ޝަހީމް ކުރެއްވި ޓްވީޓް ޑިލީޓްކޮށްފި
ޝަހީމް ކުރެއްވި ޓްވީޓް ޑިލީޓްކޮށްފި

އަޅުގަނޑުމެންނަކީ ޒުވާނުން ކަމަށާއި ވާނީ ޒުވާނުންނާ އެކު ކަމަށް ވިދާޅުވެ ރައީސް އަބްުދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިއްޔެ ކުރެއްވި ޓްވީޓް ޑިލީޓްކޮށްފި އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޗާންސެލަރު ޝަހީމް، މިސްރުގައި ކިޔަވަމުން އަންނަ ޒުވާނުންތަކަކާއެކު ސެލްފީއެއް ނަންގަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސިޔާސީ ބޭނުމަކަށް ބޭނުންކުރި ކަމަށް ބުނެ އެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއާއެކު ޝަހީމް ވަނީ ފޮޓޯ ޑިލީޓްކުރައްވައިފަ އެވެ.

އެ ޒުވާނުން ބުނި ގޮތުގައި، އެއީ އައިޔޫއެމްގެ ވައިސް ޗާންސެލަރަކަށް ޝަހީމް ހުންނެވިއިރު 2016 ވަނަ އަހަރު މިސްރަށް ކުރެެއްވި ދަތުރުގައި ނެގި ފޮޓޯ އެކެވެ. އެއީ ސިޔާސީ އެއްވެސް މަގުސަދެއް ހާސިލްކުރަން ނެގި ފޮޓޯއެއް ނޫން ކަމަށާއި އެކަން ޝަހީމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް، އެ ފޮޓޯގައި ތިބި ޒުވާނުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުންޏެވެ.

"މި ފޮޓޯގެ ހަގީގީ މަގުސަދާ ހިލާފަށް ބޭނުންކުރުމަށް ޖާގަ އެއްވެސް ނުދެވޭނެ. ސަބަބަކީ މި ފޮޓޯގައި ތިބި ޒުވާނުން މި ފޮޓޯ ނަގާފައިވަނީ ރައީސް ޔާމީންގެ ރަނިން މޭޓާ އެކު ޒުވާނުން ތިބިކަން ދިވެހި ރައްޔިތުންނަށް
ދެއްކުމަށް ކަމުގައި ނުވާތީ،" އެ ޒުވާނުންގެ ފަރާތުން ނެރުނު ނޫސް ބަޔާނުގައި ބުންޏެވެ.

އެ ފޮޓޯ ނެގުމުގެ މަގުސަދާ ހިލާފަށް އެ ބޭނުންކޮށް ސިޔާސީ ކޮށްފައިވާތީ އެ ޒުވާނުން ހިތްހަމަ ނުޖެހޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެހެންވެ ޝަހީމް ފަދަ ދީނީ އިލްމުވެރިއަކު، ކަމާ ނުބެހޭ ފަރާތްތަކަށް އެފަދަ އަނިޔާ ނުދިނުމަށާއި ސިޔާސީ އެއްވެސް ވިސްނުމެއް ނެތް ޒުވާނުންގެ ނަން ކިލަނބު ނުކުރަން އެ ޒުވާނުން ވަނީ އިލްތިމާސްކޮށްފަ އެެވެ.