15 ޖުލައި 2018 - 09:31

މީގެ 20 އަހަރު ކުރިން 1998 ވަނަ އަހަރު ފްރާންސުން ބްރެޒިލް ބަލިކޮށް ވޯލްޑް ކަޕް ކާމިޔާބުކުރުން ވެގެންދިޔައީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ޓީމުތަކުގެ ތެރެއިން އެ ޓީމަށް ޖާގަ ލިބުނު ސަބަބަށެވެ. އެކަމަކު މެޗު ފެށުމުގެ 30 ގަޑިއިރު ކުރިން ފެށިގެން މިއަދާ ހަމައަށް ވެސް އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ އެ މެޗުގައި ބްރެޒިލްގެ ފޯވާޑް ރޮނާލްޑޯ އަށް ނުކުޅެވުނު ވާހަކަ އެވެ. ސަބަބަކީ ފްރާންސަށް ތަށި ލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރޮނާލްޑޯ އަށް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާތީ އެވެ.

އެ ފަހަރުގެ ވޯލްޑް ކަަޕަށް ރޮނާލްޑޯ ދިޔައީ އާދަޔާހިލާފު ފޯމެއްގައި ހުރެ އެވެ. އެ ސީޒަނުގައި އޭނާ ވަނީ އިޓަލީގެ އިންޓަ މިލާނަށް 34 ލަނޑު ޖަހައިދީފަ އެވެ. އަދި ވޯލްޑް ކަޕުގެ ފައިނަލުގެ ކުރިން ހަތަރު ގޯލު ޖެހި އެވެ. އޭގެ ތެރެއިން އެއް ގޯލަކީ ސެމީ ފައިނަލުގައި ނެދަލެންޑްސް ކޮޅަށް ޖެހި ގޯލެވެ. އެ މެޗު ޕެނަލްޓީ އަށް ދިޔައިރު ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ ޖެހީ ވެސް ރޮނާލްޑޯ އެވެ.
ހުރިހާ ކަމެއް ބްރެޒިލަށް ރަނގަޅަށް ދަނިކޮށް ފައިނަލް މެޗު ފެށުމުގެ އެއް ދުވަސް ކުރިން ރޮނާލްޑޯ އަށް ދިމާވީ އާދަޔާ ހިލާފު ހާދިސާ އެކެވެ. ރޮނާލްޑޯ ވަނީ މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން އޭރުގައި ދިމާވި ކަންތައްތައް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ބްރެޒިލް ޓީމު ތިބި ހޮޓަލުން މެންދުރު ކެއުމަށް ފަހު ރޮނާލްޑޯ ހަނދާނުގައި ހުރި ގޮތުގައި އޭނާ ދިޔައީ ކޮޓަރިއަށް އަރާމުކުރާށެވެ. ދެން އޭނާ އަށް ލޯ ހުޅުވާލިއިރު ބްރެޒިލްގެ ޓީމު ޑޮކްޓަރު ލިޑިއޯ ޓޮލޭޑޯ އާއި ހުރިހާ ކުޅުންތެރިން ތިބީ އޭނާ ވަށާލައިގެންނެވެ. އެ މީހުން ކިޔައިދިން ގޮތުގައި ރޮނާލްޑޯ ފިޓް ޖެހުނީ އެވެ.
އެ ވަގުތު ރޮނާލްޑޯ އެދުނީ އޭނާ އަރާމްކުރަން ބޭނުންވާތީ ހުރިހާ އެންމެން އެތަން ދޫކޮށް ދިއުމަށެވެ. އެކަމަކު ބްރެޒިލް ޓީމަށް އޭރު ކުޅުނު ލިއޮނާޑޯ ވަނީ ރޮނާލްޑޯ ގޮވައިގެން ގޮސް އޭނާ އަށް ދިމާވި ހުރިހާ ހާދިސާއެއް ކިޔައިދީފަ އެވެ. އަދި ރޮނާލްޑޯ އަށް ފައިނަލުގައި ނުކުޅެވޭނެ ކަމަށް ލިއަނާޑޯ ބުންޏެވެ.
