15 ޖުލައި 2018 - 07:23

ބުދަ ދުވަހާ ގުޅޭ
ޖަނަވާރުގެ ސިފައިގައި ފެންނަ ބަޔަކު ވެސް އުޅެއެވެ. އެ ވައްތަރު އެންމެ އާންމުކޮށް ފެންނަނީ ކަޅު ހަރަފައާއި ކަޅު ކުއްތާގެ ސިފައިގައެވެ. ދެން އުޅެނީ އިންސީންގެ ދުނިޔެއަށް އައިސްގޮސްވާ ޖިންނީންނެވެ. އެއްބަޔަކީ ރަނގަޅު ޖިންނީންނެވެ. އަނެއްބަޔަކީ ނުބައިކަމުން ގޮސް ހައްދުފަހަނައަޅައިފައިވާ ޖިންނީންނެވެ. ސައިތާނުންނެވެ. ސައިތާނުންގެ ތެރޭގައި މާރިދުން އުޅެއެވެ. އިފުރީތުން ވެސް އުޅެއެވެ. އުފުލައި ގެންގުޅޭ އެއްޗެހި ޒައްރާއަށް ބަދަލުކޮށް އަލުން އިހު ހުރި ގޮތަށް ރުޖޫއަކުރުމުގެ ކުޅަދާނަކަން ދެއްވައިފައިވަނީ އިފުރީތުންނަށެވެ. އެކި ޖިންނި ނިސްބަތްވަނީ އެކި ޤަބީލާއަށެވެ. އިންސާނުން ފަދައިން، މަޤްޞަދެއް ހާސިލުކުރުމަށް ޓަކައި ކޮންމެފަދަ ކަމެއް ވެސް އެ ޖިންނީން ކުރެއެވެ. އެ ޖިންނީންގެ ސިއްރުތަކާއި، ބަލިފައިތައް އިންސާނުންނަށް އެނގޭކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން ޖެނީ ކުރިޔަށް އަޅާ ކޮންމެ ފިޔަވަޅެއް ވެސް އަޅަނީ ވަރަށް ވިސްނައިފައެވެ.
"ޖެނީ!" ބައްޕަ ހަޅޭއްލަވައިގަތް އަޑު ޖެނީއަށް އިވުނެވެ.
އެނބުރިނުލެވިގެން އުޅެނިކޮށް ޖެނީ ޖަހައިގަނެގެން ގެންދިޔައެވެ. ސުން ސިކުންތުން ޖެނީ ހުރީ ބޮޑު ކިއްލާއެއްގެ ތެރޭގައެވެ. އެ ތަނުގައި ހުރި ހުރިހައި އެއްޗެއް ހުރީ ސަންގުމަރުމަރު ހިލައިންނެވެ. އެކަމަކު އެއްވެސް ދޮރެއް ނެތެވެ. ބައެއް އިމާރާތްތަކުގައި ދޮރު ހުރެފައި އަނެއްބައި ތަންތަނުގައި ދޮރު ނުހުންނަ ސަބަބެއް ޖެނީއަކަށް ނުވިސްނެއެވެ.
"ބުނީމެއްނު މި ތަނަށް ނާންނާށޭ!" ބައްޕަގެ އަޑު ޖެނީއަށް އިވުނެވެ.
ބައްޕައެއް ނުފެނެއެވެ. ޖެނީއަށް ފެންނަން ބައްޕަ ބޭނުން ނުވާ ކަހަލައެވެ.
"ކިރިޔާއެއްނު ސަލާމަތްވީ!" ބައްޕަ ބުންޏެވެ.
ބައްޕަ ބުނި އެއްޗެއް ޖެނީއަކަށް ނުވިސްނުނެވެ. ކިރިޔާ ސަލާމަތްވީ ކޯޗެއްގެ ފަރާތުން ހެއްޔެވެ؟ ކުއްލިއަކަށް ޖެނީ ޖަހައިގަންނަން ބައްޕައަށް މަޖުބޫރުވީ ކީއްވެ ހެއްޔެވެ؟
"ކޮންކަމަކުން ކިރިޔާ ސަލާމަތްވީ؟" ޖެނީ ސުވާލުކުރިއެވެ.
"ކީއްކުރަން މި ތަނަށް ތި އައީ؟" ބައްޕަ ދެއްކީ މުޅީން އެހެން ވާހަކައެކެވެ. "ދަރިފުޅަކަށް ނުޖެހޭނެ ކަންފަތަށް އިވޭހާ އަޑެއް ގަބޫލުކުރާކަށް. ދަރިފުޅަށް މިހާރު އެނގޭނެ ބައްޕައަށް ވުރެ ބޮޑަށް ދަރިފުޅުދެކެ ލޯބިވާ މީހަކު ނުހުންނާނެކަން."
