15 ޖުލައި 2018 - 07:23

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އެ ގައުމުގެ މަޝްހޫރު މިއުޒިކް ލެޖެންޑް އެލްޓަން ޖޯން އެއިޑްސްއާ ދެކޮޅަށް ކެމްޕޭނެއް ލޯންޗް ކުރަން ނިންމައިފި އެވެ.
އުމުރުން މިހާރު 71 އަހަރުގެ ލަވަކިޔުންތެރިޔާގެ އެއިޑްސް ފައުންޑޭޝަނުން ބުނި ގޮތުގައި ޕްރިންސްއާ ހެރީއާ ގުޅިގެން ފަށާ ކެމްޕޭން ލޯންޗް ކުރުން އޮންނާނީ މި މަހުގެ 24 ގައި ނެދެލަންޑްސްގެ ވެރިރަށް އެމްސްޓެޑަންގައި ފަށާ މި އަހަރުގެ އިންޓަނޭޝަނަލް އެއިޑްސް ކޮންފަރެންސްގަ އެވެ.
މިދިޔަ މެއި މަހު ހޮލީވުޑްގެ ބަތަލާ މޭގަން މާކަލްއާ ކައިވެނި ބައްލަވައިގަތް ޕްރިންސް ހެރީ މިހާރު ވެސް އިޖުތިމާއީ އެކި މަސައްކަތްތައް ކުރައްވެ އެވެ.
ހެރީގެ އަވަހާރަވެފައިވާ މަންމާފުޅު ޕްރިންސަސް ޑަޔާނާ ވެސް އެއިޑްސްއާ ދެކޮޅަށް އެފްރިކާ ބައްރުގެ ގައުމުތަކުގައި މަސައްކަތް ކުރެއްވި އެވެ.
އެލްޓަން ބުނި ގޮތުގައި ހެރީ ވަނީ މީގެ ދެ އަހަރު ކުރިން ވެސް އޭނާގެ ފައުންޑޭޝަނުން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފޯރަމެއްގެ ޕެނަލެއްގައި މަސައްކަތް ކުރައްވައިފަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން އެއިޑްސްއާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، ބަލި ޖެހޭ ފިރިހެނުންގެ އަދަދު ދަށަކަށް ނުދެ އެވެ. އެހެންވެ މިއީ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ މައްސަލައެއްގެ ގޮތުގައި ޔޫއެންއެއިޑްސް އިން ވެސް ފާހަގަކޮށްފައިވެ އެވެ.