އޭރު އުމުރުން 21 އަހަރުގެ ރޮނާލްޑޯ އަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ އެވެ. އެހެންވެ އެ ޓީމުން އޭނާ އަށް ކުޅެވޭނެ ގޮތެއް އޮތްތޯ ބެލި އެވެ. ޑޮކްޓަރު ޓޮލޭޑޯ ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި ރޮނާލްޑޯގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު އެ ފަދަ ހާދިސާއެއް ރޮނާލްޑޯއާ އެކު ހިނގާފައިވާތީ އޭނާ ކުޅުވުމާ މެދު ބްރެޒިލްގެ އޭރުގެ ކޯޗު މާރިއޯ ޒަގާލޯ ދެކޮޅު ހެދި އެވެ. އެހެން ނަމަވެސް ޓެސްޓްތަކުގެ ގަނޑުތައް ހިފައިގެން ރޮނާލްޑޯ އާއި ޓޮލޭޑޯ އައިސް ދެއްކި ވާހަކަތަކާ އެކު ޒަގާލޯ ނިންމީ ފައިނަލުގައި ރޮނާލްޑޯ ކުޅުވާށެވެ.
އެ ފަހަރު ފައިނަލުގައި ފްރާންސް އަތުން ބްރެޒިލް 3-0 އިން ބަލިވިއިރު، އެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ހާއްސަކޮށް އެންމެ ދަށް ކުޅުމެއް ފެނުނީ ރޮނާލްޑޯގެ ފަރާތުންނެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ ހޮވުނު ނަމަވެސް އެ މެޗުގައި އޭނާ ކުޅުވުމަކީ ހެދުނު ގޯހެއް ކަމަށް ޒަގާލޯ ވަނީ ބުނެފަ އެވެ.
ރޮނާލްޑޯ އަށް ދިމާވި ހާދިސާއާ އޭނާ ފައިނަލް މެޗުގައި ކުޅުމާ ހަމަ އަށް ހިނގާދިޔަ ކަންތައްތަކާ މެދު ތަފާތު ވާހަކަތަކެއް މީޑިއާގައި ވަނީ ދެކެވިފަ އެވެ.
އެ ފަހަރު ފައިނަލް މެޗުގައި ރޮނާލްޑޯ އަށް ނުކުޅެވޭނެ ކަމަށް ބެލުމަށް ފަހު އޭނާގެ ބަދަލުގައި ޓީމު ލިސްޓުގައި ޖެހީ އެޑްމުންޑޯ އެވެ. ރޮނާލްޑޯ އަށް ކުޅެވޭނެކަން ޔަގީންވުމުން އަނެއްކާ އެޑްމުންޑޯ ވަނީ ބެންޗަށް ބަދަލުކޮށްފަ އެވެ. އެ ފަހަރު ހިނގާދިޔަ ކަންތައްތަކާ ބެހޭގޮތުން އެޑްމުންޑޯ މީޑިއާގައި ބުނީ ރޮނާލްޑޯ އެ ފަހަރު ފައިނަލުގައި ކުޅުވީ ނައިކީ އިން އޭނާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން އެ މީހުންގެ ނުފޫޒާ އެކު ކަމަށެވެ.
އެޑްމުންޑޯގެ ވާހަކަތަކާ ހުރެ އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު 2002 ވަނަ އަހަރު ބްރެޒިލްގެ އިންކުއައިރީ ކޮމިޝަނުން ވަނީ ނައިކީ އާއި ބްރެޒިލް ޓީމާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކަންތައްތައް ތަހުގީގުކޮށްފަ އެވެ. އެ ފަހަރުގެ ތަހުގީގުގައި ރޮނާލްޑޯ ވަނީ ނައިކީން އޭނާ އަށް އެއްވެސް ކަމެއް މަޖުބޫރުނުކުރުވާ ކަމަށް ބުނެފަ އެވެ.
