އެވެ.

"ބެލެވޭ ގޮތުގައި ގިނަ ފަހަރު އަހަންނަށް ރަނގަޅު ތަނުގައި ރަނގަޅު ވަގުތު ހުރެވެނީ. އަހަންނަށް ޝަކުވާއެއް ނުކުރެވޭނެ،"ޑެޝޯމްޕްސް ބުންޏެވެ.

އެކަމަކު ފްރާންސްގެ ކުރީގެ ތަރި އެލައިން ޖިރޭސް އޭއެފްޕީ އަށް ބުނީ ޑެޝޯމްޕްސް އަކީ ނަސީބު ގަދަ މީހެކޭ ބުނެވިދާނެ ކަމަށާއި އެކަމަކު އޭނާ އަށް ކްރެޑިޓް ވެސް ހައްގުވާ ކަމަށެވެ.

ޑެޝޯމްޕްސް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް ފްރާންސް ގެންގޮސްދީފަ އެވެ. އޭރު އޮތް ސްކޮޑާ ބަލާއިރު ވެސް އެ ފަހަރު ފައިނަލުން ބަލިވުމަކީ ނާކާމިޔާބެކެވެ. އެކަމަކު މަގާމް ނުގެއްލި އަދި އަލުން އަނބުރާ ބޮޑު މުބާރާތެއްގެ ފައިނަލާ ހަމައަށް އައުމުގެ ފުރުސަތު ލިބުމަކީ ޑެޝޯމްޕްސް އަކީ ނަސީބުވެރިއެއް ކަމަށް ބުނާ މީހުންނަށް ލިބުނު ބާރެކެވެ.

ފްރާންސަށް 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ކެޕްޓަން ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު ފްރާންސްގެ މޮނާކޯ އިންނެވެ. އެ ޓީމު 2004 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިން ނަމަވެސް ހޯސޭ މޮރީނިއޯގެ އެފްސީ ޕޯޓޯ އަތުން ބަލިވީ އެވެ. އޭގެ ފަހުން އޭނާ ހަވާލުވީ އޭނާގެ ކުރީގެ ކްލަބް އިޓަލީގެ ޔުވެންޓަސް 2007 ގައި ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުންނެވެ. އެ ޓީމަށް އޭނާ އިޓަލީ ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށްދިނެވެ. ފަހުން ފްރާންސްގެ އޮލިމްޕިކް މާސޭ އަށް ކޯޗުކޮށްދީ އެ ޓީމަށް ފްރާންސް ލީގު ކާމިޔާބުކޮށްދިނެވެ.

"އޭނާ ފްރާންސާ އެކު ކާމިޔާބީ ހޯދައިފި. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. ކެޕްޓަނެއް، ލީޑަރެއް،" ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުންޏެވެ.

ޑެޝޯމްޕްސް އަށް ފާޑުކިއުން ވެސް އަމާޒުވެ އެވެ. އެއީ ނަތީޖާ ނެރުނު ނަމަވެސް، ފްރާންސްގައި ތިބި އެޓޭކިން ކުޅުންތެރިންނާ ބަލާއިރު މާ ރީތި ކުޅުމެއް ނުކުޅެވޭތީ އެވެ. އެކަމަކު އެކަމަށް ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން ވަނީ ޖަވާބުދީފަ އެވެ.

"އެ ތަރި ލިބިއްޖެއްޔާ އަހަރެމެން ކުޅޭ ގޮތާ މެދު އަހަރެން ނުވިސްނާނަން،" އޭނާ ބުންޏެވެ.