ޗެލްސީގެ ކޯޗަކަށް ސާރީ ހަމަޖައްސައިފި
ޗެލްސީގެ ކޯޗަކަށް ސާރީ ހަމަޖައްސައިފި

ލަންޑަން (ޖުލައި 14) - ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ މަގާމަށް ނަޕޯލީ އަށް ކުރިން އިރުޝާދުދިން އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ ހަމަޖައްސައިފި އެވެ.

ޗެލްސީގެ ކޯޗުގެ މަގާމު ހުސްވީ އިއްޔެ ކުރިން އެ ޓީމަށް ކޯޗުކޮށްދިން އިޓަލީގެ އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކިކުރުމުންނެވެ. ސާރީ ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އިޓަލީ އަށް އުފަން ސާރީ ޗެލްސީގެ ކޯޗުކަމަށް ގެނައިއިރު، އޭނާ އަކީ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް 2003 ވަނަ އަހަރު އެ ޓީމު ގަތް ފަހުން އެ ޓީމާ ހަވާލުވާ ފުލްޓައިމް ނުވަ ވަނަ ކޯޗެވެ. ސާރީ ބުނީ ޗެލްސީއާ ހަވާލުވުމަކީ އޭނާގެ ކެރިއަރުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

"ޗެލްސީއާ ހަވާލުވެވުމުން އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެންގެ އުއްމީދަކީ ސަޕޯޓަރުން ގަޔާވާފަދަ ހިތްގައިމު ފުޓްބޯޅައެއް ކުޅެގެން މުބާރާތްތަކަށް ވާދަކުރުން،" އުމުރުން 59 އަހަރުގެ ސާރީ ބުންޏެވެ.

ފުޓްބޯޅަ ކޯޗިންގެ ތެރެއަށް 1990 ވަނަ އަހަރު ވަން ސާރީ އެންމެ ފުރަތަމަ އެ މަސައްކަތްކުރީ ބޭންކެއްގައި ވަޒީފާއަދާކުރަމުން ހުސް ގަޑީގަ އެވެ. އޭނާ ފުލްޓައިމްކޮށް ކޯޗިން އަށް ވަނީ 1999 ވަނަ އަހަރެވެ. އޭނާ ފާހަގަވާން ފެށީ 2012 އިން 2015 އަށް އެމްޕޮލީ އަށް ކޯޗުކޮށްދިން ދުވަސްވަރެވެ.

ނަޕޯލީގެ ކޯޗުކަމަށް ސާރީގެ ބަދަލުގައި ގެނައީ ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން އިޓަލީގެ ކާލޯ އަންޗެލޮޓީ އެވެ. ސާރީ ޗެލްސީއާ ހަވާލުވުމުގެ ކަންތައްތައް ލަސްވެގެންދިޔައީ އޭނާ ނަޕޯލީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ސަބަބުންނެވެ. ޗެލްސީން ސާރީ ގެނައީ ނަޕޯލީއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 9.4 މިލިއަން ޑޮލަރު ދެއްކުމަށް ފަހު އެވެ. އަދި ކޮންޓޭ މަގާމުން ދުރުކުރާއިރު އޭނާ އަށް ދޭން ޖެހޭ 11 މިިލިއަން ޑޮލަރުގެ ކޮމްޕެންސޭޝަން ފީ ވެސް ޗެލްސީން ދެއްކި އެވެ.

ކޮންޓޭ އަކީ ފާއިތުވި ތިން އަހަރު ތެރޭ އެފްއޭ ކަޕް ކާމިޔާބު ކުރުމަށް ފަހު ވަޒީފާ ގެއްލުނު ދެ ވަނަ ކޯޗެވެ. މެންޗެސްޓާ ޔުނައިޓެޑަށް 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ހޯދައިދިން ލުއީ ވެން ހާލް ވަނީ އެ ޓީމުގެ ކޯޗުކަމުން ދުރުކޮށްފަ އެވެ.

ސާރީ ޗެލްސީގެ ކޯޗުމަކާ ހަވާލުވިއިރު އޭނާއާ އެކު ނަޕޯލީގައި މަސައްކަތްކުރި އިޓަލީގެ މިޑްފީލްޑަރު ޖޯޖިނިއޯ ޗެލްސީއާ ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ އާއި މި ފަހަރުގެ ވޯލްޑް ކަޕްގައި ރަޝިއާ އަށް މޮޅު ކުޅުމެއް ދެއްކި އަލެކްސެންޑަ ގޮލޯވިން ވެސް ޗެލްސީ އަށް ބަދަލުވާނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

ސާރީ އަށް ކުރަން ޖެހޭނެ އަނެއް ކަމަކީ އެ ޓީމުގެ ބްރެޒިލް ވިންގް ވިލިއަން އާއި ބެލްޖިއަމް ތަރި އެޑެން ހަޒާޑްގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމުމެވެ. އަންނަ ސީޒަނުގައި ޗެލްސީ އަށް ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބިފައިނުވާއިރު، ހަޒާޑާއި ވިލިއަން އެ ޓީމު ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.