ބައްޕަ ދެއްކި ހުރިހާ ވާހަކައެއް ޖެނީއަށް ގަބޫލުކުރެވެއެވެ. އެއްކަމެއް ފިޔަވައެވެ.
"ބައްޕަ ހަމަ އަސްލުގަ ވެސް ސާޖިދުކޮއްކޮ މަރާލީތަ؟" ޖެނީ އެ ސުވާލުގެ ޖަވާބު ބޭނުމެވެ.
ބައްޕަގެ ޖަވާބެއް ނުލިބި އިރުކޮޅެއް ވެއަތުވިއެވެ. އެކަމަކު ބައްޕަ އެ ތަނުގައި ހުރިކަން ޖެނީއަށް އިހުސާސްވެއެވެ.
"ދަރިފުޅަށް ހީވަނީ ކިހިނެއް؟" ބައްޕަ އެހިއެވެ.
"އަހަންނަށް ހީވަނީ އެ ސުވާލުގެ ޖަވާބު ދޭން ޖެހިދާނެތީ ބައްޕަ ފިލައިގެންއުޅޭހެން،" ޖެނީ ބުންޏެވެ. "ބުނޭ އެއީ ދޮގެކޭ. ބައްޕައަށް ވެސް އެނގޭނެ އަހަންނަށް ވުރެ ބޮޑަށް ބައްޕަދެކެ ލޯބިވާ ދަރިއެއް ނުހުންނާނެކަން. ސާޖިދުކޮއްކޮ މަރާލީ ބައްޕައެއް ނޫނޭ އެންމެ ފަހަރަކު ބައްޕަ ބުނަންޖެހޭނީ. ދެވަނަ ފަހަރަކަށް އަހަރެން އެ ސުވާލެއް ނުކުރާނަން."
ހަތަރު ފަރާތުން ލޮލުކޮޅަށް އޮބައިފައިވާ ބޮޑު އިމާރާތުގެ ފަންގިފިލާ ވެސް އޮންނަނީ ލޮލުކޮޅަށް އޮބައިފައެވެ. އެހެންނަމަވެސް ޖެނީއަށް އިހުސާސް ކުރެވެނީ ނޭވާހާސްކަމެވެ. ހިތް ފިތެމުންދާ ކަމެވެ. އެއްފަރާތުން ލޯތްބެވެ. އަނެއްފަރާތުން ދޮގެވެ.
"ބައްޕައަށް އެނގޭ ދަރިފުޅު ގާތުގަ ތި ވާހަކަ ދެއްކީ ކާކުކަމާ ކީއްވެގެންކަން ވެސް." ބައްޕަ ދެން ވެސް ދެއްކީ އެހެން ވާހަކައެކެވެ.
"އަހަންނަށް އެނގޭ ބައްޕައަށް އެނގޭނެކަން ވެސް،" ޖެނީ ވަށައިގެން އެނބުރެމުން ބުންޏެވެ. "ބައްޕައަކީ ދެން މާ ބާރުގަދަ ޖިންނިއެއް ވިއްޔަ. އެކަމަކު ސާޖިދު މަރައިލީ ހަމަ ފައްކާ ފިނޑިއެއް. ސާޖިދުކޮއްކޮއަކީ ނިކަމެތި ކުޑަކުޑަ ކުއްޖެކޭ ބައްޕާ."
