15 ޖުލައި 2018 - 10:17

ކްރޮއޭޝިއާގެ އަލަތު ވޯލްޑް ކަޕަކީ 1998 ވަނަ އަހަރު ފްރާންސްގައި އޮތް މުބާރާތެވެ. އެ ފަހަރުގެ މުބާރާތުން ކްރޮއޭޝިއާ ކެޓީ ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވުމުންނެވެ. އޭރު ކްރޮއޭޝިއާގެ މެދުފަންތީގެ ކްލަބެއް ކަަމަށްވާ ވާޓެކްސް އަށް ކުޅުނު ކްރޮއޭޝިއާގެ މިހާރުގެ ކޯޗު ޒްލަޓްކޯ ޑާލިޗަށް ގައުމީ ޓީމަށް ކުޅުމުގެ ނަސީބު އެއްވެސް ވަރަކަށް ނުލިބުނު ނަމަވެސް އޭނާގެ އުއްމީދަކީ ފުޓްބޯޅައިން އެ ގައުމަށް ބޮޑު ހިދުމަތެއް ކޮށްދިނުމެވެ. ހިވްވަރު އެލުވައިނުލާ ކުރި މަސައްކަތުން ޑާލިޗަކީ ކްރޮއޭޝިއާ ތާރީހުގައި އެ ޓީމު ގޮވައިގެން ވޯލްޑް ކަޕް ފައިނަލަކަށް ނުކުންނާނެ ފުރަތަމަ ކޯޗެވެ.
"އަހަރެން ހަނދާން ހުރޭ 1998 ގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓެއް ހޯދަން އަހަރެން ކުރި މަސައްކަތް. އެ ދުވަހު އެ ނަސީބެއް ނުލިބުނު. އަހަންނަށް ދެވުނީ ތިން ވަނަ ހޮވާ މެޗަށް. އެއީ މާޒީގައި އަހަރެންގެ އެންމެ އުފާވެރި ހަނދާން. މިއަދު އަހަރެން މިހުރީ ކްރޮއޭޝިއާ ގޮވައިގެން ވޯލްޑް ކަޕް ފައިނަލެއް." ކްރޮއޭޝިއާގެ ޓީވީ އަކަށް އުމުރުން 51 އަހަރުގެ ޑާލިޗް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ޑާލިޗް ކޯޗިން ކެރިއަރު ފެށީ 2005 ވަނަ އަހަރު އޭނާ އެންމެ ފަހުން ކުޅުނު ޓީމު ވާޓެކްސް އިންނެވެ. ކްރޮއޭޝިއާ އާއި އަލްބޭނިއާގެ ޓީމުތަކަށް ކޯޗުކޮށްދިނުމަށް ފަހު 2010 ވަނަ އަހަރު ޑާލިޗް ބަދަލުވީ ސައޫދީ އަރަބިއާގެ ކްލަބް އަލް ފައިސަލީ އަށެވެ. ކޯޗިންގައި ކުރިއަށްދާން ބޭނުންވާތީ ޑާލިޗް އޭޝިއާ އަށް މިސްރާބު ޖެހީ އާއިލާއާ ދުރުގައި އެއްވެސް މީހެއްގެ އެހީއަކާ ނުލައި ކޯޗިންގައި އަމިއްލަ ފެންވަރު ސާބިތުކުރުމަށެވެ. އޭޝިއާ ފުޓްބޯޅައިގައި ޑާލިޗް ހޭދަކުރި ހަތް ވަރަކަށް އަހަރު އޭނާ އަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2016 ވަނަ އަހަރު ޔޫއޭއީގެ އަލް އައިން ގޮވައިގެން އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމެވެ. އެ ފަހަރު ފައިނަލުގައި ދެކުނު ކޮރެއާގެ ޖޮންބުކް މޮޓޯސް އަތުން އަލް އައިން ބަލިވިިއިރު، މިއީ ކޯޗިން ކެރިއަރުގައި ޑާލިޗަށް ލިބުނު އެންމެ ބޮޑު ފިލާވަޅެވެ.
އޭޝިއާގައި ޑާލިޗް ކުރަމުން އައި މަސައްކަތް ފާހަގަވީ ކްރޮއޭޝިއާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަދި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ޑާވޯ ސުކާ އަށެވެ. ކްރޮއޭޝިއާ އަށް މި ފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ނުލިބިދާނެ ކަމުގެ ބިރުހީވުމުން މިދިޔަ އަހަރު އޮކްޓޫބަރު މަހު ސުކާ ވަނީ ގިނަ ބަޔަކާ ދެކޮޅަށް ޑާލިޗާ ޓީމު ހަވާލުކޮށްފަ އެވެ. ޑާލިޗް ފުރަތަމަ ކްރޮއޭޝިއާއާ ހަވާލުވީ ކޮލިފައިންގެ ނިޔަަލަށެވެ. އެ ކަމަކު ކޮލިފައިން ޕްލޭއޮފްގައި ގްރީސް އަތުން މޮޅުވުމުން ކްރޮއޭޝިއާގެ ފުޓްބޯޅަ އިދާރާއިން ވަނީ 2020 ގެ ނިޔަލަށް ޑާލިޗް މަގާމުގައި ބަހައްޓަން ނިންމައިފަ އެވެ.
