ހިޔާލުފާޅުކޮށްގެން މީހަކު ކުށްވެރިއެއް ނުވާނެ، މިއީ ފާސްކުރަން ޖެހޭ ބިލެއް: ނިހާނު
ހިޔާލުފާޅުކޮށްގެން މީހަކު ކުށްވެރިއެއް ނުވާނެ، މިއީ ފާސްކުރަން ޖެހޭ ބިލެއް: ނިހާނު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުން ހިޔާލުފާޅުކުރާ މީހަކު ކުށްވެރިނުވާނެ ކަމަށާއި މިއީ ފާސްކުރަން ޖެހޭ ބިލެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާލުފާޅުކޮށްގެން މީހަކު ކުށްވެރިއެއް ނުވާނެ، މިއީ ފާސްކުރަން ޖެހޭ ބިލެއް: ނިހާނު
ހިޔާލުފާޅުކޮށްގެން މީހަކު ކުށްވެރިއެއް ނުވާނެ، މިއީ ފާސްކުރަން ޖެހޭ ބިލެއް: ނިހާނު

އަބުރުގެ ބިލަށް ބަހުސް ކުރައްވަމުން ނިހާނު ވިދާޅުވީ ރާއްޖެއަށް ތައާރަފް ކުރަން އުޅެނީ އާ ކަމެއް ނޫން ކަމަށާއި އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ 19 ގައުމަކުން މީގެ އެތައް އަހަރުތަކެއް ކުރިން ކަނޑައަޅާފައިވާ ކަމަށެވެ.

ބައެއް ގައުމުތަކުން ޖޫރިމަނާ ނުދެއްކުމުން ޖަލު ހުކުމްތައް ކަނޑައަޅާފައިވާ ކަމަށާއި ޖަލު ހުކުމެއް ނާންނަ ގޮތަށް އޮތީ ފަސް ގައުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީއާ އެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ލިބިގެން ގޮސް އެ ހައްގު ބޭނުންކުރާ ގޮތާ މެދު ސުވާލު އުފެދޭ މިންވަރަށް ހުދޫދެއް ނެތި އެ ހައްގުގެ ބޭނުންކުރަމުން އަންނަ ކަމަށެވެ. އެހެންވެ ގާނޫނަކުން އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބުރާއި ކަރާމާތާ އެމީހެއްގެ ބުއްދި އާއި ނަފްސު ހިމާޔަތް ނުކުރެވޭ ދައުލަތަކީ އޮތް ދައުލަތެއް ކަމުގައި ނުވާނެ، ހުޅަނގު ގައުމުތަކުން އެހީ ލިބިގެން ބޮޑުވެގެން މިއުޅޭ ޑިމޮކްރަސީއަކީ އިސްލާމީ އުސޫލުތަކާ އެހާ ރައްޓެހި އުސޫލުތަކެއް ނޫން،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވި ގޮތުގައި ބިލު ފަރުމާކޮށްފައި އޮތް ގޮތުން ކުށްވެރިވަނީ ދޮގު ރިޕޯޓެއް ހާމަކުރުމުންނެވެ. މީޑިއާ ނުވަތަ ސޯޝަލް މީޑިއާގައި ފާޅުކޮށްލާ ހިޔާލަކުން އަދި ކުށްވެރިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ހިޔާލުފާޅުކުރުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ހިޔާލުފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކުރުމާއި އަބުރާ ބެހޭ ފަދަ ދޮގު ހިޔާލެއް ފާޅުކޮށްގެން ކުށްވެރިވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވި އެވެ.

ގައުމާ ދޭތެރޭގައި ބޭނުން ގޮތަކަށް ވާހަކަ ދެއްކުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫން ކަމަށާއި ހިތުހުރިހާ ވާހަކައެއް ދެއްކުމުގެ ހުއްދަ އެއްވެސް ތަނެއްގައި ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އެކަނި ދިފާއުކޮށްގެން މަސައްކަތް ކުރާއިރު، ގާނޫނުއަސާސީގެ އެހެން މާއްދާތަކަށް ރިއާޔަތް ކުރަމުން ނުދާ ކަމަށެވެ.

މި ބިލު ކޮމެޓީއަކަށް ފޮނުވައިގެން ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ވިޔަސް، ބިލު ފާސްކުރުމުގެ މުހިންމުކަން ނިހާނު ފާހަގަކުރެއްވި އެވެ.

ކޮމެޓީ މަރުހަލާގައި ބިލު ދިރާސާކުރާއިރު އިދިކޮޅު މެމްބަރުންނާއި ނޫސްވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ބޭފުޅުންގެ ޝަކުވާތައް އަޑުއައްސަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނިހާނު ހުށަހެޅުއްވީ މި ބިލު 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވުމަށެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދޮގު މައުލޫމާތު ފަތުރައިގެން މީހުންގެ އަބުރު ކަތިލައިގެން ސަރުކާރުގެ އަގު ވައްޓާލުމަށް ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ނޫން ކަމަށެވެ.

ގާނޫނުއަސާސީގައި ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގު އޮތްއިރު، އޭގެ އިންތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ވެސް ރިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޫރިމަނާގެ އަދަދު މިހާރަށް ވުރެ ބޮޑު ކުރަން ޖެހޭ ކަމަށާއި ޖޫރިމަނާގެ އަދަދު ބޮޑުކޮށްގެން މީހުންގެ އަބުރަށް އަރައިގަތުން ކޮންމެވެސް ވަރަކަށް ހުއްޓުވޭނެ ކަމަށެވެ.