ބިން ލާދިންގެ ކުރީގެ ބޮޑީގާޑު ޖަރުމަނުން ޑިޕޯޓްކޮށްލައިފި
ބިން ލާދިންގެ ކުރީގެ ބޮޑީގާޑު ޖަރުމަނުން ޑިޕޯޓްކޮށްލައިފި

ބާލިން (ޖުލައި 14) - އަލް ގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ ކުރީގެ ބޮޑީގާޑަކަށް މަސައްކަތް ކުރި މީހާ ޖަރުމަނުން ޓިއުނީޝިއާ އަށް ޑިޕޯޓްކޮށްލައިފި އެވެ.

ސާމީ އޭ. ގެ ނަން ދީފައިވާ އެ މީހާގެ އާއިލާއާ އެކު 1997 ވަނަ އަހަރުން ފެށިގެން ދިރިއުޅެނީ ޖަރުމަނުގަ އެވެ. އޭނާ އަށް ދިޔައީ ޖަރުމަނުގެ ވެލްފެއާ އެހީގެ ގޮތުގައި މަހަކު 2،200 ޑޮލަރު ދެމުންނެވެ. އޭނާ ޑިޕޯޓްކޮށްލާފައި މި ވަނީ ޖަރުމަނުގެ ކޯޓަކުން އެކަމާ ދެކޮޅު ހަދާފައި ވަނިކޮށެވެ. ސާމީ އޭ. ބުނެފައި ވަނީ އޭނާ ޓިއުނީޝިއާ އަށް ފޮނުވާލައިފި ނަމަ އަނިޔާތަކެއް އޭނާ އަށް ދޭނެ ކަމަށެވެ. ހަނގުރާމަވެރި އެއްވެސް ޖަމާއަތަކާ ގުޅުން ނޯންނަ ކަމަށް ސާމީ އޭ. ބުނެ އެވެ.

އެމެރިކާ އަށް 2001 ވަނަ އަހަރު ޓެރަރިސްޓް ހަމަލާ ދިނީ ބިން ލާދިންގެ އަލްގައިދާ ޖަމާއަތުންނެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާގައި މަތިންދާ ބޯޓު ގޮއްވާލި ތިން ޕައިލެޓުން ނިސްބަތް ވަނީ ޖަރުމަނުގެ ހަމްބާގުގައި ގާއިމްކޮށްފައިވާ އަލްގައިދާގެ މަރުކަޒުތަކަށެވެ. ބިން ލާދިން ފިލައިގެން އުޅެނިކޮށް އެމެރިކާގެ ޚާއްސަ ސިފައިން ހަމަލާދީ އޭނާ މަރާލީ 2011 ވަނަ އަހަރު ޕާކިސްތާނުންނެވެ.

ޖަރުމަނުގައި ޓެރަރިޒަމާ ދެކޮޅަށް 2005 ގައި ކުރިއަށް ގެންދިޔަ ތަހުގީގުތަކުގައި ގިނަ ބަޔކު ވަނީ ސާމީ އޭ. 2000 ގެ އަހަރުތަކުގައި ބިން ލާދިންގެ ބޮޑީގާޑެއްގެ ގޮތުގައި އަފްޣާނިސްތާނުގައި މަސައްކަތް ކޮށްފައި ކަމަށް ބުނެފަ އެވެ. އެކަމަކު ސާމީ އޭ. އެކަން ދޮގު ކުރެ އެވެ. އަލް ގައިދާއާ ގުޅުން އޮތްތޯ ބަލަން ސާމީ އޭ. ގެ މައްޗަށް 2006 ގައި ވަނީ ތަހުގީގު ހިންގައިފަ އެވެ. އެކަމަކު އޭނާގެ މައްޗަށް ދައުވާ އުފުލައިފައެއް ނުވެ އެވެ.

ސާމީ އޭ. ޖަރުމަނުގައި ދިރިއުޅެނީ އެ ގައުމުގެ މީހަކާ ކައިވެނިކޮށްގެންނެވެ. އެހެންވެ އޭނާ އަށް ޖަރުމަނުން ވަނީ ވަގުތީ ރެސިޑެންސް ހުއްދައެއް 1999 ވަނަ އަހަރު ދީފަ އެވެ. ޖަރުމަނުން ހިމާޔަތް ހޯދަން އޭނާ ހުށަހެޅި ނަމަވެސް 2007 ވަނަ އަހަރު ވަނީ އެ ހުއްދަ ނުދޭން ނިންމައިފަ އެވެ. ސަބަބަކީ އޭނާ އަކީ ނުރައްކާ މީހެއް ކަމަށް ލިސްޓްކޮށްފައިވާތީ އެވެ. ކޮންމެ ދުވަހަކު ވެސް ޕޮލިސް ސްޓޭޝަނަށް އޭނާ ރިޕޯޓް ކުރަން ޖެހެ އެވެ.