ބައްޕަގެ ސޫރަ މަޑުމަޑުން ފާޅުވަމުން ގޮސް ފާޅުވިއެވެ. އެ ސިފައިގައި ބައްޕަ ހުއްޓައެއް ޖެނީ ދުވަހަކު ވެސް ނުދެކެއެވެ. މުޅި ހަށިގަނޑު ވެސް ހީވަނީ ހިލައިން ހަދައިފައި ހުރިހެންނެވެ. ބިޔަވެފައި ވަރުގަދައެވެ. ފައިގެ ކުޑަކަޅުވާމަސްގަނޑުގައި ދެ އިންޗިއެއްހާ ދިގު ކަށްޓެއް ހުއްޓެވެ. އެ ކަށި ހުންނަނީ ތިރިޔަށް ލެނބިފައެވެ. ފައިތިލަ ހީވަނީ ބާޒެއްގެ ފައިތިލަހެންނެވެ. ވަކިތައް ދިގުވެފައި ތޫނެވެ. ނިތްކުރީގައި ހުރި ދަޅު ވެސް ވަރުގަދަވެފައި ތޫނެވެ. އަތުގައި ވަރުގަދަ މުގުރެއް އޮތެވެ. ވާލުގައި ހުންނަ ކަހަލަ ފިޔަގަނޑެއް އޮތެވެ. ލައްޕައިލައިގެން ހުރިއިރު ވެސް ފިޔަގަނޑުގެ ތިރި ތަޅުންގަނޑުގައި ޖެހެއެވެ. ދެ ލޯ ބޮޑެވެ. ކަޅި ހުންނަނީ ބުޅަލުގެ ކަޅި ހުންނަހެންނެވެ. އަނގަމަތި ކިރިޔާ ވެސް ވައްތަރީ ސިންގާއެއްގެ އަނގަމައްޗާއެވެ. އަތް ވައްތަރީ ވަރަށް ވަރުގަދަ އިންސާނެއްގެ އަތަކާއެވެ. އެކަމަކު ވަކިތައް ވަރުގަދައެވެ.
"އަހަރުމެންނާ ގަހުތާނު ގަބީލާއާ ދެމެދުގަ މި ސިކުންތުގަ ވެސް އެބަ ހަނގުރާމަ ހިނގާ،" ބައްޕަގެ ފުސް އެކަމަކު ވަރުގަދަ އަޑުން ބުންޏެވެ. "އެހެންވެ މި ދުވަސްވަރު ދަރިފުޅާ ދިމާނުވަނީ. މި ވަގުތު ދަރިފުޅަށް ނުފެންނަން މި އުޅެނީ ވެސް އެހެންވެ. މިހިރީ ބައްޕަ ހުރި ގޮތް."
ބައްޕަގެ ވާހަކައިގައި ތެދު އެކުލެވިފައިވަނީ ކިހާ މިންވަރަކަށް ކަމެއް ޖެނީއަކަށް ނޭނގެއެވެ. ޖެނީއަށް ހައްތާ ވެސް ހީވަނީ ވާހަކައިގެ މައުޟޫޢު ބަދަލުކުރަން ބައްޕަ މަސައްކަތްކުރާހެންނެވެ. ބައްޕައަކީ ޖިންނިއެކެވެ. ޖިންނީންނަކީ އެކި ފަހަރު އެކި ސިފައިގައި ފެނުމުގެ ކުޅަދާނަކަން ދެއްވައިފައިވާ ބައެކެވެ. ޖެނީއަށް އެކަން އެނގެއެވެ. ޖިންނީންނާއި ޖިންނީން ހަނގުރާމަކުރޭ ހެއްޔެވެ؟ ކޮން ބޭނުމަކު ހެއްޔެވެ؟ ގަދަވަނީ ކޮންބަޔެއް ހެއްޔެވެ؟ އެ ފަދަ ކިތަންމެ ސުވާލެއް ހިތުގައި އުފެދުނު ނަމަވެސް ޖެނީ އެހީ އެހެން ސުވާލެކެވެ.
"ސާޖިދު މަރާލީ ބައްޕަތަ؟ އާނއެކޭ ނޫނީ ނޫނެކޭ!" ޖެނީ އަނެއްކާ ވެސް ސުވާލުކުރިއެވެ.
"ބުނަން ދަރިފުޅާ!" އަތުގައި އޮތް މުގުރު ޖެނީއާ ދިމާއަށް ދިއްކޮށްލައިފައި ބައްޕަ ބުންޏެވެ. "ދަރިފުޅަށް އެނގޭތަ މަޒްލާން ތި ވާހަކަދެއްކީ ކީއްވެގެންކަން؟"
އެ ހިސާބުން ޖެނީ ގާތަށް ރުޅިއައެވެ.
"އަހަރެން ބޭނުމެއް ނޫނޭ އެ ސަބަބު ބަލާކަށް،" ޖެނީ ހަޅޭއްލަވައިގަތެވެ. "ސާޖިދު މަރާލީ ކީއްވެހޭ؟"
ބައްޕަގެ ދެ ލޯ ކުއްލިއަކަށް ރަތްވިތަން ޖެނީއަށް ފެނުނެވެ. ދެ ފިޔަގަނޑު ހުޅުވައިލިއެވެ. ހީވީ ސިކާރައެއް މައްޗަށް ޖެހިގަންނަން ބާޒެއް ތައްޔާރުވިހެންނެވެ.