"އަހަންނަށް މި އުޅެވެނީ ހުވަފެނެއްގައި. މިއީ ހަގީގަތެއްކަން ގަބޫލުކުރަން ވެސް ދަތި،" ކްރޮއޭޝިއާއާ އެކު އެއްބަސްވުން އާ ކުރުމަށް ފަހު ވޯލްޑް ކަޕަށް ޓީމު ގޮވައިގެން ދެވޭތީ ޑާލިޗް ބުންޏެވެ.
ފްރާންސްގައި 1998 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އިން ހޯދި ކާމިޔާބީގެ ހަނދާން އާ ކުރުމުގެ ގޮތުން އެ ގައުމުން ވަނީ "ވަޓްރޭނީ"ގެ ނަމުގައި ޑޮކިއުމެންޓްރީއެއް ހަދައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނައިޖީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްރޮއޭޝިއާގެ މުޅި ޓީމު އެކުގައި ތިބެ އެ ޑޮކިއުމެންޓްރީ ބެލި އެވެ.
އެ ޑޮކިއުމެންޓްރީ ކުޅުންތެރިންނަށް ދެއްކުމަށް ފަހު ޑާލިޗް އެދުނީ އޭގެ އިން ހިތްވަރު ހޯދައި އެ އަށް ވުރެން ބޮޑު ކާމިޔާބެއް ހޯދުމަށެވެ. ޑާލިޗަށް ޓީމާ މެދު އެންމެ އިތުބާރު ބޮޑުވީ ކްރޮއޭޝިއާ އިން ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އާޖެންޓީނާ އަތުން 3-0 އިން މޮޅުވި މެޗުގަ އެވެ. އަދި ނޮކައުޓް ބުރުގެ ތިން މެޗުގައި ވެސް އިތުރު ވަގުތުކުޅެ ފަހު ވަގުތާ ޖެހެންދެން ކުރި މަސައްކަތުން ޑާލިޗް މި ވަނީ ކްރޮއޭޝިއާގެ ތާރީހު ލިޔެފަ އެވެ. މިރޭގެ ފައިނަލުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ކްރޮއޭޝިއާ އަށް މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބެވެ. އެއީ ފުރަތަމަ ފަހަރަށް ފައިނަލް ކުޅުމުގެ ނަސީބު ލިބުމުންނެވެ. އެހެން ނަމަވެސް ޑާލިޗް ބުނީ މިއީ މިހާރު ތިބި ބައެއް ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހަޔާތުގައި ވޯލްޑް ކަޕެއް ކާމިޔާބުކުރަން ލިބޭނެ ފަހު ފުރުސަތު ކަމަށްވާއިރު، އެ ކުޅުންތެރިން ދުލެއް ނުދޭނެ ކަމަށެވެ.
"އަހަރެން އެއްވެސް ކުޅުންތެރިއަކަށް ޕްރެޝަރެއް ނުކުރާނަން. ވަރަށް ގިނަ ބަޔަކު އެބަބުނޭ ކޮންމެ މެޗެއްގައި އިތުރު ވަގުތު ކުޅެފައިވާތީ ކްރޮއޭޝިއާ އަށް ވަރުބަލިވުމުގެ މައްސަލަ ކުރިމަތިވާނެ ކަމަށް. އެހެނެއްނުވާނެ. އަހަަރެން ކުޅުންތެރިންނަށް ދޭނެ އެންމެ ފަހު މެސެޖަކީ ވެސް އަމިއްލަ ނަފްސަށް އިތުބާރުކޮށް އެންމެ ފަހު ވަގުތާ ހަމައަށް ކުޅުމަށް،" މިރޭގެ ފައިނަލުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑާލިޗް ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ފަހަރަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު ހޯދައި އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހު ލިޔެވުނު ކަމުގައިވިޔަސް ކުޅުންތެރިން ތިބީ މި ހިސާބުން ނިންމާލާ ގޮތަކަށް ނޫން ކަމަށެވެ.
ކްރޮއޭޝިއާ އާއި ފްރާންސް ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.