އިންގްލެންޑް ބަލިކޮށް ބެލްޖިއަމުން ތިން ވަނަ ހޯދައިފި
އިންގްލެންޑް ބަލިކޮށް ބެލްޖިއަމުން ތިން ވަނަ ހޯދައިފި

ސެއިންޓް ޕީޓާސްބާގް (ޖުލައި 14) – އިންގްލެންޑް 2-0 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕުގެ ތިން ވަނަ މަގާމް ބެލްޖިއަމުން ކަށަވަރުކޮށް އެ ގައުމުގެ ތާރީހުގައި ވޯލްޑް ކަޕުގައި ހާސިލްކުރި އެންމެ މަތީ ވަނަ މިރޭ ހޯދައިފި އެވެ.

އަނެއްކޮޅުން މިރޭ ކުޅުނު ތިން ވަނަ ހޮވާ މެޗުން ބަލިވުމާ އެކު އިންގްލެންޑަށް ވަނީ 1966 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ފަހުން މުބާރާތުގައި އެންމެ ނަތީޖާ ރަނގަޅަށް ފަހަރަށް މި އަހަރު ހެދުމަށް ލިބުނު ފުރުސަތު ބޭކާރުވެފަ އެވެ. އެ ޓީމު 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅުނު ނަމަވެސް އެ ފަހަރު ވެސް ތިން ވަނަ ހޮވި މެޗުން ބަލިވީ އެވެ.

ސެއިންޓް ޕީޓާސްބާގުގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓުގައި ބެލްޖިއަމުން ވަނީ ލީޑު ނަގައިފަ އެވެ. ނާސިރު ޗަޑްލީ ނަގައިދިން ހުރަހަކުން މި ގޯލް ޖެހީ ތޯމަސް މުނިއޭ އެވެ. އޭގެ ފަހުން 16 ވަނަ މިނެޓުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ކެވިން ޑިބްރޭނާ ޖައްސާލި ބޯޅައަށް މުޅިން ހުހަށް އަރައި ލުކާކޫ ކޮންޓްރޯލްކުރަން ޖެއްސި ބޯޅަ އެދިޔަ ގޮތަށް ލިބުނީ އިނގިރޭސި ގޯލްކީޕަރު ޖޯޑަން ޕިކްފޯޑަށެވެ. މި ހާފުގައި އިންގްލެންޑަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. ރަހީމް ސްޓާލިން މެދުތެރެއިން ކުރިއަށް ވައްޓާލި ބޯޅަ އޭރިއާ ތެރެއިން ހެރީ ކޭން ކޮންޓްރޯލްނުކޮށް ލިބުނު ބާރު މިނުގައި ޖެހުމުން ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފުގައި ބޮޑަށް ފެނިގެން ދިޔައީ އިންގްލެންޑުން މެޗު ކޮންޓްރޯލް ކުރިތަނެވެ. ނަތީޖާ ހަމަހަމަކުރުމަށްޓަކައި އެ ޓީމުން ކުރިއަށް ޖެހިގެން ކުޅެމުން ދިޔައިރު ބެލްޖިއަމުން މަސައްކަތްކުރީ ކައުންޓާ އެޓޭކުގައި ނުރައްކާކުރުމަށެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް އޭރިއާ ތެރޭ ހުރެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބާރު ބޯޅަ ގޯލް ކުރިމަތިން ހުރަސްވެގެން ދިޔައިރު ކޭން އެ ބޯޅަ ހޯދަން މަސައްކަތްކުރި އެވެ. އޭނާގެ ފައިގައި އެ ބޯޅަ ޖެހުން ނަމަ ގޯލް ތެރެއިން ނެރެން ޖެހޭނެ ކަމަށް ބެލެވެ އެވެ. އޭގެ ދެ މިނެޓު ފަހުން ބެލްޖިއަމްގެ ފޯވާޑް ލުކާކޫ އަތުން އަނެއްކާ ވެސް ހުސް ފުރުސަތެއް ބޭކާރުވި އެވެ. މި ފަހަރު ވެސް ޑިބްރޭނާ ދިން ބޯޅަ އޭނާ ކޮންޓްރޯލްކުރަން ޖެއްސުމުން ލިބުނީ ކީޕަރަށެވެ.

އޭގެ ފަހުން އިންގްލެންޑުގެ އެރިކް ޑަޔާ ފުލުފުލުގައި ދެ ހަމަލާ ފޮނުވާލި އެވެ. ފުރަތަމަ ބޯޅަ ބެލްޖިއަމްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ މަތަކުރިއިރު އޭގެ އިރުކޮޅެއް ފަހުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ޑިފެންޑަރަކު ގޯލް ރޮނގުމަތިން ދިފާއުކުރީ އެވެ.

ދެން ފެނިގެން ދިޔައީ ބެލްޖިއަމުން ކައުންޓާގައި ނުރައްކާކުރި މަންޒަރެވެ. އެ ޓީމުގެ ކުޅުންތެރިން ޕާސިން ގިނަ ކޮމްބިނޭޝަން ކުޅުމަކުން އުފެއްދި އެޓޭކުގައި އޭރިއާ ތެރެއިން ޑްރިއެސް މާޓިންސް ފޮނުވާލި ބާރު ބޯޅަ އިނގިރޭސި ކީޕަރު ހުށިޔާރުކަމާ އެކު މަތަކުރި އެވެ. އެކަމަކު 82 ވަނަ މިނެޓުގައި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް ލިބުނު ފުރުސަތު ހުއްޓުވޭ ގޮތެއް ނުވި އެވެ. ޑި ބްރޭނާ ޖައްސާލި ބޯޅަ އިނގިރޭސި ޑިފެންޑަރު ފިލް ޖޯންސްގެ ފައިގައި ޖެހިފައި ހަޒާޑަށް ލިބުމުން އޭނާ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލި އެވެ.

މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ ބެލްޖިއަމެވެ. އެކަމަކު ދެ ވަނަ ބުރު ކަށަވަރުވެފައި އޮތުމުން އެ މެޗަށް ދެ ޓީމުން ވެސް ނެރުނީ ބަދަލު ޓީމެވެ. އިނގިރޭސި މުޅި ޓީމު އަދި ބެލްޖިއަމްގެ ގިނަ ކުޅުންތެރިންތަކެއް ޕްރިމިއާ ލީގަށް ނިސްބަތްވާތީ މިރޭގެ މެޗު ސިފަކުރެވިގެން ދިޔައީ އެ ލީގުގެ މެޗެއްގެ ގޮތުގަ އެވެ.

ވޯލްޑް ކަޕުގެ ތިން ވަނަ މިރޭ ކަށަވަރުވެފައިވާއިރު ދެން އޮތީ ޗެމްޕިއަން ކަނޑައަޅާ ފައިނަލް މެޗެވެ. މާދަމާރޭ މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމުގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ފްރާންސާއި ކްރޮއޭޝިއާ އެވެ.