"ދަރިފުޅަށްޓަކައޭ!" ޖެނީއަށް ވުރެ އެތައް ގުނައެއް ބާރަށް ބައްޕަ ހަޅޭއްލަވައިގަތެވެ.
މުޅި ތަން ގުގުމައިލުމަށް ފަހު ހިމޭންވިއެވެ. އަޑު މަޑުވިއެވެ. ކުރިމަތީގައި ހުރީ ދަރިފުޅުކަން ބައްޕައަށް އިހުސާސްވިހެން ޖެނީއަށް ހީވިއެވެ. ފިޔަގަނޑު ލައްޕައިލުމަށް ފަހު މުގުރު ތިރިކުރި ތަނާއި، ބައްޕަގެ ލޮލުގައި ހުރި ރަތްކަން ވެސް ފިލައިގެންދިޔަތަން ޖެނީއަށް ފެނުނެވެ.
"މީ މަޒްލާން ބޭނުންވާ ގޮތަކީ،" ނަސޭހަތުގެ ރާގުގައި ބައްޕަ ބުންޏެވެ. "ބައްޕަ ވީ ރުޅިއައިސްގެން އަބަދު ދަރިފުޅަށް ހަޅޭއްލަވަން. މަޒްލާން ބޭނުންވަނީ އޭނަޔަށް ދޭ ކަހަލަ އަދަބު ދަރިފުޅަށް ދޭން. ބައްޕަ ބޭނުމެއް ނޫން އެހެން ވާކަށް."
ޖެނީއަށް ރޮވުނެވެ. ބައްޕަ ހަޅޭއްލެވީމައެއް ނޫނެވެ. ގާތިލަކީ ބައްޕަކަން ކަށަވަރުވީމައެވެ. އެހެން ނޫން ނަމަ ޖެނީގެ ސުވާލުގެ ޖަވާބުދޭން އެ ވަރުގެ ބަހަނާތަކެއް ބައްޕަ ނުދެއްކީހެވެ.
"މަންމަ އުޅުނީ ދަރިފުޅު ބޭކާރުކޮށްލާފަ އެހެން ދަރިޔަކަށް އެ ލޯބި ދޭން،" ބައްޕަ ކިޔައިދޭން ފެށިއެވެ. ކެތްތެރިކަމާ އެކުގައެވެ. "ބައްޕަ ވަރަށް ގިނަ ގޮތްގޮތަށް މަންމައަށް ވިސްނައިދިނިން. އިންޒާރު ވެސް ދިނިން. މަންމަ އެއްބަހެއް ނުވި. އަޑެއް ނޭހި."
"ދެން ބައްޕަ ވީ ކޮއްކޮ މަރާލަންތަ؟" ގިސްލަގިސްލައިފައި ޖެނީ އެހިއެވެ.
"ހަމައެކަނި ދަރިފުޅަށްޓަކާ،" ބައްޕަގެ އަޑުގައި ހުރީ އޯގާތެރިކަމެވެ. "ދަރިފުޅަށް ލޯބި ހޯދައިދޭންވެގެން. މަންމަދެކެ ދަރިފުޅު ކިހާ ލޯބިވާކަން ބައްޕައަށް އެނގެޔޭ."
"ކިހާ ލޯބި ލިބިއްޖެ!" ޖެނީ ބުންޏެވެ. "ބައްޕަ ތި ކުރީ ވަރަށް ގޯސްކަމެއް. މިއޮއް ހުރިހާ ދުވަހަކު އަހަންނަށް ދޮގުހަދައިގެން ތި އުޅުނީ. މަންމަ އަހަންނަށް މާ ރަނގަޅު. އަހަރެންދެކެ ރުޅިއައީމަ މަންމަ އެ ކަން ސިއްރެއް ނުކުރާނެ. ބައްޕަ ހެދީ ދޮގު."
ދިފާޢުގައި ބައްޕަ އެއްޗެއް ބުނިތަނެއް ޖެނީއަކަށް ނުފެނެއެވެ. ޖެނީގެ ލޮލުން ކަރުނަ ފުހޭކަށް ވެސް ނޫޅުނެވެ.
"ކަން ވެ ނިމިއްޖެ ދަރިފުޅާ!" ބައްޕަ ބުންޏެވެ. "މިހާރު ބައްޕައަށް ކުރެވޭނެ ކަމަކީ މާފަށްއެދުން."
