16 ޖުލައި 2018 - 07:27

ބޮޑުވަމުން އައި އިރު ބޭނުންވީ އެކްޓަރު އަކްޝޭ ކުމާރް ކަހަލަ މީހަކަށް ވާން ކަމަށް، ޒުވާން އެކްޓަރު ރަންވީރް ސިންގް ބުނެފި އެވެ.
މި މަހުގެ ހަ ވަނަ ދުވަހު 33 ވަނަ އުފަން ދުވަސް ފާހަގަކުރި ރަންވީރު މިހެން ބުނީ ކުރި ޓްވީޓެއްގަ އެވެ. ރަންވީރަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވި މީހުންގެ ތެރޭގައި އަކްޝޭ ހިމެނެ އެވެ.
ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންވީރަށް ތަހުނިޔާ ފޮނުވަމުން އަކްޝޭ ސިފަކުރި ގޮތުގައި ރަންވީރަކީ އޭނާގެ ކިބައިގައި ހުންނަ އާދަޔާހިލާފު މަޖާ ކަމަކުން މީހުންގެ މޫނުމައްޗަށް އަަބަދުވެސް ހިނިތުވުން ގެނެސްދޭ ފަންނާނެކެވެ.
"ޕަދްމާވަތު" އާއި "ބަޖިރާއޯ މަސްތާނީ" ފަދަ އެތައް ފިލްމެއް ކުޅެގެން ބޮޑު މަގުބޫލު ކަމެއް ހޯދި ރަންވީރު ބުނި ގޮތުގައި އަކްޝޭއަކީ ނަމޫނާއަކަށް ބަލަން ޖެހޭ ވަރުގެ އެކްޓަރެކެވެ. އަދި ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް މީހަކު ބޮލީވުޑަށް ނުކުމެ، ހޯދި ކާމިޔާބީތަކަށް ބަލާ އިރު އަކްޝޭއަކީ އެތައް ބަޔަކަށް ލިބޭނެ ހިތްވަރެއް ކަމަށް ބުންޏެވެ.
ރަންވީރު ބުނި ގޮތުގައި އަކްޝޭގެ ކެރިއަރުގައި މިހާތަނަށް ކުޅެފައި ހުރި ފިލްމްތަކަށް ބަލާ އިރު، އޭނާގެ އަމިއްލަ ކެރިއަރުގެ މިސްރާބު ވެސް އެކަހަލަ ގޮތަކަށް ގެންދަން ބޭނުންވެ އެވެ. އަކްޝޭ ފާހަގަކުރެވިފައި ވަނީ އެކްޝަން ހީރޯއެއްގެ އިތުރުން ކޮމެޑީ ރޯލްތައް ކުޅެން ވެސް އެހާ ކުޅަދާނަ އެކްޓަރެއްގެ ގޮތުގަ އެވެ.
ރަންވީރް ވެސް ދެން އެންމެ އަވަހަށް ފެނިގެން ދާނީ އެކްޝަން ފިލްމަކުންނެވެ. އެއީ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ ރޯހިތު ޝެޓީގެ "ސިމްބާ" އެވެ.
އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" އާއި ކަބީރް ހާންގެ "83" ފާހަގަކޮށްލެވެ އެވެ.