14 ޖުލައި 2018 - 16:51

ބެއިޖިން (ޖުލައި 14) - އެއާ ޗައިނާގެ މަތިންދާ ބޯޓެއް 6،500 މީޓަރު (21،000 ފޫޓް) އަށް ކުއްލިއަކަށް ތިރިވެ އިމަޖެންސީ ހާލަތަކަށް ދިޔައީ ކޯ-ޕައިލެޓް އީ-ސިނގިރޭޓެއް ބުއިމުގެ ސަބަބުން ކަމަށް ތަހުގީގު ޓީމުން ބުނެފި އެވެ.
ތަހުގީގު ޓީމުން ބުނީ ޕައިލެޓުން ފުރަތަމަ އުޅުނީ ހަގީގަތް ސިއްރު ކުރަން ކަމަށާއި ނަމަވެސް ކޯ-ޕައިލެޓް ސިނގިރޭޓް ބޯން ފެށުމާ އެކު ބޯޓުގެ އެއާ ކޮންޑިޝަން ސިސްޓަން ނިއްވާލެވުނު ކަމަށެވެ. އަދި އޭގެ ސަބަބުން އޮކްސިޖަން ލެވެލް ދަށްވި ކަމަށެވެ. ހޮން ކޮންގުން ޑާލިއާން ސިޓީ އަށް ދަތުރު ބޯޓުގެ ކްރޫން ވަނީ އޮކްސިޖަން މާސްކް ރިލީޒްކޮށްފަ އެވެ. އެ ވަގުތު ބޯޓު ވަނީ 21،000 ފޫޓަށް ތިރިވެފަ އެވެ. ފަހުން ބޯޓު ވަނީ މައްޗަށް ނަގައިފަ އެވެ.
ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ތަހުގީގު ކުރުމަށް ފަހު ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ކޮކްޕިޓްގައި އީ-ސިނގިރޭޓް ބުއިމަށް ފަހު ޕަސިންޖަރުންނާ ހަމައަށް ދުން ހިނގައިދާނެތީ ކޯ-ޕައިލެޓް ވަނީ ފޭނެއް ނިއްވާލަން މަސައްކަތް ކޮށްފައި ކަމަށެވެ. އެކަމަކު އޭނާ އަށް ނިއްވާލެވުނީ އެއާ-ކަންޑިޝަން ޔުނިޓް ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އެކަމަކު އެއާ-ކަންޑިޝަން ނިންވާލެވިފައިވާކަން ފާހަގަވުމާ އެކު ކޯ-ޕައިލެޓް އަލުން ވަނީ ޔުނިޓް އޮންކޮށް ބޯޓު މައްޗަށް ނަގައިފަ އެވެ. އެއާ-ކަންޑިޝަން ނިއްވާލެވުނު ކަމަށް ކޯ-ޕައިލެޓް، ބޯޓުގެ ޕައިލެޓް ގާތު ބުނެފައެއް ނުވެ އެވެ.
ޗައިނާގެ ކަމާބެހޭ އޮފިޝަލުން ބުނީ މި ހާދިސާ އިތުރަށް ބެލުމަށްޓަކައި ބޯޓުގެ ފްލައިޓް ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރު ބަލާނެ ކަމަށެވެ.
މަތިންދާ ބޯޓުގެ ކެބިން ޕްރެޝަރު ދަށްވެއްޖެ ނަމަ ބޯޓު ވަރަށް ބޮޑަށް ތިރިކޮށްލުމަކީ ޕައިލެޓުން ކުރާ ކަމެކެވެ. ޗައިނާގެ ބޯޓުތަކުގައި އީ-ސިނގަރޭޓް ބޭނުން ކުރުން ވަނީ 2006 ވަނަ އަހަރު މަނާކޮށްފަ އެވެ. އަދި ޗައިނާގެ ބޯޓުތަކުގައި ކްރޫން ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.