ޖެނީ ކުއްލިއަކަށް ބައްޕަގެ މޫނަށް ބަލައިލިއެވެ. އެންމެ ފަހުން ބައްޕަ މާފަށް އެދުނީ ކޮން ދުވަހަކު ކަމެއް ޖެނީ ހަނދާނެއް ނެތެވެ. ވީމާ އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ ޖެނީ ވިސްނައިލިއެވެ. ބައްޕަގެ މިޒާޖަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ކުރެވުނު ކުށަށްޓަކައި ޙަޤީޤަތުގައި ވެސް ބައްޕަ ދެރަވެއްޖެއެވެ.
"މަންމަގެ ލޯބި ދަރިފުޅަށް ހޯދައިދޭނަން،" ޔަގީންކަމާ އެކުގައި ބައްޕަ ބުންޏެވެ. "ކުރިން ވެސް ބުނި ވާހަކަ މިހާރު ވެސް މި ބުނަނީ. މަންމަ ގާތަށް ދަރިފުޅު ގެންގޮސްދޭނަން. ހިތުންރުހުމުން ދަރިފުޅު ދެކެ މަންމަ ލޯބިވާނެ. އެއީ ބައްޕަގެ ވަޢުދެއް. ދަރިފުޅަކީ އިންސާނެއްގެ ދެބައިކުޅަ އެއްބައި. އެކަމަކު ބައްޕައަށް ވުރެ ރަނގަޅަށް ދަރިފުޅަކަށް އިންސާނުންނެއް ނޭނގޭނެ. އެމީހުންނަކީ ދޮގުހަދާހިތްވާ، މަކަރުގަދަ ބައެއް. އެމީހުން ތެރޭގަ އުޅެންޖެހޭނީ އެމީހުން އުޅޭ ގޮތަށް. ކެރޭނެތަ އެހެން އުޅެން؟"
"އަހަރެން ކީއްކުރަން ޖެހޭނީ؟" ޖެނީ ސުވާލުކުރިއެވެ.
"ވަރަށް ކުޑަ ކަމެއް،" ބައްޕަ އެދުނެވެ. "މަންމަ ގާތަށް ދަރިފުޅު ގެންދާ ދުވަހު މަންމަ އަހާނެ ބައްޕަ ކޮބާހޭ؟ އެހީމަ.."
އެ ހިސާބުން ޖެނީއަށް ވިސްނުނެވެ. އިތުރު ތަފުސީލެއް ބޭނުމެއް ނުވިއެވެ.
"އަހަންނަށް އެނގޭ ކީކޭކަން ބުނަންޖެހޭނީ،" ޖެނީ ޖަވާބުދިނެވެ. "އެކަމަކު ބައްޕަ ދެން އެއްވެސް މީހަކަށް އަނިޔާކޮށްގެން ނުވާނެ. މަޒްލާނަށް ވެސް އެއްވެސް.."
"މަޒްލާނަށް ހަދާނެ ގޮތް އެނގޭނީ ބައްޕައަށް،" ބައްޕަގެ ރާގުގައި ހުރީ ހަރުކަށިކަމެވެ. "ދަރިން ބަސްނޭހީމަ ހަދަންޖެހޭ ގޮތް ކިޔައިދޭނީ ދަރިންނެއް ނޫން. ދަރިފުޅެއްކަމަކު ލޯބީގެ ނާޖާއިޒު ފައިދާ ނަގަން ނޫޅޭ. ތި އުޅެނީ މަންމަ އުޅޭ ވައްތަރަށް."
ވަގުތުން ބައްޕަ ގެއްލުނެވެ. ބައްޕަ ދާނީ ކޮންދިމާއަކަށްކަން ޖެނީއަށް އެނގެއެވެ. ބައްޕަ ހުއްޓުވުމަކީ ޖެނީއަށް ކުރެވޭނެ ކަމެއް ނޫނެވެ. މަޒްލާން އޮތީ މިނިވަންކަމުގެ ޚިޔާލީފޮލާ ކައްކަން އުދައިގެންނެވެ. ދަނޑުގައި އުއްޑުން އޮށޯވެލައިގެން ތަރިތަކަށް ނަޒަރުހުއްޓައިލައިގެންނެވެ. ދަންވަރުގެ ވަގުތެވެ. އަޑެއްބަޑެއް ނީވެއެވެ. ކުއްލިއަކަށް ބިންގަނޑު ގުޑައިގެންދިޔައެވެ. މުޅި ރަށަށް ލޮޅުންއަރައިގެންދިޔައެވެ.
ނުނިމޭ