ޖަލުގައި ނަވާޒް ޝަރީފަށް ވަނީ ހިތްދަތި ހާލު ޖައްސާފައި: ވަކީލުން
ޖަލުގައި ނަވާޒް ޝަރީފަށް ވަނީ ހިތްދަތި ހާލު ޖައްސާފައި: ވަކީލުން

އިސްލާމްއާބާދު (ޖުލައި 15) - ލަންޑަނުން ޕާކިސްތާނަށް ވަޑައިގަތުމާ އެކު ލާހޯރު އެއާޕޯޓުން ހައްޔަރުކޮށްގެން މިދިޔަ ހުކުރު ދުވަހު ޖަލަށް ގެންދިޔަ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ޖަލުގައި ވަނީ ވަރަށް ހިތްދަތި ހާލު ޖައްސާފައި ކަމަށް ގާނޫނީ ޓީމުން ބުނެފި އެވެ.

ޕާކިސްތާނުގެ ބައެއް ނޫސްތަކަށް ވަކީލުން ބުނި ގޮތުގައި ޖަލުގައި ނަވާޒް ޝަރީފް ބަހައްޓާފައި ހުރި ގޮޅީގައި އޭސީއެއް އަދި އެނދެއް ވެސް ނެތެވެ. ނަވާޒް ޝަރީފް ނިދަން ދީފައި ވަނީ ބިންމަތީގައި އަޅާފައިވާ ގޮދަނޑިއެއް ކަމަށާއި ގޮޅީގެ ފާޚާނާގެ ހާލަތު ވެސް ވަރަށް ގޯސް ކަމަށް އެ ޓީމުން ބުނެ އެވެ. މީގެ އިތުރުން ނަވާޒް ޝަރީފް ވިދާޅުވުމަށް ނޫހެއް ވެސް ޖަލަށް ވައްދާފައި ނުވާ ކަމަށް ގާނޫނީ ޓީމުން ބުނެފައިވެ އެވެ. އަދި ނަވާޒް ޝަރީފްއާ ގާނޫނީ ޓީމުން ބައްދަލު ކުރި ހުރިހާ ވަގުތެއްގައި ވެސް ފުލުހުންގެ އޮފިސަރަކު ކައިރީގައި ހުރި ކަމަށް ބުނެފައިވެ އެވެ. ވަކީލުންގެ ޓީމާ ބައްދަލު ކުރަން ދީފައި ވަނީ އެންމެ ފަސް މިނިޓް ކަމަށް ވެސް ބުނެފައިވެ އެވެ.

ނަވާޒް ޝަރީފާ އެކު ޖަލަށް ގެންދިޔަ ދަރިކަނބަލުން މަރިޔަމް ނަވާޒް އަށް ބައްދަލު ކުރުމުގެ ފުރުސަތު ދީފައި ވަނީ އެންމެ ވަކީލަކަށް ކަމަށްވެ އެވެ.

ނަވާޒް ޝަރީފަށް އިއްޔެ ވަނީ އާއިލާގެ ބައެއް މެންބަރުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދީފަ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ނަވާޒް ޝަރީފުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު މަރިޔަމްގެ މައްޗަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ނަވާޒް ޝަރީފް، 68، ވިދާޅުވެފައި ވަނީ ޖަލަށް ލާނެކަން އެނގޭ އިރު ވެސް ގައުމަށް ވަޑައިގެންނެވީ ރައްޔިތުންނަށްޓަކައި ކަމަށެވެ.

ނަވާޒް ޝަރީފުގެ މައްޗަށް ތުހުމަތު ކުރި ކޮރަޕްޝަނުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހު ނިންމާފައި ވަނީ ބޮޑު ވަޒީރުކަމުގެ މަގާމުގައި ހުރުމުގެ ޝަރުތު ނަވާޒް ޝަރީފު ފުރިހަމަ ނުވާ ކަމަށެވެ. އަދި ހުކުމަށް ތަބާވުމުގެ ގޮތުން ނަވާޒް ޝަރީފް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.