14 ޖުލައި 2018 - 22:18

އިދިކޮޅު ކޯލިޝަންގެ ޓީމު އޮތީ ރައްޔިތުންނަށްޓަކައި ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިޚާބު، ކާމިޔާބު ވެއްޖެ ނަމަ ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ގެންނާނެ ކަމަށް އެ ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓަކަށް، ފުވައްމުލަކަށް އުފަން ފައިސަލް ރޭ އިންތިޚާބު ކުރުމާ އެކު، އިބޫއާ އެކު މިއަދު އެ ރަށަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިދިކޮޅު ކޯލިޝަން ގައި އޮތީ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި އިންސާފާއި ހަމަހަމަ ކަންކަން ހާސިލް ކޮށްދެވޭނެ ފެންވަރުގެ ގާބިލް ޓީމެއް ކަމަށެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ފައިސަލް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއް ގައި ރާއްޖެ އަށް ތަރައްގީ ގެންނާނީ އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކު ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގެ ހަތަރު ލީޑަރުން ކުރިން ކުރެއްވީ ވެސް އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވަކިވަކިން ކޮންމެ ބޭފުޅަކަށް މި ދެންނެވީ، އިލްތިމާސް މި ކުރީ ތިޔަބޭފުޅުން އަޅުގަނޑުމެންނަށް މި ބަދަލު ގެނެސް ދެއްވާށޭ. ތިޔަބޭފުޅުންގެ ޝަކުވާތައް ނިމި، އިންސާފު ގާއިމް ކުރެވި، ހަމަހަމަކަން ގާއިމް ކުރެވި، ތަފާތު ނައްތާލެވިގެން ދާނެއޭ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށްޓަކައި އައިސްގެން އުޅޭ ބައެއް. ރައްޔިތުންގެ ހުރިހާ ވިންދުތަކެއް، ހުރިހާ އިހުސާސްތަކެއް އަޅުގަނޑުމެންގެ ހިތު ތެރޭގައި އެބަ ހުއްޓޭ،" އިދިކޮޅު ފަރާތްތަކަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވަމުން ފައިސަލް ވިދާޅުވި އެވެ.
ރަނިންމޭޓުގެ ހައިސިއްޔަތުން، އުފަން ރަށަށް ކުރެއްވި ފުރަތަމަ ދަތުރުގައި ފުވައްމުލަކުން ލިބުނު ހޫނު ތަރުހީބަށް އިޝާރާތް ކުރައްވައި، ފައިސަލް ވިދާޅުވީ މިއަދު އެ ރަށުން އެނގިވަޑައިގަތީ ރަށުގެ 80 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން ބޭނުންވަނީ ހެޔޮ ބަދަލެއް ކަމަށެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، ފުވައްމުލަކަކީ އޭނާގެ އަމިއްލަ ރަށް ކަމަށް ވުމުން، އެ ރަށަށް ބޭނުންވާ ކަންކަމުގެ އިތުރު ތަފުސީލެއް ބޭނުމެއް ނުވާނެ އެވެ. އަދި ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ވެރިކަމުގައި ސަރުކާރުގެ އިސް ނެގުމުގެ މަތިން އެ ކަންކަން ފުވައްމުލަކަށް ފަހިކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއަދު ތިބޭފުޅުން ތި ނުކުންނެވި ގޮތަށް ނުކުންނަވައި، ކުރިއަށް އޮތް ދެ މަސް ތެރޭގައި އަޅުގަނޑުމެންނަށް މި ކާމިޔާބު ހޯދައި ދެއްވާށޭ. މި ކާމިޔާބަކީ މުޅި ފުވައްމުލަކު ރައްޔިތުންނާއި ދިވެހި ރައްޔިތުންނަށް ހޯދައިދެވޭ ކާމިޔާބެކޭ،" ފައިސަލް ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓާއި ރަނިންމޭޓުގެ ހައިސިއްޔަތުން އިބޫ އާއި ފައިސަލް ފުވައްމުލަކަށް ކުރެއްވި ފުރަތަމަ ދަތުރާ ގުޅިގެން، އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް އެ ސިޓީގެ ވަރަށް ގިނަ ބަޔަކު މިއަދު ހަވީރު ނުކުތެވެ.
ފުވައްމުލަކަކީ އިދިކޮޅު ކޯލިޝަނުން އަތޮޅު ތެރެއަށް ފެށި ކެމްޕެއިން ދަތުރުތަކުގެ ދެވަނަ މަންޒިލެވެ. ފުރަތަމަ ރަށެއްގެ ގޮތުގައި އައްޑު އަށް އިބޫ ވަޑައިގެން އުޅުއްވަނިކޮށް، ފައިސަލް އެ ސިޓީ އަށް ވަޑައިގަތީ މިއަދު ހެނދުނެވެ.
އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ކަން ފައިސަލަށް ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ކައުންސިލް ގައި ރޭ ބޭއްވި އިންތިޚާބުގައި ރަނިންމޭޓް ކަމަށް ކުރިމަތިލި ހަތަރު ބޭފުޅުންނާ ވާދަކުރައްވައިގެންނެވެ. އިދިކޮޅު ކޯލިޝަނުން އެއްބަސްވެފައި އޮތީ ރިޔާސީ ޓިކެޓު އެމްޑީޕީ އަށް އަދި ރަނިންމޭޓުކަން ޖުމްހޫރީ ޕާޓީން ކަނޑައަޅާ ބޭފުޅަކަށް ދިނުމަށެވެ.