އެ ފަހަރުގެ ފައިނަލާ ގުޅޭގޮތުން ފީފާއާ މެދު ވެސް ތުހުމަތުތަކެއް ކުރެވުނެވެ. ފީފާގެ ކޮރަޕްޝަންތަކާ ބެހޭގޮތުން ގާޑިއަންގެ ނޫސްވެރިއާ ޑޭވިޑް ކޮން މިދިޔަ އަހަރު ނެރުނު "ދަ ފޯލް އޮފް ދަ ހައުސް އޮފް ފީފާ" ފޮތުގައި ވަނީ ބްރެޒިލާއި ފީފާއާ ދެމެދު ހިނގި ކޮރަޕްޝަންގެ ކަންތައްތަކާ ބެހޭގޮތުން ލިޔެފަ އެވެ.
އެ ފޮތުގައިވާ ގޮތުން ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ވިދާޅުވީ އެ ފަހަރުގެ ވޯލްޑް ކަޕް ރޭވީ ފައިނަލުގެ ކުރިން ބްރެޒިލާއި ފްރާންސް ކުޅެން ނުޖެހޭ ގޮތަށެވެ. މުބާރާތުގެ ފައިނަލުގައި މި ދެ ޓީމު ކުޅެން ޖެހުމުން ފީފާ މެދުވެރިއަކަށްވެ ފްރާންސަށް ފައިނަލް ދޫކޮށްލުމަށް ބްރެޒިލަށް 23 މިލިއަން ޑޮލަރު ހުށަހެޅި ކަމަށެވެ. އެއީ ފްރާންސްގައި އޭރު އޮތް އިޖުތިމާއީ އާއި އެކި ކަހަލަ ހަމަނުޖެހުންތައް ވޯލްޑް ކަޕް ކާމިޔާބީއާ އެކު ބަދަލުވެގެންދިޔަ ކަން ދެއްކުމުގެ ގޮތުން ކަމަށެވެ.
ފީފާއިން ހުށަހެޅީ އެކަމުގެ ބަދަލެއްގެ ގޮތުގައި 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާނުގައި އޮތް ވޯލްޑް ކަޕުގައި ބްރެޒިލަށް ފަސޭހަ ދޭށެވެ. އަދި ދެކުނު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ބްރެޒިލްގައި ބޭއްވުމުގެ ފުރުސަތު ދޭން ވެސް ހުށަހެޅި ކަމަށާއި ބްރެޒިލްގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވީ އެ ޑީލްގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފީފާ އާއި ބްރެޒިލާ ދެމެދު އެ ހިނގި މުއާލަމާތްތަކުގެ އަޑު މީޑިއާގައި ގަދަވެފައިވަނިކޮށް ބްރެޒިލްގެ ސައޮޕައޮލޯ އަށް ނިސްބަތްވާ ނޫހަކުން ވަނީ ރޮނާލްޑޯ އަށް އެ ފަހަރު ފައިނަލް މެޗުގެ ކުރިން އެންޒައިޓީ ޝޮކްތަކެއް ޖެހުނު ކަމަށް ބުނެފަ އެވެ. އަދި ޓީމުގެ ފަރިތަކުރުންތަކަށް ފަހު ދެ ފަހަރު ރޮނާލްޑޯ އަށް ފަރުވާދޭން ޖެހުނު ކަމަށާއި އެ މައްސަލަތަކާ ހުރެ ބްރެޒިލްގެ ގިނަ ކުޅުންތެރިންތަކެއް ރޮނާލްޑޯ ފައިނަލުގައި ކުޅުވަން ދެކޮޅު ހެދި ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ނަމަވެސް ރޮނާލްޑޯ ކުޅުވަން ކޯޗު ޒަގާލޯ ނިންމުމުން އެ ކަމަށް އިހުތިރާމް ކުރީ ކަމަށާއި ފައިނަލުގައި ބްރެޒިލް ބަލިވިއިރު ގިނަ ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވީ ރޮނާލްޑޯއާ މެދު ވިސްނަން ޖެހުމުން ކަމަށް ވެސް ބުނެފައިވެ އެވެ.